އެމްއެންޔޫގެ ގުރެޖުއޭޝަން ބްރިޖް މަތީގައި ބާއްވަނީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު މަތީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގުރެޖުއޭޝަން ބޭއްވުމަށް މިއަދު ނިންމައިފި އެވެ.


ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޔޫގެ އެދިފައިާތީ، އަންނަ މަހުގެ ދެވަނަ ދުވަހު އެ ޔުނިވާސިޓީގެ ގުރެޖުއޭޝަން ބޭއްވުމަށް ރައީސް އަބްދުﷲ ޔާމީން ހުއްދަ ދެއްވި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސިނަމާލެ ބްރިޖްގެ ނަން ބްރިޖް މިރޭ ހުޅުވާނީ ހަވާ އެރުވުމާއި ލޭޒާ ޝޯއަކާ އެކުގަ އެވެ. އެގޮތުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުން، ބަޑި ބޭހުގެ ކުޅިވަރުތައް ގެންދާނީ، އެކަމުގެ ތަޖުރިބާކާރު، އަދި ހަވާއެރުވުމުގެ ރެކޯޑު އޮތް ބައެއް ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

އާންމު ދަތުރުތަކަށް ބްރިޖު ހުޅުވައިލާނީ އަންނަ މަހު 7 ގަ އެވެ.

ޗައިނާގެ ސީސީސީސީ އިން ހެދި މި ބްރިޖަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.