ރައީސް ޔާމީން ބޭރަށް ވަޑައިގަތުން ހުއްޓުވައިދިނުމަށް އެދި ފުލުހަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދިނުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން މިރޭ ފުލުހުންގެ އިދާރާ އަށް މައްސަލައެއް ހުށަހަޅައިފި އެވެ.


އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ ކޮރަޕްޝަނާއި ބޮޑެތި އެހެން ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ކުރެވި އަދި އެ މައްސަލަތައް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވަނިކޮށް ފުރާވަޑައިގަތުން ހުއްޓުވުމަށް އެދިފައިވާ ކަމަށެވެ.

"ރައީސް ޔާމީނަށް ފުރާވަޑައިނުގެންނެވޭ ގޮތަށް ހަމަޖެއްސުމަކީ ކުރަންޖެހޭ ކަމެއް. ކޮރަޕްޝަނާ އެހެން ބައިވަރު މައްސަލަތަކެއް މިހިރީ ތަހުގީގީ މަރުހަލާގައި،" ފުލުހުންގެ އިދާރާ ކައިރި ހުންނަވައި ހަސަން ލަތީފް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ވައްކަމާއި ކޮރަޕްޝަން މައްސަލަތަކުގައި އަމިއްލަ އަށް އިއުތިރާފްވެ ވަޑައިގެންފައިވާ ބޭފުޅެއް... މި ދައްކަނީ އެއް މިލިއަން ދެ މިލިއަން ރުފިޔާގެ ވާހަކައެއް ނޫން. އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ."

ރައްޔިތުން، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބު ކުރީ ރައީސް ޔާމީންގެ މައްސަލަތައް ބަލައި އިންސާފު ގާއިމްކުރުމަށް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ، ތުލުސް ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލެވޭނެ މަގާމުގައި ހުންނެވި ބޭފުޅަކު ރާއްޖެ އިން ބޭރަށް ވަޑައިގެންފި ނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ރައީސް ޔާމީން މާދަމާ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެކަން ރަސްމީ ފަރާތަކުން ހާމަކޮށްފައެއްނުވެ އެވެ. އަދި ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ.