ރައީސް ޔާމީން، ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

ރައީސް އަބްދުﷲ ޔާމީން ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ހަވީރު ފުރަތަމަ ވަޑައިގަންނަވާނީ ނައިފަރަށެވެ. އޭގެ ފަހުން، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް ހިންނަވަރުގެ އިތުރުން ކުރެންދު އާއި އޮޅުވެލިފުއްޓަށް ވެސް ރައީސް ޔާމީން ވަޑައިގަންނަވާނެ އެވެ.

ރައީސް އޮފީހުން ބުނީ، މިއީ އެ ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބައެެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވުމަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެހެންވެ، ރަސްމީ ބައިގެ އިތުރުން، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ބައެއް ކަންކަން ވެސް ރައީސް ޔާމީން ކުރިއަށް ގެންދަވާނެ އެވެ.

ރިޔާސީ އިންތިޚާބު ބާއްވަން 22 ދުވަހަށް ވެފައިވާއިރު، ރަސްމީ ހައިސިއްޔަތުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ވެސް ރައީސް ޔާމީން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް މިހާރު ވަނީ ގިނަ ކުރައްވައިފަ އެވެ.