ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހޯދަން ރާއްޖެ ޓީވީން އަދުރޭއާ ދެކޮޅަށް ދައުވާކޮށްފި

ފޮނަދޫ ދާއިރާގެ ޕީޕީއެމް މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އަތުން އެއް މިލިއަން ރުފިޔާ ހޯދަން ރާއްޖެ ޓީވީން މިއަދު ދައުވާކޮށްފި އެވެ.


އެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރާއްޖެ ޓީވީގެ ގާނޫނީ ވަކީލް ނިޝާން އިބްރާހިމް ވިދާޅުވީ އަދުރޭގެ އަތުން ބަދަލު ހޯދަން ދައުވާކުރީ، މާޗު މަހުގެ ތެރޭގައި ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީ އާއި އެ ތަނުގެ ނޫސްވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން އެތަނުގެ އަގު ވައްޓާލާފައިވާތީ ކަމަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް އިންޒާރު ދީ ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯ އަކީ ވެސް ރާއްޖެ ޓީވީން ހެދި އެއްޗެއް ކަމަށް ދައްކަން އަދުރޭ ވާހަކަދެއްކެވި ކަމަށެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުތާ ވަގުތުކޮޅެއްގެ ތެރޭގައި، އެ ޓީވީ ސްޓޭޝަންގައި މަސައްކަތްކުރި ނޫސްވެރިޔާ މުހައްމަދު ވިސާމާއި އާމިރު ސަލީމް ހައްޔަރުކުރެވިގެން ދިޔަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެކަން ތަހުގީގުކުރުމަށް ފަހު އެކަށީގެންވާ ހެކި ނެތިގެން ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ.

"..ޕީޕީއެމްގެ ލައިވް އިވެންޓެއްގައި، ރާއްޖެ ޓީވީ އަށް ނިސްބަތްކޮށް މި ވާހަކަ ދެކެވުނީ. އަދި ރާއްޖެ ޓީވީ ބަންދުކުރަން ގޮވާލައި އިންޒާރުތަކެއް ދިނީ. ރާއްޖެ ޓީވީގެ މައްޗަށް ބަޔަކު އެކަން [އިންޒާރުދޭ ވީޑިއޯ] ކުރި ކަމަށް ދޭހަވާގޮތަށް، ރާއްޖެ ޓީވީގެ ނޫސްވެރިިން އެކަން ކުރިކަމަށް ދޭހަވާ ގޮތަށް، ރާއްޖެ ޓީވީގެ ބަޔަކު އެކަން ކުރިކަން ދޭހަވާގޮތަށް، ރާއްޖެޓީވީގެ ސްޓޫޑިއޯ އާއި ރާއްޖެ ޓީވީގެ މައްޗަށް އެކަން ކުރިގޮތަށް ސާބިތުކުރެވޭ ގޮތަށް، ބަޔަކަށް އެކަން ގަބޫލުކުރެވޭ މިންވަރުގެ ވާހަކަތަކެއް ސިކުނޑިއަށް ވެއްދޭ ގޮތަށް ލައިވް ކޮންފަރެންސްގައި އެ ވާހަކަ ދެކެވުނީ،" ނިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކަކަށް ވިއަސް އޭގެ ސަބަބުން ރާއްޖެ ޓީވީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ އެ ދެ ނޫސްވެރިންގެ އަބުރަށް އަރައިގެންފައިވާތީ ވެސް ބަދަލު ހޯދަން އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެ ޓެލެވިޒަނަށް ވެސް އަދި ރާއްޖެ ޓެލެވިޒަންގެ މުވައްޒަފުން ވެސް އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވޭ. އެ ގާނޫނު ބޭނުންކޮށްގެން އެތަައް ކަމެއް ރާއްޖެ ޓީވީ މައްޗަށް ލާޒިމްކޮށްފައި އެބަހުރި މުއައްސަސާތަކުން. މިހެން މިކަން އޮތްއިރު ރާއްޖެ ޓީވީ އަށް ވެސް ލިބިގެންވާނެ، ރާއްޖެ ޓީވީ އަށް ލިބުނު ގެއްލުމުގެ ބަދަލާއި އެ އަބުރުގެ ވާހަކަ ރާއްޖެ ޓީވީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ އަބުރު ކަތިލުމަށްޓަކައި މި ކުރެވުނު މަސައްކަތުގެ ގެއްލުމުގެ ބަދަލު،" ނިޝާން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ މީގެ ކުރިން ރާއްޖެ ޓީވީ ވަނީ އެކި ފަހަރު މަތިން އެކި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެންމެ ފަހުން ޖޫރިމަނާ ކުރީ ދެ މިލިއަން ރުފިޔާއިންނެވެ.