ނ. ވެލިދޫ ކައިރީގައި އޮންނަ ފިނޮޅެއް ކަމަށްވާ، ވިހަފަރުގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ރޭ ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.
ވެލިދޫ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް، ރޭ އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނު، "މަތިންދާބޯޓެއްގައި ވިހަފަރަށް ޖައްސާލުން ކިހިނެއް ވާނެތޯ" އާއި އެކަމަކު އެކަން ކުރެވޭނީ ކުރިއަށް އޮތް އިންތިހާބުގައި އެ މަނިކުފާނަށް ދެ ވަނަ ފަހަރަށް ފުރުސަތެއް ލިބިގެން ކަމަށެވެ.
"އޭރަށް ހަމަ ގައިމު ވެސް ވެލިދޫގެ ރައްޔިތުން ވެސް އުފާވާނެ. ހޮޅުދޫގެ ރައްޔިތުންގެ ވެސް އުފާވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވުމާއެކު، ޖަލްސާގައި ތިބިި ގިނަ ބަޔަކު ކޮޅަށް ތެދުވެ، އަތްޖަހައި އުފާފާޅުކުރަން ފެށި އެވެ.
ވިހަފަރަކީ ވެލިދުއާ ވަރަށް ކައިރީގައި އޮންނަ ފިނޮޅެކެވެ. ވެލިދޫގެ ގިނަ ބަޔަކު އެތަނުން ވެލި ނަގާތީ، ފިނޮޅު ވަރަށް ކުޑަވެފައި އޮތް ނަމަވެސް، އެއީ ވަރަށް ބޮޑަށް ހިއްކާލެވޭނެ ތަނެކެވެ.
ވެލިދޫ ކައިރީގައި އެއާޕޯޓެއް އަޅާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައި ވެ އެވެ. އެކަމަކު އެކަން ކުރާނެ ވަކި ތަނެއް ވިދާޅުވީ ރޭގެ ޖަލްސާގަ އެވެ. ނ. އަތޮޅު މާފަރުގައި އެއާޕޯޓެއް އޮތް ނަމަވެސް ވެލިދޫގެ މީހުން އާއްމުކޮށް ބޭނުން ކުރަނީ ރ. އިފުރު އެއާޕޯޓެވެ.
ރައީސް ޔާމީން ނ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ވަނީ އިއްޔެ ހުޅުވައިދެއްވައިފަ އެވެ.
"މި ފުރުސަތު ވެލިދޫ ރައްޔިތުން ދީފި ނަމަ، އަޅުގަނޑު ދެން ބައްދަލުކޮށްލާނީ މިއަށް ވުރެ އުފާވެރި މާހައުލަކުން. އެ ދުވަހު އެންމެ ކުރީގައިި، ތިއްބަވަން ޖެހޭނީ ރީތި ޕަރީންތައް. ފިޔާތޮށި ބުރުގާގައި ތިއްބެވި ބޭފުޅުން އަޅުގަނޑު ރިސީވް ކުރައްވަން ވަޑައިގަންނަވަން ވާނެ،" ފިޔާތޮށި ކުލައިން ޖަރީވެގެން ތިިބި، ޕީޕީއެމްގެ ސަޕޯޓަރުންނާ ސަމާސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވެ އެވެ