ކުލަ ގަދަ ރަސްމިއްޔާތުތަކަށް ފަހު، ބްރިޖް އާއްމުންނަށް ހުޅުވާލާނީ އަންނަ މަހު 7 ގައި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު ހުޅުވަން، ވީހާވެސް ގިނަ ރައްޔިތުންނާ އެކު ކުލަ ގަދަ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ފަހު، ބްރިޖުގެ ދަތުރުތަކަށް ހުޅުވާލާނީ އަންނަ މަހުގެ 7 ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ބްރިޖު ހުޅުވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާދަމާ ރޭ އޮންނަ ކުލަ ގަދަ ރަސްމިއްޔާތުން ފެށިގެން، މި މަޝްރޫއުގެ އުފާފާޅުކުރުން ހަފުތާއަކަށް ދިގު ދެމިގެންދާނެ ކަމަށެވެ. އެއަށްފަހު، އާއްމު ދަތުރުތަކަށް ބްރިޖު ރަސްމީކޮށް ހުޅުވާލާނީ، އަންނަ މަހު 7 ގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހާ ރައްޔިތުންނަށް އަޅާފައިވާ ބްރިޖު ހުޅުވާއިރު ސަރުކާރުގެ ވިސްނުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކި އުމުރުފުރާތަކުގެ ގިނަ ބަޔަކު އެ އުފަލުގައި ބައިވެރިކުރުމެވެ. އެހެންވެ، މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ، ބްރިޖު ހުޅުވުމުގެ ކުލަ ގަދަ ހަފުލާ އަށް ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނާއި އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ ގޮތަށް އެކި ދާއިރާތަކަށް ވަނީ ދައުވަތު ދީފަ އެވެ.

މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަލީ ނިޝާތު/މިހާރު

އޭގެއިތުރުން ވެސް، އެ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ އާއްމުންނަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ބްރިޖު އެންމެ ބޮޑަށް ފެންނާނެ، އާޓިފިޝަލް ބީޗު ސަރަހައްދުން ޖާގަ ނުދެވޭ މީހުންނަށް، ކާނިވާ ސަރަހައްދުގައި ސްކްރީން ބަހައްޓައިގެން އެ ރަސްމިއްޔާތު ބެލުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ބޭނުންފުޅު ވަނީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިކުރަން. އެއީ އުފާވެރި، ކުލަ ގަދަ ރަސްމިއްޔާތަކަށް ވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖު ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ ހަވާ އެރުވުމާއި ލޭޒާ ޝޯއަކާ އެކުގަ އެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުން، ބަޑި ބޭހުގެ ކުޅިވަރުތައް ގެންދާނީ، އެކަމުގެ ތަޖުރިބާކާރު، އަދި ހަވާއެރުވުމުގެ ރެކޯޑު އޮތް ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖުމަތީގައި ހަވާ އެރުވުމުން، ލޮޅުން އަރައި، ރެނދުލާނެ ކަމަށް ވާހަކަ ފަތުރަމުންދާ ކަމަށް ވިދާޅުވެ މިނިސްޓަރު އެކަން ދޮގު ކުރެއްވި އެވެ. ބްރިޖު ހަދާފައި ވަނީ، އެފަދަ ކަމަކުން ރެނދުލާ ވަރަށް ވުރެން، މާ ފުރިހަމަ އަށް ކަމަށް ވިދާޅުވި އެވެ.

ބްރިޖު ހުޅުވުމަށް ފަހު ހަފުތާއަކަށް ތަފާތު އިވެންޓުތައް ބާއްވާނެ އެވެ. އޭގެތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ކިޔަވާ ކުދިންނާއި ކުޅިވަރު ކުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުން ފަދަ އެކި ދާއިރާތަކުގެ މީހުން ބްރިޖަށް އަރައި އެތަނުގައި ފޮޓޯ ނެގުމާއި ހިނގުމުގެ ފުރުސަތު ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބްރިޖު މަތީގައި ކައިވެނިކުރުމުގެ ހަފުލާތައް އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން، ފަސް ކައިވެންޏެއް ބްރިޖުގައި ކުރަން ނިންމައި ތައްޔާރީތައް ވެސް ހައުސިން މިނިސްޓްރީން ކުރިއަށް އެބަގެންދެ އެވެ.

