ހިތަދު އާއި މީދޫ ވެސް ބްރިޖަކުން ގުޅާލާނަން: ރައީސް ޔާމީން

މާލެ އާއި ހުޅުމާލެއާ ދޭތެރޭ ބްރިޖު އެޅި ގޮތަށް އައްޑޫ ހިތަދު އާއި މީދުއާ ދޭތެރޭ ވެސް ބްރިޖް އަޅުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމަށް އައްޑު އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އައްޑޫ ގަމާއި މީދުއާ ދޭތެރޭ ބްރިޖެއް އަޅަން އައްޑޫގެ ތުއްތު ކުއްޖަކު ކުރެހެކުމަކުން އެ މަނިކުފާނުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށެވެ.

އެހެންވެ އެކަމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ހޮވައިފި ނަމަ އެ ބްރިޖް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"...ދަންނަވަންތޯ ވާހަކައެއް ގަމާއި މީދުއާ ދޭތެރޭ ބްރިޖްގެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ލައިޓްކޮށް ނެގިޔަސް އަޅުގަނޑުމެން މި ދައްކަނީ ރަނގަޅު ވާހަކައެއް. [އެހެންވީމާ] މީދު އާއި ހިތަދޫއާ ދޭތެރޭ އަޅުގަނޑު ބްރިޖެއް އަޅާނަން،" ރައީސް ވިދާޅުވި އެވެ. "އެކަން [މާ] ފަސޭހަ. އެކަން ކުރަން އަޅުގަނޑަށް ފަސޭހަ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާލެ އާއި ހުޅުމާލެ ގުޅިފައި އޮތް ގޮތަށް އަޅުގަނޑުމެން ސަރުކާރުގައި މީދު އާއި ހިތަދުއާ ދޭތެރޭ އަޅުގަނޑުމެން ބްރިޖް އެޅީމަ މުޅި އަތޮޅު ގުޅިގެން ދިޔައީ."

ރައީސް ޔާމީން ހުޅުމީދޫގެ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.

ރައީސް ވިދާޅުވީ ތުއްތު ކުއްޖަކު ކުރަހައި ތަސައްވުރު ވެސް ހަގީގަތަކަށް ހައްދަވައި ދެއްވާނީ އެ މަނިކުފާނު ކަމަށާއި ތަރައްގީ ކުރެވޭނީ އެވަރުގެ ވިސްނުން ވެސް ހުރި ބަޔަކަށް ކަމަށެވެ.

"...އެހެންވީމާ ހަމައެކަނި ބްރިޖް އޮންނަ ތަން ތަފާތީ. އެހެން ވެދާނެ ދެއްތޯ؟ އެހެން ނަމަވެސް އެކަން ފުދިގެން ދާނެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާން ވިދާޅުވި ގޮތުގައި ފަހަރުގައި ދެން އައްޑު އަށް ވަޑައިގަންނަވާ ދަތުރެއްގައި ހިތަދޫން މީދު އަށް ވަޑައިގަންނަވާނީ ވެސް އެ ބްރިޖް މަތިން ކަމަށެވެ.

"ތަރައްގީއާ އެކީ ވަޑައިގަންނަވާ ކަމަށް ވަންޏާ ތަރައްގީ [ރައްޔިތުން] ތަޖުރިބާކޮށްފި. އަދި އެކަން ތަޖުރިބާ ކުރެއްވީ ކާކާ އެކީގައިތޯއޭ؟ އަޅުގަނޑާ އެކީ މަސައްކަތް ކުރާ މި ޖީލަކީ ވަރަށް ވެސް އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް މަސައްކަތް ކުރައްވާ ބައެއް،" ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ހިތަދު އާއި މީދޫ ބްރިޖަކުން ގުޅުވައިލާ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ފޭދޫ ސްކޫލްގައި ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާން ވަނީ އާ ދައުރަކަށް އިންތިހާބުކޮށްދީފި ނަމަ އެ ވައުދު ފުއްދަވާނެ ކަމަށް އޭރު ވިދާޅުވެފަ އެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ އައްޑޫގެ އެހެން އަވަށްތަކާ ހުޅުދު އާއި މީދޫން ވަކިން އޮތް ނަމަވެސް އެ ދެ އަވަށަކީ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވެން ޖެހޭނެ ތަންތަން ކަމަށެވެ.

އެގޮތުން ހުޅުދު އާއި މީދޫގެ މެދަށްވާ ގޮތަށް ޒަމާނީ ބޮޑު އިސްލާމީ މަރުކަޒެއް ބިނާކޮށް ދިނުމާއި މީދޫގެ ގިރާ މައްސަލަ ހައްލުކޮށް ދިނުން ފަދަ ކަންކަން ކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވެހިކަލްތަކާ ގުޅޭ ފީތައް ދެއްކުން ފަދަ ކަންކަމަށް ރައްޔިތުންނަށް ރަށުގައި ތިބެގެން ކުރެވޭނެ ގޮތް ވެސް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ވެހިކަލްތަކަށް ދައްކަން ޖެހޭ ފީ ހިތަދު އަށް ނުގޮސް ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"...އަޅުގަނޑު ދަންނަވާނީ ހުޅުދު އާއި މީދޫގެ ރައްޔިތުން ފީތައް ދައްކާކަށް ހިތަދު އަށް ދާކަށް ނުޖެހޭނެއޭ. މިހާރު ވެސް އެކަން ކުރެވޭނެ އިންތިޒާމު ގާނޫނުގެ ތެރެއިން ހަމަޖެއްސޭނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑަކަށް ނުވިސްނޭ ހުޅުދު އާއި މީދޫ ސިޓީއަކަށް ވާން ނުޖެހޭ ސަބަބެއް. މިއީ ދެ ބައްރެއް. ހިތަދޫ ބައްރު ސިޓީއަކަށްވާ އިރު އަޅުގަނޑަށް ނުވިސްނޭ ކީއްވެގެން ކަމެއް ހުޅުދޫމީދޫގެ ރައްޔިތުން އެ މީހުން ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި ހިތަދޫ ސިޓީ އަށް ގޮސް މަސައްކަތް ކުރަން ޖެހޭ ސަބަބެއް."

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ސިޓީގެ ދަރަޖަ ދޭ އުސޫލުތަކަށް ބަދަލު ގެނެސް، ޖޯގަރްފީ އަށް ބަލައިގެން އެކަން ކުރާނެ އުސޫލެއް ކަނޑައަޅާނެ ކަމަށެވެ.

ހުޅުމީދޫގައި މިއަދު ނިމުން ފާހަގަ ކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާ، ފްލެޓް، ހުޅުދޫ ގޮނޑުދޮސް ހިމާޔަތް ކުރުން އަދި މިފްކޯ އިން ހުޅުމީދޫގައި ގާއިމު ކުރި ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ހުޅުމީދޫގައި 350 މިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހިންގައިފަ އެވެ.