އާ ރަންވޭ ނުހުޅުވަނީސް އެއާ އިންޑިއާގެ ބޯޓެއް ޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހަދައި، އަދި ނުވެސް ހުޅުވާ އޮތް ރަންވޭގައި އެއާ އިންޑިއާގެ ބޯޓެއް މިއަދު ޖައްސައިފި އެވެ.


އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޭނުން ކުރަން އަދި ހުއްދަ ވެސް ނުދީ އޮތް ރަންވޭ އަށް މިއަދު އެ ބޯޓު ޖެއްސީ މެންދުރު ކަމަށެވެ.

"އެކަން އަޅުގަނޑުމެން މި ދަނީ ބަލަމުން. ހުރިހާ އެއާލައިނަކަށް ވެސް އަޅުގަނޑުމެން ވާނީ އަންގާފައި އާ ރަންވޭއެއް ހަދަމުންދާ ކަމަށާއި އެ ރަންވޭ އަދި ބޭނުން ކުރަން ނުފަށާ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބަލަނީ އެ ބޯޓު ދުއްވީ އާ ކެޕްޓަނެއްތޯ."

އެއާ އިންޑިއާގެ ބޯޓު ވެލާނާ އެއާޕޯޓްގައި

އޭނާ ވިދާޅުވީ އެއީ އެއާ ޓްރެފިކް ކޮންޓްރޯލްގެ ކަމަކުން ދިމާވި ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"އެއާ ޓްރެފިކުން ބުނާނީ ރަންވޭ ކްލިއާ އޭ،" އޭނާ ވިދާޅުވި އެވެ.

އާ ރަންވޭ އަށް އެއާ އިންޑިއާގެ އޭ 320ގެ ބޯޓު ޖެއްސި އިރު، އޮފިޝަލް ވިދާޅުވީ ރަންވޭ ސާފުކޮށްފައި އޮތް ނަމަވެސް ރަންވޭ މަތީގައި ރަސްގެ ޖަހާފައި ހުރި ފޮތިތައް ވެސް ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބޯޓު ޖެއްސި އިރު އެއިން ފޮތިގަނޑެއްގައި އަޅައިގެންފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނުހުޅުވާ ރަންވޭ އަށް ބޯޓު ޖެއްސިކަން އެއާ އިންޑިއާގެ އޮފިޝަލަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ކަށަވަރުކޮށްދީފައި ވިޔަސް އިތުރަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭގައި ވޯޓުގެ ކުރިން އޭ 380 ގެ މަތިންދާ ބޯޓު ޖައްސާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރެވެ. މި ރަންވޭގައި ފުރަތަމަ ޖައްސާ ބޯޓަކީ ވެސް އޭ 380ގެ ބޯޓަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.