ހައްޔަރު ކުރަން ޖެހޭ ވަރުގެ ޖިނާއީ ކުށެއް ނުކުރަން: ޝަރީފް

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް، އޭނާ ހައްޔަރު ކުރަން ޖެހޭ ވަރުގެ ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީނާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާދަކުރެއްވި އިންތިޚާބުގައި ބޮޑު ތަފާތަކުން އިބޫ ވަނީ ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. މި ނަތީޖާ ގަބޫލުކުރެއްވި ކަން އިންތިޚާބަށް ފަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ޕީޕީއެމުން އިންތިޚާބާ ގުޅޭ މައްސަލަތަކެއް ހޯދައި އިންތިޚާބު ބާތިލް ކޮށްދޭން އެދި ހައި ކޯޓަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މީގެ އިތުރުން، ރިޝްވަތުގެ ތުހުމަތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ހައްޔަރު ކުރަން އުޅޭ ކަމަށް ވެސް ސޯޝަލް މީޑިއާގައި ތުހުމަތު ކުރެ އެވެ.

ޝަރީފް "މިހާރު" އަށް ވިދާޅުވީ އޭނާ ހައްޔަރުކުރަން އުޅޭ ކަމަށް ދައްކާ ވާހަކަތަކުގެ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިންތިޚާބުގެ އެއްވެސް ކަމެއްގައި ޖިނާއީ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ވެސް މައުލޫމާތު ލިބޭ ހައްޔަރު ކުރުމުގެ ވާހަކަތަކެއް ފެތުރޭ ކަން. އެކަމަކު، ގާނޫނާ ޚިލާފު އެއްވެސް އަމަލެއް އަޅުގަނޑު ހިންގާފައެއް ނޯންނާނެ،" ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބުގެ ކުރިން އީސީން ބައެއް އިންތިޒާމްތައް ކުރިއަށް ގެންދިޔަ ގޮތުން، ތުހުމަތުތަކެއް ކުރި ނަމަވެސް މި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ސުލްހަވެރި އިންތިޚާބެވެ. ވޯޓުލުމާއި ވޯޓު ގުނުމުގައި އަދި ނަތީޖާގައި ވެސް އެއްވެސް މައްސަލައެއް ނެތޭ ބުނެވޭހާ މަދެވެ. އދ. އިން ވެސް އެކަން ފާހަގަކޮށް، އެކަމަށް ތައުރީފްކޮށްފައިވެ އެވެ.

މި އިންތިޚާބުގައި ބޮޑު މައްސަލަތަކެއް ދިމާ ނުވާ ކަމަށް އީސީން ވެސް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ވޯޓާސް ލިސްޓުގައި މައްސަލައެއް ނެތް ކަން ކޮމިޝަނުން ފާހަގަކުރެ އެވެ. އެހެން އިންތިޚާބުތަކުގައި އެންމެ ބޮޑު ޝަކުވާއަކަށް ވަނީ، ވޯޓާސް ލިސްޓުގެ މައްސަލަ އެވެ.

އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެ އެވެ.