އިންތިޚާބީ ރައީސް އިބޫ: ރައީސް ގޮތް ދޫކުރެއްވުމަށް އޭނާ ގޮވާލެއްވި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
13 އޮކްޓޯބަރ 2018 - 13:10
ބައިނަލްއަގްވާމީ ގައުމުތަކުން ރާއްޖެއާ މެދު ފިޔަވަޅު އަޅައިފިނަމަ އޭގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުންނަށް ކަމަށާއި އެހެންވެ، ރައީސް އަބްދުﷲ ޔާމީން ގޮތް ދޫކުރެއްވުމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.
އިބޫގެ ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންތިޚާބަށް ފަހު ރައީސް ޔާމީންގެ އަމަލުފުޅުތައް ބަހައްޓަވާ ގޮތުން، ބޭރު ގައުމުތަކުން އިގްތިސޯދީ ދަތިކުރުންތަކާ ހިސާބަށް ދާން ޖެހިދާނެކަމަށް ބުނާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އިބޫގެ މެސެޖެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ރައީސް ޔާމީން ގޮތް ދޫކުރައްވައި، ރައްޔިތުންނާ މެދު ވިސްނެވުމަށެވެ.
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން އެހެން ގޮތަކަށް ބަދަލު ކުރުމަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވާ ކަން ފާހަގަކޮށް، ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ކުރާ ކަންކަމަށް ހުރަސް އަޅައި، އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅަންޖެހޭ ކޮންމެ ބަޔަކަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން މިއަދު ވަނީ ދީފަ އެވެ.
މިއީ އެ ގައުމުން މި ފަދަ އިންޒާރެއް ދިން ދެވަނަ ފަހަރެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ މިއީ އާދައިގެ ވާހަކައެއް ނޫން ކަމަށާއި ބައިނަލްއަގްވާމީ ގައުމުތަކުން ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ރައްޔިތުން މިހާރު ވެސް އުޅެނީ ވަރަށް ހާލުގައި ކަމަށެވެ.
"މިކަން ފެންނާނެ ނޯތު ކޮރެއާ، ބަރުމާ، ޒިމްބާބުވޭ އާއި ވެނެޒުއޭލާ ފަދަ ގައުމުތަކުން. ނޯތު ކޮރެއާ ފަދަ ގައުމުތަކުގައި އަދިވެސް އާއްމުން އުޅެނީ ވަރަށް ހާލުގައި،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގައުމުތަކުގައި އަމިއްލަ އުފެއްދުންތެރިކަން އޮތް ނަމަވެސް، ރާއްޖޭގައި "ހަނޑޫކޮޅެއް، ހަކުރުކޮޅެއް ނޫނީ ތެޔޮކޮޅެއް" ވެސް ހޯދަން ޖެހެނީ ބޭރުން ކަމަށެވެ. އެހެންވެ، އެ ތަކެތި ހޯއްދަވަން ރައީސަށް ދަތިފުޅުވެވަޑައިނުގެން ނަމަވެސް، އާއްމުންނަށް އުނދަގޫވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ދައުލަތުގައި ބައިރުފިޔާއެއް އޮތަސް، ރައީސަށް ލިބިދާނެ ހަނޑުލާއި ހަކުރާ. އެކަމަކު އާއްމު ރައްޔިތުންނަށް ދަތިވާނެ. އެ ކުރައްވަން އުޅުއްވާ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ރައީސް އެއްވެސް ވަރަކަށް ވިސްނާނުލައްވާ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ، އެކަންކަމާ މެދު ވިސްނާވަޑައިގެން، ރައީސް ޔާމީން ގޮތް ދޫކުރައްވަން، އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވާ،"
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ ކޯޓުން މިހާރު ބަލައިގެންފައިވާއިރު، މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. ޕީޕީއެމުން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، އެ ކޮމިޝަނަށް ފާޑު ކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްކާ
15 October 2018
އިބޫކަލޭ ޔަހޫދީންކައިރީގަ ފިތިފަހުރޭ ރައިސް ޔާީމީނަކީ ގަޓް ރައީސެއް ދޫނުދޭތި
ހޮޓްކިންގ
14 October 2018
އެމެރިކާއިން އަޅާނީ ކޮން ފިޔަވަޅެއްތޯ؟ ދަތުރު ކުރުމުގެ ބޭނެއްތޯ ނުވަތަ ބައެއް ވިޔަފާރި ވެރިންގެ ފައިސާ ހިފެހެއްޓުންތޯ. އެކަން އެހެން ވިޔަސް މިގައުމަށް ވާނެ ގެއްލުމެއްނެތް.
