ނާޒިމް ބޭސްފަރުވާއަށް ބޭރަށް ފޮނުވަނީ

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ، އެޗުއާރުސީއެމްގެ އެދުމާ އެއްގޮތަށް، ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.


އެނގިފައިވާ ގޮތުގައި އެޗުއާރުސީއެމުން އެގޮތަށް އެދުނީ ނާޒިމްގެ ސިއްހީ ސީރިއަސް މައްސަލައަކާ ގުޅިގެން އިއްޔެ އެވެ.

ކަރެކްޝަނުން މަސައްކަތްކުރަމުން އަންނަނީ ނާޒިމްގެ އާއިލާއާ ގުޅިގެން މިރޭ އޭނާ ރާއްޖެއިން ބާރަށް ފޮނުވާލެވޭތޯ އެވެ.

އެކަމަކު އޭނާ ދަނީ ކޮން ގައުމަކަށް ކަމެއް އަދި ދިމާވެގެން އުޅެނީ ސިއްހީ ކޮން މައްސަލައެއް ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ނާޒިމްގެ ލޮލުގެ މައްސަލައަކަށް ދާދި ފަހުން މާލެއިން ވެސް ވަނީ ފަރުވާ ހޯދާފަ އެވެ. އެކަމަކު މިހާރު ދިމާވެގެން އުޅެނީ ލޮލުގެ މައްސަލައެއް ނޫން ކަމަށްވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރުގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. އެކަމަކު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްލޯތައިން އޭނާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ ފިންގަޕްރިންޓް ފެނިފައެއްނުވެ އެވެ. އޭގެ ބަދަލުގައި އެ ފިސްތޯލައިން ފެނުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ކަމަށް، ފުލުހުން ފަހުން ބުނެފައިވެ އެވެ.

އެކަމަކު އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހެޅި ނަމަވެސް އެންމެ މަތީ ކޯޓުން ހެދީ ދެކޮޅެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މި ދަނޑިވަޅުގައި ނާޒިމް މިނިވަން ކުރަން އިދިކޮޅު ފަރާތްތަކާއި އޭނާގެ އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.