ފުވައްމުލަކުގައި 500 ކޮޓަރީގެ ސިޓީ ހޮޓަލެއް އިމާރާތް ކުރަނީ

ފުވައްމުލަކުގައި، 500 ކޮޓަރި ހިމެނޭ ސިޓީ ހޮޓަލެއް އަޅަން ހަމަޖައްސައި އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ފުވައްމުލަކުގައި ސިޓީ ހޮޓާ އެޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދެއް ރައީސް އަބްދުﷲ ޔާމީން ބައްލަވައި، އެތަން ތަރައްގީ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެމްއެމްޕީއާރުސީއާ މިހާރު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި ކ. ކާށިދޫގައި ތަރައްގީ ކުރާ 60 ގެސްޓް ހައުސްގެ މަޝްރޫއު ނިމުމާ އެކު ފުވައްމުލަކުގެ މަސައްކަތް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ޓޫރިސްޓް ވިލެޖުގެ ނަމުގައި މިދިޔަ މާޗު މަހު ފެށި މަޝްރޫއު، ހަ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވިވަޑައިގެންފި ނަމަ، ފުރިހަމަ ސިޓީއެއްގެ ގޮތުގައި ފުވައްމުލަކު ތަރައްގީ ކުރައްވާނެ އެވެ. އަދި 20 ބްލޮކް ހިމެނޭ ގޮތަށް ހަދާ 500 ކޮޓަރީގެ ގެސްޓް ހައުސް އަކީ އޭގެ ތެރެއިން ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު

ބޭރުގެ ލޯނުގެ އެހީއާ އެކު 400 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ފުވައްމުލަކުގައި ފަށާ އިންޓަގްރޭޓެޑް ޓޫރިޒަމްގެ މި މަޝްރޫއުގައި 1،000 އެނދު ތަރައްގީ ކުރާނެ ކަމަށް ޒަމީރު ގަބޫލު ކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވީ ފުވައްމުލަކަށް ލިބިފައިވާ ހާއްސަ ސިފަތަކުގެ ސަބަބުން، ވަރަށް ތަފާތު ގޮތަކަށް މި މަޝްރޫއު ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެގޮތުން، ވަކި ވައްތަރެއްގެ މިޔަރަކާ އެކު ފީނަން ހާއްސަ ސްޕޮޓެއް އެ ސަރަހައްދުގައި އޮންނައިރު، ފުވައްމުލަކުގެ ކުޅިތަކުގެ ގުދުރަތީ ރީތިކަމާއި "ވިލެޖް ލައިފް" ދެއްކޭނެ ފަދަ ގޮތަކަށް އެ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ސިޓީ ހޮޓާ އަޅަނީ ކޮންފަރެންސްތައް ބޭއްވޭނެ ފަދަ ގޮތަކަށް، ކޮންވެންޝަން ސެންޓަރަކާ އެކު އެވެ. އޭގެ ސަބަބުން، އެތަނުގެ ބޭނުން ތަފާތު ގޮތަކަށް ޓޫރިސްޓުންނަށް ހިފޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަކުވާއެއް، ބޭނުންވާ ވަރަށް ފުވައްމުލަކަށް ފްލައިޓް ނުދިއުން. އަޅުގަނޑުމެން ދެކޭގޮތުގައި މި މަޝްރޫއު ނިމި، ފުވައްމުލަކަށް ޓޫރިޒަމް ގެންދެވުނީމާ މި މައްސަލައަށް ވެސް ހައްލު އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ރަށްރަށަށް އިންޓަގްރޭޓެޑް ޓޫރިޒަމް ތައާރަފް ކުރުމުގެ މަޝްރޫއުގެ ދަށުން، ލ. އަތޮޅުގައި ވެސް މި ފަދަ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، މިދިޔަ ހަފުތާގައި ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެން ވިދާޅުވީ، އެ ސިޓީގެ ތަރައްގީ އަށް ސަރުކާރުން މިހާތަނަށް 1.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިޓީގެ ދަރަޖަ ދީފައިވާތީ "އާބަން ސިޓީ" އެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީކޮށް "ލިވަބަލް ސިޓީ" އަކަށް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެކެވެ. އެގޮތުން، ފުވައްމުލަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ކުނީގެ މައްސަލަތައް ފަދަ ނާޒުކު އަދި ގޮންޖެހުންތައް ބޮޑު މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.