ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި، މި އަހަރުގެ ފަހުކޮޅު ޝެޑިއުލް ފްލައިޓްތައް ޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ މާފަރު އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޓާމިނަލްގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާފައިވާ އެއާޕޯޓަށް މިިދިޔަ އޮގަސްޓް 14 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު މާފަރު އެއާޕޯޓަށް ވަނީ ޔޫއޭއީގެ އޭ737ގެ ޓެސްޓު ފްލައިޓެއް ވެސް ޖައްސައިފަ އެވެ. އެ ފްލައިޓް ޖައްސާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކްލިއަރެންސް ނިންމުމަށް ފަހުގަ އެވެ. ހަމަ އެ ދުވަހު އެ ބޯޓު ވަނީ ފުރައިފަ އެވެ.
މާފަރު އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ.
އެއާޕޯޓާއެކު ނ. އަތޮޅުގައި ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައިފް އަލީ ސައީދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސޮއިކުރައްވައިފަ އެވެ.