ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި މައުމޫނާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ އުމަރު ޒާހިރު، މިހާރު މާލޭގައި ކުރިއަށް ގެންދާ އިދިކޮޅު ފަރާތްތަކުގެ ޖަލްސާގައި އެބަ ބައިވެރިވެވަޑައިގަންނަވަ އެވެ. މިއީ އިދިކޮޅު ފަރާރްތަކުގެ މިފަދަ ބޮޑު ސިޔާސީ ހަރަކާތަކުން މައުމޫންގެ ސަރުކާރުގެ މިހާ އިސް ބޭފުޅަކު ފެނުނު ފުރަތަމަ ފަހަރެވެ.
އަދުލު އިންސާފު ގާއިމް ކުރަން ހުރަސްއެޅި މައްސަލަ ސާބިތުވެ، މައުމޫން މިހާރު ގެންދަވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން، އިދިކޮޅު ހަތަރު ޕާޓީ ގުޅިގެން ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގައި އުމަރު ޒާހިރުގެ އިތުރުން އަނީސާ އަހުމަދާއި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު އައްބާސް އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ.
ކުރީގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންވި އުމަރު ޒާހިރަކީ މައުމޫންގެ ސަރުކާރުގައި ހުޅުމާލެ ތަރައްގީ ކުރުމާއި މާލޭގެ މަގުތައް ގާ އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫ އާއި ތިލަފުށި ހިއްކުން ފަދަ މުހިންމު މަޝްރޫއުތަކެއް ހިންގެވުމުގައި އެންމެ އިސް މޭސްތިރި އެވެ.
މައުމޫނާއެކު ޕީޕީއެމްގެ ހަރަކާތްތަކުގައި އުމަރު ޒާހިރު ބައިވެރިވަޑައިގެންނެވި ނަމަވެސް އެ މައުމޫން ޕާޓީން ވަކިކުރެއްވި ފަހުން، އުމަރު ޒާހިރު ފަހުން އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދާދި ފަހުން މާލޭގައި ދޮރުން ދޮރަށް ހިންގެވިއިރު މާފަންނު ހުޅަނގު ދާއިރާގެ ގޭގެ އަށް ވަޑައިގެންނެވިއިރު، އުމަރު ޒާހިރުގެ ގެއަށް ވަޑައިގެންނެވި އެވެ. އަދި އިބޫއާ އެކު ނެންގެވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވެ އެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާގެ ބޭބޭފުޅު އައްބާސް އަކީ މައުމޫންގެ ސަރުކާރުގައި ވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އާ ގާނޫނުއަސާސީ އެކުލަވައިލުމަށް އުފެއްދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ފަހަކަށް އައިސް އައްބާސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މައުމޫންގެ ސަރުކާރުގައި ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ވެސް ކުރެއްވި އަނީސާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. ނަމަވެސް، ޕީޕީއެމުން މައުމޫން ވަކިކުރެއްވި ފަހުން އެ ޕާޓީގެ ހަރަކާތްތަކުގެ އަނީސާ ބައިވެރިވެވަޑައިނުގަންނަވަ އެވެ.