ބައި އަޅާ ގޮތަކަށް ސަރުކާރެއް ނުހިންގޭނެ: ރައީސް ޔާމީން

ބައި އަޅާ ގޮތަކަށް ސަރުކާރެއް ނުހިންގޭނެ ކަމަށާއި އެކަން މާޒީން ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން، އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


ކެމްޕޭން ކުރެއްވުމަށް އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އއ. ތޮއްޑޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ބޮޑުމަހުގެ ބަނޑު ދަށުގައި ކުދި މަސް ތަތްވެގެން އުޅޭ އުސޫލުން ކަންކަން ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކޯލިޝަނެއް ހެދީމާ ބޮޑު މަހެއްގައި ބައްދައިގެން އުޅުމަކީ ދަތި ކަމަކަށް ވަނީ. އެހެންވީމާ އެ ބޮޑު މަސްތައް މި ފަހަރު އަޅުގަނޑުމެން މި ނިންމީ ގާދޫކޮލުން ބޭރަށް ނުދާން." މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީއޭ އާއި ޑީއާރްޕީއާ އެކު ކޯލިޝަން ހަދައިގެން ޕީޕީއެމުން މަސައްކަތް ކުރި ނަމަވެސް އެ ޕާޓީތަކުގެ ފަރާތުން ސަރުކާރު ހިންގުމަށް އުނދަގުލެއް ނުވެ އެވެ.

"އެ ޕާޓީތަކުގެ ފަރާތުން އަޅުގަނޑުމެންނަށް އުނދަގޫވާ ކަންކަމެއް ނުހުރޭ. އެކަމަކު [ޕީޕީއެމާ އެކު ކުރިން ކޯލިޝަން ހެދި ޕާޓީތައް] އަހުދެއް ކޮށްފިއްޔާ އުވާލާނެ. ވާހަކައެއް ބުނެފިއްޔާ ދޮގު ހަދާނެ. ކަމެއް ކޮށްދޭން ބުނެފިއްޔާ އެކަމަކަށް ފުރަގަސް ދޭނެ،" ރައީސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ހިތި ތަޖުރިބާ ސިޔާސީ މައިދާނުގައި. އެއީ ކޯލިޝަނެއް ހަދައިގެން ކަންތައް ކުރަން އުޅުނީމަ މިހާ ހިސާބަށް އައި އިރު ކުރަން ޖެހުނު ތަޖުރިބާއަކީ."

ރައީސް ޔާމީން ވިދާޅުވީ މި ވާހަކަ މި ގޮތަށް ފުރަތަމަ ވިދާޅުވި ބޭފުޅަކީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ރައީސް ޔާމީން، ތޮއްޑުއަށް މިއަދު ވަޑައިގެން ބޭއްވެވި ޖަލްސާގައި އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅު ހިއްލާލައްވައި ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑަށް ވުރެ ކުރިން މި ވާހަކަ ވިދާޅުވީ ރައީސް ނަޝީދު. ކޯލިޝަނެއް ހަދައިގެން ނޫނީ ބައި އަޅައިގެން ސަރުކާރެއް ނުހިންގޭނެއޭ. މިއަށް ވުރެ މޮޅު ތެދު ވާހަކައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ދެން ކިހިނެއްތޯ މިއަދު އެ ބޭފުޅުން ދައްކަވާ ވާހަކަ ގަބޫލު ކުރާނީ."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވާ ގޮތަށް ބޮޑެތި ހުރިހާ ކަންކަން ނިންމާނީ ހަތަރު ލީޑަރުންގެ މަޝްވަރާއާ އެކު ކަމަށް ނިންމުމަކީ ސަރުކާރެއް ހިންގޭނެ ގޮތެއް ނޫނެވެ.

"އެހެންވީމާ އަޅުގަނޑަށް ހީވަނީ ރައީސް އޮފީހުގައި ވެސް މި ހަތަރު ލީޑަރުން އަބަދު ތިބެން ޖެހޭނެހެން. އެ ވެދާނެ އެކަންކަން ހަމަ އެހެން ހިނގާފާނެ ކަމަށް. ރައީސް ނަޝީދު ވެރިކަން ކުރެއްވި އިރު ވެސް ދޮން ފަރަންޖީންގެ ދެ މީހުން އަބަތު އެތާ ތިބޭ ރައީސް ނަޝީދު ކަންކަން ކުރައްވަންވީ ގޮތް ކިޔައިދޭން،" ރައީސް ވިދާޅުވި އެވެ.

