މާލިއްޔަތު ކޮމެޓީން ރެޑްވޭވް ސަލީމް އިސްތިއުފާ ދީފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރު ކަމުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) މިރޭ އިސްތިއުފާ ދެއްވައިފި އެވެ.


އޭނާ ކޮމެޓީން އިސްތިއުފާ ދެއްވީ، އެނގިފައިވާ ގޮތުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހްމަދު ނިހާނަށް ފޮނުއްވި އެސްއެމްއެސް އަކުންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

މަޖިލިހުގައި ސަލީމް ހިމެނިވަޑައިގަންނަވާ ހަމަައެކަނި ކޮމިޓީން އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރަން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް، އެއާ ހިލާފުވެވަޑައިގަތުމުން ޕީޕީއެމްގެ ވައިބާ ގްރޫޕުން އޭނާ މިރޭ ބޭރުކޮށްފައި ވަނިކޮށެވެ.

ބިލަށް ވޯޓު ދެއްވުމަށް ސަލީމަށް ތަކުރާރުކޮށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕުން އެންގި ނަމަވެސް، ވޯޓަށް އެހި ވަގުތު އޭނާ މަޖިލިހަށް ވަޑައިނުގެންނެވި އެވެ. ސަލީމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދު ވެސް ބިލަށް ވޯޓަށް އެހި ވަގުތު މަޖިލިހަށް ވަޑައިނުގަތެވެ.

މި ބިލާ ދެކޮޅަށް ޕީޕީއެމް ވައިބަ ގްރޫޕް ތެރޭގައި ދެކޮޅު ހެއްދެވި މަދު މެމްބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވަ އެވެ. މި ބިލަށް ވޯޓު ދެއްވަން މަޖިލީހަށް ވަޑައިނުގަތުމަކީ ތްރީ ލައިން ވިޕަކާ އޭނާ ހިލާފުވެވަޑައިގަތް ފުރަތަމަ ފަހަރެވެ.

ސަލީމްގެ އިތުރުން މި ބިލާ ދެކޮޅަށް ސަރުކާރު ހިންގާ ކޯލިޝަނުން މިއަދު ވޯޓު ނުދެއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ.

ވެރިކަން ކުރާ ޕާޓީގެ މަދު މެމްބަރުންތަކަކާއި ސަރުކާރާ އިދިކޮޅު މެމްބަރުން ބިލަށް ވޯޓު ނުދެއްވިއަސް ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންގެ ވޯޓުން ބިލް ވަނީ ފާސްކޮށްފަ އެވެ.