ބްރިޖުގެ ފީ އަދި ކަނޑައެއް ނާޅާ

ބްރިޖުގެ ޓޮލް ނުވަތަ ދަތުރުތަކުގެ އަގެއް އަދި ކަނޑައެއް ނާޅަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ފީގެ މަޝްވަރާތައް ކަމާބެހޭ އިދާރާތަކާ އެކު މިހާރު ކުރިއަށް އެބަދެ އެވެ. އެކަން ނިމުމާއެކު، އަގުތައް އާއްމުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، ފީ ކަނޑައެޅެންދެން ދަތުރުތައް ހިލޭ ކުރެވޭނެ އެވެ.

މާލޭ ކޮޅުން ބްރިޖަށް ވަންނަ ގޭޓުގެ މަސައްކަތް ކުރިއަށް ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދަތުރުތައް ފެށުމާ، އަގާ ގުޅުމެއް ނެތް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ، ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަގުތައް ކަނޑައަޅާނީ، ރައްޔިތުންނަށް ތަކުލީފެއް ނުޖެހޭނެ ގޮތަށް ކަމުގެ ޔަގީން ކަން ވެސް މުއިއްޒު ދެއްވި އެވެ.

"ޓޮލް ނަގަނީ ރައްޔިތުންގެ އަތުން ބޮޑު އަދަދެއް ނަގާކަށް ނޫން. އެ އަދަދަކީ ރަނގަޅު އަދަދެއް ކަމަށް ކޮންމެ ބޭފުޅަކަށް ވެސް ގަބޫލުކުރެވޭ ވަރެއް ކަނޑައެޅިގެންދާނީ،"

ބްރިޖުގެ ދަތުރައް ފެށުމާއެކު މާލޭގައި ތިބެގެން ޗެކިންކޮށް، ލަގެޖު ދޫކޮށްލެވޭނެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކަށް. --މިނިސްޓަރު

މުއިއްޒު ވިދާޅުވީ، ބްރިޖުގެ ހަތަރު ލޭން އިންނައިރު، ކޮންމެ ފަޅިއަކުން އެއް ލޭން ޚާއްސަ ކޮށްފައި ވާނީ އެމްޕީއެލްގެ ބަހަށް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓަށާއި ސައިކަލްތަކަށް ކަމަށެވެ. އަނެއް ލޭން ޚާއްސަ ކޮށްފައި ވަނީ ކާރަށާއި އެހެނިހެން ވެހިކަލްތަކަށެވެ.

ބްރިޖު ކައިރިން ލޯންޗެއް ދަތުރުކޮށްފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ބްރިޖުގެ ދަތުރުތައް ފަށަންވާއިރަށް ތާރު އަޅައިގެން ހަދާ މަގުތައް ނިމޭނެ އެވެ. އެއާއެކު، ސިޓީ ޗެކިންގެ ޚިދުމަތް ނުވަތަ މާލޭ ކޮޅުގައި ތިބެގެން ޗެކިން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ އެވެ. އެކަން ކުރިއަށްދާނީ، ބަސް ޓާމިނަލް ހުންނަ އިންޑަސްޓްރިއަލް ވިލެޖުގަ އެވެ.

"މާލޭގައި ތިބެފައި ޗެކިންގެ ކަންކަން މި ނިންމަނީ، އެއާޕޯޓަށް ނުގޮސް. މާލޭގައި ތިބެގެން ޗެކިންކޮށް، ލަގެޖު ދޫކޮށްލެވޭނެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކަށް ވެސް. އެ ޚިދުމަތް ވެސް ސެޕްޓެމްބަރު 7 އިން ފެށިގެން ދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.