މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައިފި ކަން މިރޭގެ ޖަލްސާގެ އަދަދުންނާއި އެކި ރަށްތަކުގައި ތިބި ސަޕޯޓަރުންގެ އަދަދުން ޔަގީންވެއްޖެ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރަން، "ބްރިޖު ސަޅި" ނަމުގައި އަލިމަސްކާނިވަލުގައި ކުރިއަށްދާ ޖަލްސާގައި ޝަހީމް ވިދާޅުވީ ވެރިކަމުގެ ދެ ވަނަ ދައުރެއް ރައީސް ޔާމީން ފުރިހަމަކުރައްވާއިރު، އެ މަސައްޕުޅުތަކުގައި އެއްބާރުލުން ދެއްވައި، ވަފާތެރިކަމާ އެކު ދެމިހުންނަވާނެ ކަމަށެވެ. އެއާއެކު ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ވަފާތެރި، އެމަނިކުފާނު ވަރަށް ލޯބިވާ ނައިބު ރައީސެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
"އަޅުގަނޑު މިރޭ ވެސް ތަކުރާރުކޮށްލަން ބޭނުން ވަނީ، ރައީސް ޔާމީންގެ ރަނިންމޭޓު ކަން ގަބޫލުކޮށްގެން މި ހައްސާސް ވަގުތުގައި އެމަނިކުފާނުގެ އަރިހަށް މިއައީ ސަމާސާކުރާކަށެއް ނޫނޭ. އަޅުގަނޑުގެ މިއައީ، ދިވެހިރާއްޖޭގެ ދީނާއި ގައުމަށްޓަކާ،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ ޖަލްސާގައި ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ގައުމުގެ ވެރިކަން ކުރައްވަން ރައީސް ޔާމީނަށް ވުރެން އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ގާބިލް، ހިތްވަރުގަދަ އެހެން ބޭފުޅަކު ނެތެވެ. ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކީ "ދެތިން ބޭފުޅަކު ނުކުމެ ކަންފަތުގައި ހިފޭނެ" ބޭފުޅަކަށް ވެގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ދީނީ ސިޔާސަތު ކުރިއަށް ގެންދެވި ގޮތަށް ތައުރީފް ކުރައްވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގެ ދީނީ ވަހުދަތު އުފުއްލަވާލެއްވީ ވެސް އެމަނިކުފާނު ކަމަށެވެ.
ރައީސް ކަމުގެ މަގާމަށް 2013 ގައި ރައީސް ޔާމީން ވަޑައިގަތީ، ގައުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް ގައުމުގެ މިސްރާބު ހުރީ "އިރުން ހުޅަނގަށް" ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެކަމަކު ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެ ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖެއަކީ އަމާން ހިތްފަސޭހަތަނަކަށް ހައްދަވައި ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނަށް އުފާވެރިކަން ގެނެސްދެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު މި ދަންނަވަނީ ފަސްޖެހުމެއް ނެތި ރައީސް ޔާމީނަށް ވޯޓު ދެއްވާށޭ. އެއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ދެވޭނެ ވޯޓެއް،" ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ތަޖުރިބާކޮށްފިން، އިސްލާމް ދީނާއި ވަތަނަށް ލޮލޮޅުން އަރާނެ ފަދަ އެއްވެސް ކަމެއް ރައީސް ޔާމީން ނުކުރައްވާނެ."
މި އިންތިޚާބު ރައީސް ޔާމީނަށް ގެއްލިއްޖެ ނަމަ، ޝަހީމް ވިދާޅުވި ގޮތުގައި، ގައުމުގެ މިސްރާބު އަނެއްކާވެސް އިރުން ހުޅަނގަށް ބަދަލުވާނެ އެވެ.
ރައީސް ޔާމީނާ ދެކޮޅަށް ޕާޓީތަކުން ހަދާފައިވާ ކޯލިޝަނަށް ފާޑުވިދާޅުވަމުން ޝަހީމް ވިދާޅުވީ، އެ ނޫނިއްޔާ އަދާވާތްތެރިން ކޯލިޝަން ހަދައިގެން އުޅުނު ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ފިކުރުގެ ގޮތުން ތަފާތު އެ ކޯލިޝަނަކީ އެންމެ އަވަހަށް ރޫޅޭނެ ކޯލިޝަން ކަމަށް ވެސް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި "ރަން ތަބަކަކަށްލާފައި ވެރިކަން އެ ކޯލިޝަނާ ހަވާލުކުރަން ހެޔޮނުވާނެ" އެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ގައުމަށް ގެއްލުން ދޭން އުޅުނު މީހުންނާއި ރާއްޖޭގައި ނަސާރާ ދީން ފަތުރަން އުޅުނު މީހުން ވެސް ތިބީ އިދިކޮޅު ކޯލިޝަންގައި ކަމަށް ވިދާޅުވި އެވެ. އެ މީހުންގެ ބަހަށް ހެއްލި، އިންތިޚާބުގައި ވޯޓު ނުދިނުމަށް ޝަހީމް ގޮވާލެއްވި އެވެ.
މި އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވައިފި ނަމަ، ގައުމުން ހަސަދަވެރިކަމާއި ނަފްރަތާއި ރުޅިވެރިކަން ފިލުވާލައި އެންމެން އެއްބައިވަންތަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވައުދުވެވަޑައިގަތެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަފުތައް ބަދަހިކޮށް އޮއްވައި މި ގައުމުގެ ވެރިކަން އެހެން ބަޔަކަށް ނުކުރެވޭނެ އެވެ. އެހެންކަމުން ޕީޕީއެމްގެ ސަފުތައް ރުކުރުވާލައި، އިންތިޚާބު ކާމިޔާބު ކުރަން ސާބިތުކަމާ އެކު ދެމިތިބުމަށް ޝަހީމް ގޮވާލެއްވި އެވެ.