ޝައިނީ ބަލި ގަބޫލު ކުރައްވައިފި، "މިއީ އާ ފެށުމެއް"

ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އެންމެ މަސައްކަތް ކުރެއްވި ކެބިނެޓް އެއް މިނިސްޓަރު، މުހައްމަދު ޝައިނީ، އިއްޔެގެ އިންތިހާބުގެ ބަލި ގަބޫލުކުރައްވައި، ގައުމުގެ "އަޅުގަނޑަށާއި ގައުމަށް އާ ޗެޕްޓާއެއް" ހުޅުވިއްޖެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.


އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވުރެ 38،000 ވޯޓު ފަހަތުގައި ކަމަށް ވިޔަސް، ބަލި ގަބޫލުކުރެއްވި ކަމަށް، ޝައިނީގެ ޓްވީޓްގައި ސީދާ ލިއުއްވާފައެއް ނުވެ އެވެ.

އޭނާގެ މެސެޖް ފެއްޓެވީ "މިއީ އާ ދުވަހެއް، އަޅުނޑަށާއި ގައުމަށް އާ ޗެޕްޓާއެއްގެ ފެށުމެއް" ގެ ގޮތުގަ އެވެ. ދެން އޭނާ ވިދާޅުވެފައި ވަނީ "މިއީ ޕޮލިޓިކްސް" ކަމަށެވެ.

ޓްވީޓްގައި އޭނާ ﷲގެ ހަޟްރަތުން އެދިވަޑައިގަތީ ގައުމަށް ރަހުމަތް ލެއްވުމަށާއި "އަޅުގަނޑުމެންގެ ކުށްތައް އަފޫކޮށްދެއްވުމަށެ"ވެ. އޭގެ އިތުރުން "ގައުމު މިނިވަންކަން މަތީ ބޭއްވުމަށާ"އި، 'ގަބޫލުނުކުރުމުގެ ޖަޒުބާތު'ގައި ނުޖެހުމުގެ ބާރު "އަޅުގަނޑުމެންގެ ވެރިންނަށް" ދެއްވުމަށް ވެސް ދުއާ ކުރައްވާފައިވެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިން ރައީސް ޔާމީން ބަލިވެވަޑައިގަންނަވަން ފެށި ފަހުން ޝައިނީ ނޫން އެހެން މިނިސްޓަރަކު، މި ގޮތަށް ޓްވީޓެއް އަދި ނުކުރައްވަ އެވެ. ހައުސިން މިނިސްޓަރު ޑރ، މުހައްމަދު މުއިއްޒު އެންމެ ފަހުން ޓްވީޓް ކުރެއްވީ ވޯޓު ގުނަން ފެށި ތަނާހެން "އަލްހަމްދުލިﷲ، ﷲ އަކުބަރު" މިހެންނެވެ.