ދުންމާރު
14 October 2018
ރައީސް ޔާމީނު އެއުޅެނީ ހަޖަމްނުކުރެއްވިގެން، އަދިކިރިޔާ މިވިސްނުނީ މާލޭގެ މީހުންގެ އަތުން ވެރިކަން ބީވެގެންގޮސް ރާއްޖެތެރޭގެ ބަޔަކާއި އެންމެ ފަހުން ވެރިކަން ހަވާލުކުރަންޖެހުނީކަން، ނަޝީދުއަށާއި، ގާސިމަށް، ނާޒިމަށް އިމްރާނަށް ރައީސްކަން ނުދެން ހަދައިގެން އެންމެ ފަހުން ލައްވާލީ އެއްވެސް މީހަކު ހީވެސް ނުކުރާ މީހަކަށް، އެއީ އިބޫ، އަނެއްކާ އިބޫ މިހޯދީ ރިކޯޑް އަދަދެއްގެ ވޯޓް، އެހެންވެ އެއުޅެނީ ހަމަ ހަޖަމްނުވެގެން، މޭކަރައިގެން، ބަލި ގަބޫލު ނުކުރެވި
އަބްދޫ
13 October 2018
ފިޔަވަޅު އަޅަންވީއެއްނު. ފިޔަވަޅު ނޭޅިގެން އުޅޭ އެމްޑީޕީ ހުލި ވަންދެން ބަމޑަށް ޖައްސާލާނަން .އޭރުން ތިބޭނީ ހޭއަރާފަ.
މިއައި
13 October 2018
މިގޮތަށް ބިރު ދެއްކިގެންނުވާނެ އެއީ ފެއަރ ގޮތެއްނޫން. އަހަރުމެން ހަމައެކަނި ބިރުގަން ފަރާތަކީ ﷲ އެވެ.
ކަނދިކަމަނާ
13 October 2018
ގޮތްދޫނުކުރާ ވެރިޔެއް ( ޔާމީމަކީ )
ދެރަކަމެން
13 October 2018
ކިހާ ދެރަކަމެން ކަލޭމެން ބުނާގޮތަށް ދޯ އެންމެން އުޅެންވީ.
ނަންނޭނގޭ
13 October 2018
ނުބައި ނުލަފާ ބޭރުގެ އަނިޔާވެރިންގެ ކިބައިން މިރާއްޖެ ސަލާމަތް ކުރައްވާ ރާއްޖެއަކީ އަމާން ތަނެއްކަމުގައި ލައްވާންދޭވެ އާމީން. މާތް ﷲ އަޅަމެންނަށް ކާމިޔާބު ދެއްވާންދޭވެ.
އިދުރީސްބެ
13 October 2018
ނުބައި ނުލަފާ ދިވެހިންގެ ކިބައިން ދިވެހިން ސަލާމަތް ނުވިޔަސް ވަރިހަމަތަ؟
ދދދދދދދ
14 October 2018
އުނހު ސަލާމަތް ވާން ޖެހޭ. ލާދީނީ ގްރޫޕްގަނޑަކުން ސަލާމަތް ނުވެވިގެން މިއުޅެނީ.
ދޮށީސޮރު
13 October 2018
ދަތިވެގެން ކަރުން ފެންފޮދެއް އެތެރެނުވާވަރު ކުރިޔަސް މަމެން ބޭނުމެއްނޫން ތިޔަ ދޮންމީހުންގެ ބިރުދެއްކުމަށް އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހޭކަށް. ފަލަސްޠީންގެ މުސްލިމުންތައް ކަތިލަމުންދާއިރު ފިޔަވަޅު އަޅާކަށް ނުޖެހޭ.
އެފައިސާ މިފައިސާ
14 October 2018
އޭ މަޑު ކޮށްބަލަ. ދޮން މުސްލިމުންވެސް އުޅޭ. ދެނޯ؟ ޗައިނާ ރައްޔިތުން މެންޓަލް ޓޯޗަރ ކޭމްޕް ތަކަށް ލައިގެން ނެޝަނިލަޒްގެ ނަމުގައި އިސްލާމް ދީން ދޫކުރަން މަޖްބޫރުކުރާ އިރު ކަލޭމެން ހަމަ އޯކޭތަ؟ ބޯ ހަލާކު.
ވަގުތީ
13 October 2018
ފިޔަވަޅު އަޅާފާނެތީ ބިރުން، ދުނިޔޭގެ ލިބެން އޮތް އެއްޗަކުން މަހްރޫމް ވެދާނެތީ ކަންބޮޑުވެގެން، އެމެރިކާ، އިންޑިއާ، އީޔޫ އަށް ބިރުން އުޅެނީ އިބޫ މެން ކަހަލަ މީހުން.