އަންހެނެއްގެ އަތުން ދަބަހެއް ފޭރުނު މައްސަލަ ތަހުގީގުކުރަން ފަށައިފި

ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން ދަބަހެއް ފޭރިގަތް މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.


ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މަގުމަތިން ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން، އެހެން ސައިކަލެއްގައި ދިޔަ ދެ ފިރިހެނަކު ދުވާލުގެ ވަގުތެއްގައި ދަބަހެއް ފޭރިގެންފައިވާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.

އެފަދަ ހާދިސާތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުމުގެ ބަދަލުގައި އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާ ކުރުމަށް ވެސް ފުލުހުން އެދެ އެވެ.

މަގުމަތިން ދިޔަ އަންހެނެއްގެ ދަބަސް ފޭރޭ ވީޑިއޯ

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މަގު ފޭރުނު ހާދިސާއެއްގެ ވޯޑިއޯ އެކެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ސައިކަލުގައި ދިޔަ އަންހެން މީހާގެ އަތުން، ދަބަސް ޖަހައި ނުގަނެވުމުން ދެ ފިރިހެނުން ތިބި ސައިކަލް، އެ އަންހެން މީހާގެ ސައިކަލުގެ ކުރި މައްޗަށް މަޑުކޮށް އޭނާ ހުއްޓުވަ އެވެ. އެ އަށް ފަހު ސައިކަލު ފަހަތުގައި އިން ފިރިހެން މީހާ ފައިބައި ގޮސް އަންހެން މީހާގެ ދަބަސް ޖަހައިގަނެ ސައިކަލަށް އަރައިގެން ދިޔައީ އެވެ. އެ އަންހެން މީހާ ސައިކަލުން ފައިބައިގެން އެހީތެރިކަމަށް އެދި ގޮވައި ހަޅޭއްލެވި ނަމަވެސް އެ ސަރަހައްދުން އެ ވަގުތު ދަތުރު ކުރި މީހެއްގެ ފަރާތުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދިން ތަނެއް ނުފެނެ އެވެ.

ފުލުހުންގެ ޓްވީޓް

ފޭރުމުގެ އެ ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި އިތުރު ބަޔަކު ވެސް ތިއްބެވެ. ނަމަވެސް އެކަން ހުއްޓުވަން އެކަކު ވެސް ކައިރިއެއް ނުވެ އެވެ.