ކުރީގެ މެޗެއްގެ ތެރެއިން ގިގްސް އާއި މޮރީނިއޯ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ
05 އޮކްޓޯބަރ 2018 - 09:39
ކާޑިފް، ވޭލްސް (އޮކްޓޫބަރު 5) - މެންޗެސްޓާ ޔުނައިޓެޑަށް މި ވަގުތު ކުރިމަތިވެފައިވާ މައްސަލަތަކުން ހައްލެއް ހޯދުމަށް ކުރަން ޖެހޭ ހަމައެކަނި މަސައްކަތަކީ ކޯޗުކަމުގައި ހުރި ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމެއް ނޫން ކަމަށް އެ ޓީމުގެ ކުރީގެ ތަރި ރަޔާން ގިގްސް ބުނެފި އެވެ.
ޔުނައިޓެޑްގެ ތާރީހުގައި ދެ ވަނަ ފަހަރަށް އެންމެ ދަށް ނަތީޖާތައް މި ސީޒަނުގައި ނެރެފައިވާއިރު، މޮރީނިއޯ އަށް ޓީމު ތެރޭގައި ގިނަ ބަޔެއްގެ އިތުބާރުވަނީ ގެއްލިފަ އެވެ. ކުރީގެ ގިނަ ކުޅުންތެރިންނާއި ފުޓްބޯޅައިގެ އެކި ތަޖުރިބާކާރުންގެ ފާޑުކިޔުން ވެސް ވަނީ މޮރީނިއޯ އަށް އަމާޒުވެފަ އެވެ. އަދި މީޑިއާ އާއި މޮރީނިއޯ އަންނަނީ ގިނަ ބަހުގެ ހަމަލާތަކެއް ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބަދަލުކުރަމުންނެވެ.
"އަހަރެން ކުރިން ވެސް ބުނިން އެކަން ކޮށްފައި (މޮރީނިއޯ މަގާމުން ދުުރުކޮށްފައި) ވަކި ކޮން ގޮތެއް ރަނގަޅުކުރެވޭނީ. ހައްލުކުރަން ޖެހޭ ބައިވަރު މައްސަލަ އެބަހުރި. ހަަމައެކަނި މޮރީނިއޯ ބޭރުކުރުމަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫން،" ވޭލްސް ގައުމީ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރި ގިގްސް ބުންޏެވެ.
"ޔުނައިޓެޑް މި ވަގުތު އޮތީ ވަރަށް އުނދަގޫ ފައްތަރެއްގައި. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި މޮރީނިއޯ މަގާމުގައި ބަހައްޓަން ޖެހޭ. އެއީ މި ވަގުތު ކޯޗު ބަދަލުކޮށްފިނަމަ ދެ އަހަރު ތެރޭގައި އަލުން މިހާރު މި އޮތް ހާލަތަށް ޓީމު ދިއުމުގެ ފުރުސަތު އެބައޮތް."
ޔުނައިޓެޑްގެ ކޯޗުކަމުގައި ޑޭވިޑް މޮއިސް ހުރިއިރު އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި ގިގްސް މަސައްކަތްކުރި އެވެ. އެ ފަަހަރު ސީޒަން މެދުތެރެއިން މޮއިސް ވަކިކުރުމުން ޓީމުގެ ޒިންމާއާ ގިގްސް ހަވާލުވި އެވެ. އޭގެ ފަހުން ޔުނައިޓެޑަށް ލުއީ ވެން ހާލް ކޯޗުކޮށްދިންއިރު އޭނާގެ އެސިސްޓަންޓަކަށް ހުރީ ގިގްސް އެވެ. ގިގްސް ޔުނައިޓެޑްގެ ވަޒީފާއިން ދުރުވީ މޮރީނިއޯ އެ ޓީމާ ހަވާލުވި ފަހުންނެވެ.
"މީގެ ކުރިން ވެސް ކޯޗުން ސީޒަން މެދުތެރެއިން ބަދަލުވުމުގެ ހިތި ތަޖުރިބާ ކުރެވިއްޖެ. އަލުން އެ ފަދަ ގޯސް ކަންތައްތަކެއް ކްލަބަށް ކުރިމަތިވުމުގެ ބިރު އެބައޮތް. މިއީ ވިސްނަން ޖެހޭނެ ނިންމުމެއް. މުޅި ކްލަބް އެކަތިގަނޑަކަށް ވެގެން ހާލަތު ބަދަލުކުރެވޭނެ،" ޔުނައިޓެޑަށް 700 އަށް ވުރެން ގިނަ މެޗު ކުޅެދިން ގިގްސް ބުންޏެވެ.
މޮރީނިއޯ އާއި ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާއާ ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވާއިރު، މިހާރު މީޑިއާގައި ވާހަކަ ދެއްކުން ޕޮގްބާ އަށް އޮންނަނީ މަނާކޮށްފަ އެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ޔުނައިޓެޑްގައި ކޮންމެ ކަންތައްތަކެއް ހިނގި ކަމުގައި ވިޔަސް ފްރާންސް ޓީމާ ޕޮގްބާ ގުޅޭ ހިސާބުން އޭނާ އަށް މި ޓީމުގެ ފުރިހަމަ ސަޕޯޓް ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މޮރީނިއޯ އަށް ޔުނައިޓެޑްގެ ހާލަތު ބަދަލުނުކުރެވިއްޖެނަމަ އެ ޓީމުން އޭނާގެ ބަދަލުގައި ގެންނަން ބޭނުންވާ ކޯޗަކީ ރެއާލް މެޑްރިޑަށް ކުރިން ކޯޗުކޮށްދިން ކުރީގެ އެއް ވަނަ މިޑްފީލްޑަރު ޒިނެދިން ޒިދާން އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy