ޚަބަރު / ޕީޕީއެމް ކެމްޕޭން

ތަރައްގީ ހުއްޓުވަން ޖެހޭ ސަބަބެއް ނެތް: ރައީސް ޔާމީން

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމަވާލެއްވުމުގެ ގޮތުން ރައީސް ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

22 ސެޕްޓެމްބަރ 2018 - 17:55

އެމަނިކުފާނުގެ ސަރުކާރުން ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ގެނައި ތަރައްގީ ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމައިލުމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބޭއްވި ވެހިކަލް ބުރަށް ފަހު، ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އޮތީ "ހަތް ފެނުން ކެތްކިޔަސް" ތޯހިރު ނުވާ ވަރަށް "ތަޣައްޔަރު ވެފައި" ކަމަށެވެ. އަދި މާލެ އާއި ހުޅުލެ ގުޅުވައިލި ބްރިޖު ފެނިފައި މިއީ ރައީސް ޔާމީން ގެންނެވި ތަރައްގީ ކަން ގަބޫލު ކުރަން ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ދިމާވި އެންމެ ހިތްދަތި ކަމަކީ ޕީޕީއެމަށް ދިމާވި ކަންކަމެވެ. އަދި ޕީޕީއެމުން އިސް ލީޑަރުން ނުކުމެވަޑައިގަތީ، ރައްޔިތުންގެ ހައްގަކާ ނުލާ ކަމަށް ރައީސް ވިދާޅުވި އެވެ. ހައްގަކާ އެކީ ވަޑައިގެންނެވި ނަމަ، މިހާ ގިނަ ބަޔަކު، އެމަނިކުފާނަށް އިސްތިގުބާލު ނުކުރީސް ކަމަށް އެއްވެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީއަށް އަމާޒު ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ފާދިރީންގެ ހިތްވަރު، ހޯދަން އެމަނިކުފާނާއި ޕީޕީއެމްގެ ސަޕޯޓަރުން ބޭނުން ނުވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމަވާލެއްވުމުގެ ގޮތުން ރައީސް ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާއިރު، އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަރިހުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ނަސޯރާ ނަޖިސް ލެއިން، މިތަން ތޯހިރު ކުރީ އަޅުގަނޑުމެންގެ ކާބަފައިން. އެ ތޯހިރު ލޭ ރާއްޖޭގައި ހިނގަން ވާނީ. ތޯހިރު ލޭ ޒުވާނުންގެ ހަށިތަކުގައި ދައުރު ވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އަޅާލައި، ސިޔާސީ ލީޑަރުންނެއް މިއަދަކު ނެތެވެ. އަދި ވިދާޅުވީ، ހުރިހާ ލީޑަރުން އެއް ތަނެއްގައި ތިއްބަވައި އެކި ބޭފުޅުން ދައްކަވާ ވިޔާނުދާ ވާހަކައަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށްވާ ނަމަ، އެމަނިކުފާނުގެ "ހުކުމުގެ ކޯޓުގައި" އެއް ކުށުން އެބޭފުޅުން ކުށްވެރިވާނެ ކަމަށެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން މާޅޭގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރުގެ ތެރެއިން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ނަސޯރާ ފާދިރީންގެ އެހީގައި ފައިސާ ހޯދައިގެން މި ތަނުގައި ވެރިކަން ބަދަލު ކުރަން އުޅޭ ނަމަ، އޭގެ ތެރޭގައި އިމްރާން ހުއްޓަސް، އިލްޔާސް ހުއްޓަސް، މައުމޫން ހުއްޓަސް، ކޮންމެ މީހަކު ކުށްވެރިވޭ. އަޅުގަނޑުމެންގެ ގައުމާ ކުޅެން ނުހަދާ. ޒުވާނުންނާ ކުޅެން ނުހަދާ. އަޅުގަނޑުމެންގެ ލޭ ތަޣައްޔަރު ކުރަން މަސައްކަތް ނުކުރޭ،" ފޯރި އާއި ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީއާ ކުޅޭ ނަމަ، "އަހިވަކާ ޖެހި އަހިވަކެއް ވަނީ ކާފަރު" އެވެ. އަދި ކާބަފައިން ގެނެސްދިން ލެގަސީ އަކީ އެއީ ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާ ގުޅިގެން އެމަނިކުފާނު ވަނީ ވޯޓު ވިއްކައި ނުލުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ވޯޓު ގަންނަ ނަމަ، އެ ނަގަނީ ހަރާމް ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މާދަމާ ދޭ ވޯޓަކީ ހިތުގެ ތެރެއިން ދޭ ވޯޓަކަށް ހެއްދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން މާޅޭގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރުގެ ތެރެއިން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"އަޅުގަނޑުމެން މި ކުރަނީ ގައުމީ މަސައްކަތެއް. ސަލާމަތް ކުރަން ބޭނުންވަނީ ރާއްޖެ. އަޅުގަނޑުމެން ރާއްޖެ ސަލާމަތް ކުރަން ކުރާ މަސައްކަތުގައި ހުރިހާ އެންމެންނަށް ނަސޭހަތް ދެއްވާ. ހުރިހާ ޒުވާނުންނަށް ނަސޭހަތް ދެއްވާ. ވޯޓު ވިއްކާ ނުލާށޭ. އަގު ބޮޑު ހުށަހެޅުންތަކަށް ފުރަގަސް ދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހަރާމް ފައިސާ ދެނީ އިސްލާމް ދީން ރާއްޖެ އިން ފޮހެލައި ގައުމިއްޔަތު ފުނޑާލުމަށެވެ. އެ ފައިސާ ނުހިފުމަށް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454