މަރަދޫގައި ރޭގެ ވަގުތެއްގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްވެ އިތުރު ފަަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އުމުރުން 22 އަހަރުގެ މުހައްމަދު އީވާން މިހާރު އޮތީ ހިތަދޫ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ޒަހަމްވީ މަރަދޫގައި ރޭ ދެ ގްރޫޕަކުން ހިންގި މާރާމާރީއެއްގަ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނައާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް ވިދާޅުވީ އީވާންގެ ބުރަކައްޓަށާއި، ކަރަށް އަދި ބޮލަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށެވެ. އަދި އޭނާގެ ފުއްޕާމެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ. އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރެއްގެ އެހީގައި،" ނަޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީވާންއަށް އިތުރު ފަރުވާ ދޭން މިއަދު މެންދުރުފަހު މާލެ ފޮނުވާލުމުގެ ކަަންކަން ވަނީ ހަމަޖައްސައިފަ އެވެ.
މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.