ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު "މިހާރު" އަށް މިއަދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމުން ކަމަށެވެ. އެއީ ސަރުކާރަށް ހިދުމަތް ކުރައްވަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިބޫގެ ސަރުކާރަށް ހިދުމަތް ކުރެއްވުމަށް، އަޅުގަނޑު ނިންމީ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދޭން،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
މެމްބަރުކަމުން އިސްތިއުފާ ދެއްވަނީ ކޮން މަގާމަކަމާ ހަވާލުވެ ވަޑައިގަތުމަކަށް ކަމެއް އަދި ޝައުގުވެރިކަން ހުރީ ކޮން ދާއިރާ އަކަށް ކަމެއް ޝާހިދު ވިދާޅެއް ނުވެ އެވެ.
ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާގެ މަސައްކަތްތަކުގައި، އިބޫގެ ފަރާތްޕުޅުން ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝާހިދު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އިބޫ އާއެކު 1995 ވަނަ އަހަރެވެ.