އިބޫ އަށް ނައިފަރުން: ތިއީ ހަމަ "ރަންގަނޑެއް"

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އިރުއޮއްސެން އުޅެނިކޮށް ޅ. ނައިފަރަށް ވަޑައިގަތުމާއެކު، އެ ރަށުގެ ގިނަ ބައެއްގެ ދުލުން އިވުނު އެއް އަޑަކީ "މިފަހަރު ބޭނުންވަނީ އަތޮޅުގެ ދަރިއެއް" ކަމެވެ.


"އިބޫއަކީ އަތޮޅުގެ ފަހުރެއް. އިބޫ އޯކޭ. އިބޫއަކީ އަހަރުމެންނަށް ލިބުނު ބޮޑު ރަންގަނޑެއް."

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަށް ދުވަހަށް ވެފައި އޮއްވައި، އިބޫ މިއަދު ނައިފަރަށް ވަޑައިގަތުމުން، އޭނާ އަށް މަރުހަބާ ކިޔަން ރަށުގެ ބަނދަރު ސަރަހައްދުން ފެށިގެން އެމްޑީޕީގެ ހަރުގެއާ ހަމައަށް ސަފު ހެދި އެވެ. އަދި އެ މީހުންނާ ސަލާމް ކުރައްވައި، ފޮޓޯ ނެގުމަށް އިބޫ ފަންސާހަކަށް މިނިޓު ހޭދަކުރެއްވި އެވެ.

އިބޫ މިރޭ ނައިފަރަށް ވަޑައިގެން، އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ނައިފަރުން ވާހަކަ ދެއްކި އިދިކޮޅު ބައެއް ސަޕޯޓަރުން "މިހާރު" އަށް ބުނި ގޮތުގައި، މިއީ އެ ރަށަށް އެރި މީހަކަށް މަރުހަބާ ދަންނަވަން އެހާ ގިނަ ބަޔަކު ނުކުތް ފުރަތަމަ ފަހަރެވެ. އަދި އިބޫ އަށް މަރުހަބާ ކިޔުމަށް ކައިރި އެއްވެސް ރަށަކުން މީހަކު ގެނެސްފައި ނުވާނެ ކަމަށް އެ މީހުން ބުންޏެވެ.

އިބޫ ނައިފަރަށް ވަޑައިގަތުމާ ދިމާކޮށް، އެ ރަށް އޮތީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކުލަތަކުން ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އަދި އިދިކޮޅު ސަޕޯޓަރުން ވެސް ތިބީ ޕާޓީތަކުގެ އެކި ކުލައިގެ ޓީޝާޓާއި ދިދަ ހިފައިގެން ވަރަށް ފޯރި އާއި ޖޯޝުގައި މަރުހަބާ ކިޔަން ނުކުމެ އެވެ.

އެއާ ޓެކްސީން އިބޫ ފައިބައިވަޑައިގަތުމާ އެކު، ބޮޑުބެރުގެ ހަރަކާތްތަކެވެ. ޒުވާން ފިރިހެނުންތަކަކާއި އަންހެނުންތަކެއް ތިބީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ދިދަ ހިފައިގެން އިބޫގެ ފަހަތުގަ އެވެ. އެ ރަށު ބައެއް މީހުން ބުނި ގޮތުގައި، މިއީ އިބޫ އަށް ރަށުގެ ރައްޔިތުން ދިން ހާއްސަ ލޯތްބަކާއި ގަދަރެކެވެ.

އިބޫ އަށް އެތައް ސަތޭކަ ބަޔަކު މަރުހަބާ ކީއިރު، އޭނާގެ އުފަން ރަށް ޅ. ހިންނަވަރަށް އިއްޔެ ވަޑައިގަތުމާ ގުޅިގެން އެ ރަށުގައި ދިރިއުޅޭ ގިނަ ބަޔަކު އޭނާ އަށް ހޫނު މަރުހަބާއެއް ކިޔެވެ. އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަން އިބޫ ހިންނަވަރުގައި ގަޑިއިރެއް ހާއިރު ހޭދަކުރެއްވި އެވެ. މިއީ، ރާއްޖޭގެ ރަށަކުން، މިހާ ގިނަ ބަޔަކު ނުކުމެ، އިބޫ އަށް މަރުހަބާ ކީ ފުރަތަމަ ފަހަރެވެ.

އިބޫ މިރޭ ނައިފަރަށް ވަޑައިގެން، އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ނައިފަރުގައި ދިރިއުޅޭ އަހުމަދު މުހައްމަދު، 45، "މިހާރު" އަށް ބުނި ގޮތުގައި، ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނަށް ނައިފަރުން 70 ޕަސެންޓު ވޯޓު ލިބޭނެ އެވެ. އަދި އެ ރަށުގެ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެ، އެކަމަށް ފެންބޮވައިގެންފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ނައިފަރުގެ ގިނަ ރައްޔިތުން ބޭނުންވޭ، ވެރިކަމަށް އެ އަތޮޅުގެ ރައްޔިތަކު ހޮވަން. އިބޫއަކީ އަޅުގަނޑުމެންނަށް ލިބުނު ރަންގަނޑެއް، އަތޮޅު ފަހުރުވެރިވާ ދަރިއެއް،" އަހުމަދު ބުންޏެވެ.

އާބާދީގައި ހަހާހެއްހާ މީހުން ހިމެނޭ ނައިފަރުގައި ދިރިއުޅޭ އެހެން މީހަކު ބުނީ، ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 31 ގައި ނައިފަރަށް ވަޑައިގެން ހުޅުއްވައިދެއްވި ބަނދަރަކީ އެމްޑީޕީގެ ސަރުކާރުގައި ކުރަން ފެށި މަސައްކަތެއް ކަމަށެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ނިންމި ބަނދަރު ހުޅުއްވައި ދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އެމްޑީޕީގެ ހަތަރު ކައުންސިލަރުންނާއި ޕީޕީއެމްގެ ކައުންސިލަރެއް ހުންނަ ނައިފަރު ކައުންސިލްގެ މެމްބަރު މަމްނޫހު އީސާ ވިދާޅުވި ގޮތުގައި، ނައިފަރުން މިއަދު ފެނުނީ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާ ދެކޮޅަށް ނުކުމެފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކަން ނައިފަރުން ފެނިގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވާ އިބޫ މިއަދު ވަނީ ކ. ގާފަރާއި ކ. ދިއްފުއްޓާއި އއ. މާޅޮހާއި އއ. ހިމަންދު އަށް ވަޑައިގެން އެ ރަށްތަކުގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް ހާމަ ކުރައްވައިފަ އެވެ.