ދުނިޔެ ސާފުކުރުމުގެ ބޮޑު ހަރަކާތަށް ރާއްޖެ ވެސް ތައްޔާރު

ކުންޏާ މެދު އާއްމުން ހޭލުންތެރިކުރުވަން މުޅި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތް މާދަމާ ރާއްޖޭގައި ވެސް ފާހަގަކުރަން ނިންމައިފި އެވެ.


"ވޯލްޑް ކްލީންއަޕް ޑޭ 2018" ނުވަތަ "ދުނިޔެ ސާފުކުރުމުގެ ދުވަހު"ގެ ރަސްމީ ހަރަކާތް ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވަނީ އައްޑޫ ހިތަދޫގަ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ސާފުކުރުން އޮންނާނެ ކަމަށް، ރާއްޖޭގައި މިކަން އިންތިޒާމްކުރާ ލެޓްސް ޑޫ އިޓް މޯލްޑިވްސް އިން ބުންޏެވެ.

މީގެ 11 އަހަރު ކުރިން ފެށިގެން މުޅި ދުނިޔޭގައި ބާއްވާ މި ހަރަކާތް އިންތިޒާމްކުރަނީ "ލެޓްސް ޑޫ ވޯލްޑް" ޖަމިއްޔާއިންނެވެ. ލެޓްސް ޑޫ އިޓް މޯލްޑިވްސް އަކީ އެތަނުގެ ރާއްޖޭގެ ގޮތްޕެވެ.

އެ ޖަމިއްޔާގެ ރާއްޖޭގެ އެމްބެސެޑަރު ޔާމީން އާދަމް ވިދާޅުވީ ރިސޯޓުތަކުގައި ވެސް ސާފުކުރުން އޮންނާނެ ކަމަށެވެ. އަދި އެކަމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ދުނިޔެ ސާފުކުރުމުގެ ހަރަކާތެއްގެ ތެރެއިން

"މުޅި ރާއްޖޭގައި އެ ހަރަކާތް އޮންނާނެ. އެކަމަކު ރަސްމީ އިވެންޓް މި އޮންނަނީ އައްޑޫގައި. ކުންޏާ މެދު އާއްމުން ހޭލުންތެރިކުރުވަން ބާއްވާ އެކި ސެޝަންތައް އެ ދުވަހުގެ އެކި ވަގުތުތަކުގައި ހިތަދޫގައި އޮންނާނެ،" ތިމާވެއްޓަށް އާއްމުން ހޭލުންތެރިކުރުވައި ޕްލާސްޓިކް މަދުކުރަން މި އަހަރުގެ ކުރީކޮޅު އުފެއްދި ޖަމިއްޔާގެ އެންމެ އިސް ވެރިޔާ ވިދާޅުވި އެވެ.

ދުނިޔޭގެ 150 ގައުމުގައި ކުރިއަށްގެންދާ ސާފުކުރުމުގައި އެތައް މިލިއަން ވޮލެންޓިއަރުން ބައިވެރިވާނެ އެވެ.

ނިއު ޒިލެންޑުން ފަށާ ހަރަކާތް 36 ގަޑިއިރަށް ފަހު ނިންމާނީ އެމެރިކާގެ ހަވާއީ އަށެވެ.