ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށްފި

ޕީޕީއެމްގެ އާ ރައީސަކަށް، އެ ޕާޓީގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ދެންމެ އިންތިޚާބުކޮށްފި އެވެ. ޕީޕީއެމުން ބުނީ އެމަނިކުފާނު އެ މަގާމަށް އިންތިޚާބުވީ އިއްތިފާގުން ކަމަށެވެ.


މީޑިއާ ނުވައްދައި، ދަރުބާރުގޭގައި ބާއްވާ މި ކޮންގްރެސްގައި ޕީޕިއެމްގެ ރައީސްގެ މަގާމުގެ އިތުރުން ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

މިހާރު ކުރިއަށް ގެންދާ ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީނާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް

މީގެ ތެރެއިން، ހަތަރު ނައިބު ރައީސުންނަށް އިންތިޚާބުވެވަޑައިގަތީ އަބްދުއްރަހީމް (234 ވޯޓު) އާއި ޒަމީރު (220 ވޯޓު) އަދި ސައީދު (168 ވޯޓު) އެވެ. އާޒިމާ، ނައިބު ރައީސަކަށް ކަނޑައެޅީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި އަންހެން ބޭފުޅާގެ ހައިސިއްޔަތުން، ވޯޓަކާ ނުލަ އެވެ.

މިނިސްޓަރު ޝައިނީ، ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުން ކެޓީ 140 ވޯޓާ އެކު އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީން ސްޓޭޖުމަތީގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ޕީޕީއެމް

ކޮންގްރެސްއަށް މީޑިއާ ނުވެއްދި ނަމަވެސް، ޕީޕީއެމްގެ ޓުވިޓާގައި ދަނީ ފޮޓޯތަކާ އެކު ކޮންގްރެސް ލައިވް ކުރަމުންނެވެ.

ޕީޕީއެމްގެ ކޮންގްރެސް، އެ ޕާޓީގެ ޓުވިޓާ އެކައުންޓުން ލައިވް ކުރަނީ.

ޕީޕީއެމްގެ ކޮންގްރެސްގައި ވަނީ، އެ ޕާޓީގެ އަސާސީ ގަވާއިދަށް 10 އިސްލާހެއް ހުށަހަޅައި ފާސްކޮށްފަ އެވެ. އެކަމަކު އެ އިސްލާހުތަކުގެ ތަފުސީލެއް އަދިއެއް ނުލިބެ އެވެ.

ޕީޕީއެމްގެ ކައުންސިލަށް މިހާރު ވަނީ 10 އަންހެން އަދި 10 ފިރިހެން ބޭފުޅަކު ވެސް އިންތިޚާބު ކޮށްފަ އެވެ.