އިބޫ ރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކަތަކަށް ޖޯކު ޖައްސަވަމުން ރައީސް ޔާމީން ވިދާޅުވީ، އިބޫ ދައްކަވަނީ މުޅިން ވެސް އެ މަނިކުފާނު ކޮށްދެއްވާފައި ނޫނީ ކޮށްދެއްވަން ވިދާޅުވާ ކަންތައްތައް ކަމަށެވެ. އެހެންވެ އިބޫ އަށް ޖެހިވަޑައިގެންފައިވާ ހާތަލާ ދޭތެރޭ ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާ އިން މިހާތަނަށް ހޯދި އެންމެ ބޮޑެތި ކާމިޔާބީތައް ވެސް ހޯދާފައި ވަނީ މި ސަރުކާރުގެ ދުރު ވިސްނޭ ސިޔާސަތުގެ ތެރެއިންނެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓްގެ ވިސްނުންފުޅުގައި ތައުލީމީ ދާއިރާ އަށް ގެންނާނެ ހަރުދަނާ ކުރިއެރުމެއްގެ ވާހަކަ ނެތް ކަމަށް ވިދާޅުވި އެވެ.

"ކުދިކުދި ރަށްރަށް ވަޑައިގެން އެ ވިދާޅު ވަނީ ކަލޭމެން ކުދިން ކިޔަވަން ބޭނުން ކަމަށް ވަންޏާ ރާއްޖޭން ބޭރަށް ފޮނުވައި ދޭނަމޭ. ނޫން އެހެނެއް ނޫން ވިދާޅުވަނީ ދެއްތޯ؟ އެ ބޭފުޅުންގެ ޝައުގުވެރިކަން އޮތްލެއް ބޮޑުކަމުން މި ވިދާޅުވީ ކިޔަވަން ދުނިޔޭން ބޭރަށް ވެސް ފޮނުވާލާނަމޭ. އެހެންވީމާ ދެން އަޅުގަނޑުމެންނަށް މި ޖެހުނީ އަނެއްކާ ވެސް ރޮބޮޓްތަކެއް ތައްޔާރުކޮށްގެން މި ކުދިން ދުނިޔޭން ބޭރަށް ގޮސް ފަޒާގެ ތެރެއިން އެ ކުދިން އަނބުރާ ގެންނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތޮއްޑޫން މަރުހަބާ ކިޔަނީ.

ރައީސް ޔާމީން ވިދާޅުވީ ގޮތުގައި އެ މަނިކުފާނު ވަނީ މިހާތަނަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދޭން މަސައްކަތްޕުޅު ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނީ ދެވަނަ ދައުރަކަށް އެ މަނިކުފާނު އިންތިހާބުކޮށް ދީގެން ކަމަށް ވިދާޅުވި އެވެ.

ތޮއްޑު އަށް ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި އެ ރަށުން ނަގާފައި ހުރި ވަގުފު ބިންތައް އަލުން ރައްޔިތުންނަށް ދޫކުރުމާއި އާ ސްކޫލެއް އިމާރާތްކޮށް ދިނުމާއި ރަށުގެ ބަނދަރު ބޮޑުކޮށް ދިނުމާއި ފުޓްސަލް ދަނޑެއް ވެސް އަޅައިދިނުން ހިމެނެ އެވެ. އަދި އެ އުންމީދުތައް ހާސިލު ވާނީ މި ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓް ނަމްބަރު އެެކަކަށް ވޯޓް ދީގެން ކަމަށް ވިދާޅުވި އެވެ.

"ތޭވީސް ވަނަ ދުވަހުގެ ވޯޓަކީ އެއް ވަނަ ނަމްބަރަށް ދެއްވާ ވޯޓަށް ހައްދަވަން އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.

"...މި އަމާނާތަށް ކަމޭ ހިތްތަވާ. އެކަން ނުވެއްޖެ ކަމަށް ވަންޏާ ލޮލުން ފާއްދާލާ ކަރުނަ ދުވަހަކު ވެސް އަޅުގަނޑުމެންގެ ލޮލުން ފޮހެވިގެން ނުދާނެ."