ރައީސް ޔާމީނަށް ދެރަ ގޮތެއް ނުހަދާނެ، އެކަމަކު އިންސާފު އަރާ ހަމަކުރާނެ: ސައުދު

ގާނޫނު އަސާސީއާއި ގާނޫތަކާ ހިލާފު ކަންތައްތަކެއް ކުރެއްވި ނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް "ދެރަގޮތެއް ނުހަދާނެ" ކަމަށާއި ނަމަވެސް އެމަނިކުފާނާ ވެސް އިންސާފު އަރާ ހަމަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ވިލިނގިލީގައި ނިންމާލުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ "ދެރައެއް މޮޅެއް ނޫން އިންސާފު އަރާ ހަމަކުރާނެ" ކަމަށެވެ.

ރައީސް ޔާމީނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް ސައުދު އެ ވިދާޅުވީ، ހދ. ކުޅުދުއްފުށީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ވާހަކަފުޅަށް އިޝާރަތްކުރައްވަ އެވެ. އެ ހަފުލާގައި ރައީސް ޔާމީން ވިދާޅުވީ އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އާއިލާގެ ބައެއް ބޭފުޅުން އެމަނިކުފާނަށް ދެއްވީ ބޮޑު ދެރައެއް ކަމަށާއި އެފަދަ ދެރައެއް ރައްޔިތުން އަންނަ އާދިއްތަ ދުވަހު ނުދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ރައީސް ޔާމީންގެ ފަހަތުން މި އިންސާފު ދުވަމުން ގޮސް ދެން ތިބި މީހުންނާ ވެސް އަރާ ހަމަކުރާނެ. މި ރަށުގެ ބައެއް ބޭފުޅުން އައިސް ދައްކައިފި އަޅުގަނޑު ޖަލަށް ލާނެ ވާހަކަ ވެސް. ރައީސް ޔާމީނާއެކީ މި ދައުލަތް ފަނާކުރުމަށްޓަކައި، މި ދައުލަތް ހަޑިކޮށްލުމަށްޓަކައި، މި ދައުލަތުގެ ސިފަ ހަލާކުކޮށްލި މީހުންނަށް އިންސާފު ލިބޭނެ،" ސައުދު ވިދާޅުވި އެވެ.

ވިލިނގިލީ ކެމްޕޭން އޮފީހުގައި ބޭއްވި ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ "އަޅުގަނޑުމެން ނޭދެން ހަމަ ކުއްލިއަކަށް މައްކާގައި ހުރެފައި އައިސް ހުކުމް ކުރާ އުސޫލުން ހުކުމްކުރާކަށް" ކަމަށެވެ. އަދި އެސްއެމްއެސްއަކުން ހުކުމް ލިޔެގެން އައިސް ހުކުމް ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ވެރިކަމެއްގައި މި ބޭފުޅުންނާ މެދު އިންސާފު ގާއިމުކުރެވިގެންދާނީ ދެ ފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން. ލައިވްކޮށް ފެންނާނެ އެ ބޭފުޅުން ތި ބޭފުޅުންނަށް ޖަވާބުދާރީވާ ތަން. ލައިވްކޮށް ފެންނާނެ އެ ބޭފުޅުންނާއެކު އެކަން ކުރެއްވި ބޭފުޅުން ހެކިދޭ ތަން،" އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް އަމަލުކުރި ފަރާތްތަކުގެ މައްޗަށް ފަނޑިޔާރުން ހުކުމްކުރާނީ އިއުތިރާފާއެކީގައި ކަމަށެވެ.

"އަޅުގަނޑުމެން ދެރަ ގޮތެއް ނުހަދާނަން އިރާދަކުރެއްވިއްޔާ. ރައީސް ޔާމީނާ ދޭތެރޭ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެ ވިދާޅުވާ ގޮތަށް އޯގާތެރިކަމާ އެކީގައި، އިންސާފާއި ހަމަހަމަކަމާ އެކީގައި އަޅުގަނޑުމެން އަމަލުކުރާނީ،" ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ވިލިނގިލީގެ ސަޕޯޓަރުންނަށް އިޝާރާތްކުރައްވައި ސައުދު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރައްވަން ނޫން ކަމަށެވެ. އަދި ވިލިނގިލީ ރައްޔިތުން ބޭނުން ވަނީ އަސާސީ ހިދުމަތްތަކާއި ރައްޔިތުންގެ ދުރު ވިސްނުމާ އެއްގޮތަށް މިރަށަށް ލިބެން އޮތް ފުރުސަތުތައް ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިނގިއްޔާއި ކޫއްޑޫ ގުޅާލައި މި ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ގުޅިފައިވާ ސަރުކާރެއްގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ވިލިނގިލިއްޔާ ގާތްގަނޑަކަށް 400 މީޓަރު ކައިރީގައި އޮންނަ ކޫއްޑޫއަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖަކާއި އެއާޕޯޓެއް އަދި ރިސޯޓެއް ވެސް އޮންނަ ރަށެކެވެ.

"މި ބްރިޖުން ކޫއްޑުއަށް މަސައްކަތްކުރާ މީހުން ދާނީ. މި ބްރިޖުން މި އަތޮޅުގެ ރައްޔިތުން ދަތުރުކުރާނެ. މިއީ ވިލިނގިލީގެ އިގްތިސާދު ނަގާ ކޮޅަށް ޖަހާނެ ފާލަން،" ބްރިޖަކުން ވިލިނގިއްޔާއި ކުއްޑޫ ގުޅާލާ ގޮތުގެ ކުރެހުމެއް ދައްކާލައްވަމުން އޭނާ ވިދާޅުވި އެވެ.