އިދިކޮޅު ޖަލްސާ އަށް ޒުވާނުން ނުނިކުތް، މީހުން ގެންދިޔައީ ރަށްރަށުން: ރައީސް ޔާމީން

އިދިކޮޅު ޕާޓީތަކުން، މާލޭގެ އަލިމަސްކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ އަށް މާލެ އިން ޒުވާނުން ނުނިކުތް ކަމަށާއި އެހެންވެ އެ ޖަލްސާ އަށް މީހުން ގެންދިޔައީ ރާއްޖޭގެ އެކި ރަށްތަކުން ކަމަށް ރައީސް އަބްދުﷲ ޔާމީން ލ. ފޮނަދޫގައި ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕާޓީތަކުގެ ހަރަކާތެއް ބާއްވަން ތިން އަހަރަށް ފަހު، މާލެ އިން ބިމެއް ދޫކުރުމުން، މިރޭ ބޭއްވި ޖަލްސާގައި ކާނިވާ ސަރަހައްދު އޮތީ ފުރާލައިފަ އެވެ.

ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެ ޖަލްސާ އަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ބައިވެރިވާން ޒުވާނުން ބޭނުމެއް ނުވި ކަމަށެވެ. އެހެންވެ، ޖަލްސާ ބޭއްވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ގެންގޮސްގެން ކަމަށް ވިދާޅުވި އެވެ.

"މާލެ އިން ޒުވާނުން ނުނިކުތީމާ، ރާއްޖޭގެ އެކި ހިސާބުން އެތައް ބަޔަކު ގެންގޮސްގެން ޖަލްސާ ބޭއްވީ،" މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ޒުވާނުންނަށް އެބަ ވިސްނޭ، ޒުވާނުންގެ ކުރިމަގު އުޖާލާ ކޮށްދިނީ ރައީސް ޔާމީން ކަން. އެ މީހުން ގަބޫލުކުރޭ. އަދި ރައީސް ޔާމީނާއި ރައީސް ޔާމީންގެ ޓީމު މަސައްކަތް ކުރަނީ ޒުވާނުންނަށް ކަންތައްތައް ފަހިކޮށްދޭން ކަން ވެސް އެބަ ގަބޫލުކުރޭ."

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވި ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޒުވާނުން ތިބީ ތަރައްގީއާ އެކު ކުރިއަށް ދިއުމަށެވެ. މި ސަރުކާރުން އަޅައިދިން ބްރިޖާއި ޓާފް ދަނޑުތަކާއި ހޯދައިދިން ވަޒީފާގެ ފުރުސަތުތައް "ސަޅިކަން" އެ މީހުން ގަބޫލުކުރެ އެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި 100،000 އާ ގާތްކުރާ އަދަދަކަށް ވަޒީފާގެ ފުރުސަތުތައް ވެސް ހޯދައިދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ދެއްކެވި ބައެއް ވާހަކަތަކަށް ވެސް ރައްދު ދެއްވި އެވެ. އެގޮތުން، އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އިބޫ ވިދާޅުވި ކަން ފާހަގަކުރައްވައި ވިދާޅުވީ އެގޮތަށް ވިދާޅުވާން ޖެހިވަޑައިގަތީ ޕީޕީއެމުން މަޖުބޫރުކޮށްގެންނެވެ.

އިބޫ މިހާތަނަށް އެހެން ވިދާޅުނުވެގެން އެ ވާހަކަ އަބަދު، ޕީޕީއެމުން ދައްކަމުން އައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިބޫ ދެން ވިދާޅުވާން ޖެހިވަޑައިގަންނަވަނީ ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެން ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދެއްވާނެ ވާހަކަ އެވެ. އެއީ، އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ޖަލްސާ އަށް ރައީސް ޔާމީން މިރޭ ފާޑުވިދާޅުވިއިރު، ޕީޕީއެމުން ވެސް ރޭ ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ގިނަ ކަމަށާއި އެ އަދަދުން ސާފުކޮށްދެނީ ޕީޕީއެމަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ކަމަށް އެމަނިކުފާނު ވެސް ރޭ ވިދާޅުވި އެވެ. އެކަމަކު، މިރޭ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދާ އެކު އިދިކޮޅުގެ ރައްދަކީ "ރައްޔިތުން ތިބި ގޮތް" ރައީސް ޔާމީނަށް މިހާރު ފެންނާނެ ކަމަށެވެ.