ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދެއްކުމަކީ އަޅުގަނޑުގެ އިންތިޚާބީ ހައްގަށް އަރައިގަތުން: ރައީސް

ރިޔާސީ އިންތިޚާބާ ގުޅުވައި ބޭރުގެ ގައުމުތަކުން ސަރުކާރުގެ އިސްވެރިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ، ބިރު ދައްކަމުންދާ ކަމަށާއި އެއީ އެމަނިކުފާނުގެ އިންތިޚާބީ ހައްގަށް އަރައިގަތުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ވެސް ޑިމޮކްރަސީގެ ހަމަތައް ގެއްލެމުން ދާތީ ކަންބޮޑުވާ ކަމަށާއި ޑިމޮކްރަޓިކް މިނިވަން އިންތިޚާބަކަށް ހުރަސްއަޅާ މީހުންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އެމެރިކާއިން އިއްޔެ ވަނީ އިންޒާރު ދީފަ އެވެ. އެއާއެކު، ރާއްޖޭގެ ހާލަތު ރަނގަޅުކޮށް މިނިވަން އިންތިޚާބަކަށް ފުރުސަތު ނުދީފިނަމަ، ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލުން ފާސްކޮށްފައިވާ އޮނިގަނޑާ އެއްގޮތަށް، ސަރުކާރުގެ ވެރިންނަށް ފިޔަވަޅު އަޅާނެ ކަމަށް އީޔޫގެ ގައުމުތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދެއްކުމަކީ އިސްތިއުމާރުގެ އަމަލެއް. އެއީ، ދިވެހިންނަށް ހައްގު ގޮތެއް ނޫން. --ރައީސް

ޕީޕީއެމުން، އަލިމަސްކާނިވަލުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި، ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ބިރު ދެއްކުމަށް ވުރެން ބޮޑަށް އިންތިޚާބަށް ނުފޫޒު ފޯރުވޭނެ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. ވެރިކަން ބަދަލުވުމާ ދިމާކޮށް، ކޮންމެ ފަހަރަކު ވެސް ރާއްޖެއަށް ބޭރުގެ ގައުމުތަކުން ޕްރެޝަރުކުރާ ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުންފާޅުކުރައްވައި ރައީސް އެއްސެވީ "ރާއްޖެ ނޫން އެހެން ގައުމެއް ނެތީތޯ" އެވެ.

"ވޯޓާ ދިމާކޮށް މި ކަހަލަ [ބިރުދައްކައި ފިޔަވަޅު އެޅުން ފަދަ] ކަންކަން ކުރަންޏާ، އެއަށް ވުރެން ބޮޑަށް ވޯޓަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެ. އެއަށް ވުރެން ބޮޑަށް މި ރައީސްގެ ނޫނިއްޔާ މި ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަކަށް އަރައިގަނެވޭނެ ގޮތެއް ވެސް ނޯންނާނެ،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާގައި ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅާ ވާހަކަ ތަކުރާރުކޮށް ދައްކަމުންދާތީ، ދެރަވެ، ޖެހިލުންވެވަޑައިގަންނަވަ އެވެ. އެހެންވިޔަސް މިފަދަ ބިރުދެއްކުންތަކާ ހެދި ރައްޔިތުން މާޔޫސް ނުވުމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ދެރަވޭ، ޖެހިލުންވޭ. އެކަމަކު އަޅުގަނޑުމެންގެ ހުރިހާ ކަމެއް އެކަމުގެ މައްޗަށް ނިންމައިގެން ތިބެންޏާ އަބަދު ތިބެން ޖެހޭނީ އަޅުވެތިކަމުގައި. އިސްތިއުމާރުގެ އަޅުވެތި ކަމުގައި. މިއީކީ ދިވެހިރައްޔިތުންނަށް ހައްގު ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވަން ބިރުދައްކަމުން ދަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ނެތް ހާލަތެއް ބޭރުގެ ގައުމުތަކަށް ދައްކައިގެން ކަމަށް ވެސް ވިދާޅުވި އެވެ. ހަގީގީ ސަބަބަކީ، ރައްޔިތުންނަށް ވައުދުތަކެއްވެ، އެ ވައުދު ފުއްދާނެ ފަދަ ވެރިކަމެއް ކުރުމުގެ އުރައްޕެއް އިދިކޮޅުގައި ނެތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން، ހުރިހާ ކަރަކަރައިގައި ތިބި ފާދިރީންނާއި ދެން ވެސް ތިބިއްޔާ ތިބިހާ ބައެއްގެ ވާހަކަތައް އަޅުގަނޑުމެންނަށް އިވިގެން މިދަނީ. މިއީ އިސްތިއުމާރު. އިސްތިއުމާރުގެ ދަށުވީމަ މިނިވަންކަމާއި ސިޔާދަތު އަނެއް ދޮރުން ނުކުންނަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ީޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ސަޕޯޓަރުން: ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާގައި ބައިވެރިވި. -- ފޮޓޯ: މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ މައިދާނުގައި ބަސް ބުނުމުގެ ޝަރަފު ރާއްޖެ ވަނީ ހޯދައިފަ އެވެ. އެ ހައްގު ނިގުޅައިގަނެވޭ ގޮތަށް، އަޅުވެތި ކަމަށް ދާން ދިވެހިން ބޭނުމެއް ނުވެ އެވެ.

އެމްޑީޕީގެ ވެރިކަމަށް އައީ ވެސް ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދެމުން ކަަމަށާއި ވެރިކަމުގައި ތިބެ ވެސް އެ ފުރުސަތު ދިން ކަަމަށް ވިދާޅުވި އެވެ. އެ ޕާޓީ އަށް ދެން ވެރިކަން ލިބިއްޖެ ނަމަ ވެސް ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.