އަހުމަދު ނާޒިމް މަޖިލީހުގައި މަސައްކަތް ކުރެއްވި އިރު: ރައީސް ޔާމީނާއެކު 2014 ވަނަ އަހަރު ކުރެއްވި ބައްދަލުވުމެއްގެ ވާހަކަ ތަފްސީލުކޮށް ވަނީ ކިޔައިދެއްވައިފަ -- މިހާރު ފައިލް ފޮޓޯ
21 އޮކްޓޯބަރ 2018 - 20:30
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ހުރިހާ ހިސާބެއްގައި ވެސް "ރައީސް ޔާމީންގެ ބައިވެރިވުން" އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު އަދި މިހާރު އަރުވާލެވިގެން އިނގިރޭސި ވިލާތުގައި އުޅުއްވާ ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތް އެންމެ 5 މިލިއަން ޑޮލަރުގައި އޮތް އިރު، އެކަމާ ބެހޭ ގޮތުން އޭނާއަށް ލިބިވަޑައިގެންނެވި މައުލޫމާތު ރައީސް ޔާމީނަށް ދެއްވި ކަމަށެވެ. އެގޮތުން އެޕްރީލް 28، 2014 ގައި، ރައީސް އޮފީހުގައި ރައީސް ޔާމީނާ އޭނާ ބައްދަލުކުރެއްވުމަކީ، ރައީސް ކަމަށް ވަޑައިގެންނެވި ފަހުން، "މޫނާއި މޫނު ދިމާވާ ގޮތަށް ބައްދަލުވި ހަތަރު ވަނަ އަދި އެންމެ ފަހު ފަހަރު" ކަމަށް ވެސް ނާޒިމް ލިއުއްވި އެވެ.
ކުރިން ވެސް އަޑުއަރާފައި އޮތް ގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބު ހިންގަވަމުން ގެންދެވި ހިނާޔާތުގެ މުއާމަލާތްތައް ރައީސް ޔާމީނަށް ނާޒިމު އޮތީ ދަންނަވައިފަ އެވެ. އޭރު އެމްއެމްޕީއާރުސީން ޑޮލަރު ދޭ ގޮތަށް ހިޔާނާތުގެ މުއާމަލާތްތައް ކުރީ އެމްޕީއެލުން ފައިސާ ހޯދައިގެންނެވެ.
ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އޭގެ މައުލޫމާތު އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ރައީސް ޔާމީނާ ގުޅުވައިގެން ދައްކާ ވާހަކަތައް އެމަނިކުފާނު އަބަދުވެސް ގެންދަވަނީ ދޮގު ކުރައްވަމުންނެވެ.
ނާޒިމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ސުޕްރީމް ކޯޓުން 25 އަހަރަށް ޖަލަށް ހުކުމްކުރީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލް މެދުވެރިކޮށް، އަދީބުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި އަދީބާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިއެއްގެ އެކައުންޓަށް 77 މިލިއަން ޑޮލަރަށް ވާ ފައިސާ ވަދެފައިވާ ކަމުގެ މައުލޫމާތު ރައީސް ޔާމީނަށް ދެންނެވި ފަހުންނެވެ.
ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ "ހުރިހާ ހިސާބެއްގައި ވެސް އޮތީ ރައީސް ޔާމީންގެ ބައިވެރިވުމާއި އެ ޚިޔާނާތުގެ އެންމެހާ ބޮޅުތައް އެމަނިކުފާނަށް ފަސޭހަވާނެ އުސޫލަކުން ތަރުތީބުކޮށް" އަތުރާލައްވައިފަ އެވެ.
"ފަސް މިލިއަން ޑޮލަރުން ފެށިފައި އޮތް ހިޔާނާތެއް، 18 މަސް ފަހުން މުޅި ގައުމަށް ހާމަވެގެން ދިޔަ އިރު 80 މިލިއަން ޑޮލަރަށް ވުރެ މަތިވެ، އެމްއެމްޕީއާރުސީގެ ތެރެއިން މުޅި ދައުލަތް ލޫޓުވާލީ ސީދާ ރައީސް ޔާމީނަށް އެކަމުގެ ހުރިހާ ހަގީގަތެއް އެނގި ހާމަވެ، އެކަމުގައި ވާގިވެރިވާ ހާލުގައި ހުންނަވައިގެންނެވެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ބަޔާނުގައި ދެން ކުރައްވާފައި އޮތް އަނެއް ތުހުމަތަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެކި މީސްމީހުން ދިން ޑޭޓެޑް ޗެކްތަކަށް ފައިސާ ފޯރުކޮށްދިން ވިޔަފާރިވެރިޔަކަށް، ދަރާފައި އޮތް ދަރަނި ދިވެހި ރައްޔިތުންގެ ފައިސާ އިން ދެއްކުމެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ އާއި އެމްޕީއެލް މެދުވެރިކޮށް އަދީބު ހޯއްދެވި ފައިސާ އެ ވިޔަފާރިވެރިޔާގެ އެކައުންޓަށް ޖަމާވުމުން ދޭހަވެގެން ދަނީ ކެމްޕޭންގެ ދަރަނިތައް "ހަލާސްކުރަމުން ދަނީ ސީދާ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމާއި ލަހުން ވިޔަސް އަދި ފަހުން ވިޔަސް މިކަންތައް ހާމަވާނެ ކަމަށް" ރައީސް ޔާމީނަށް ދެންނެވި އެވެ.
"މި ބޮޑު ހިނާޔާތް މިހާރުން މިހާރަށް ހުއްޓުވާދެއްވައި، ދައުލަތުގެ ތެރޭގައި މިފަދަ ހިޔާނާތްތައް ތަކުރާރުނުވާނެ ފަދަ އުސޫލަކުން ފިޔަވަޅު އަޅުއްވާ ދެއްވުމަށް އެދި ދެންނެވި" ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެ ދުވަހު އަޅުގަނޑު ހައްގު ބަސް ބުނެ ފަރުދީ ޒިންމާ އަދާކުރުމުގެ ސަބަބުން 25 އަހަރު އަޅުގަނޑު ހަރުގޭގައި ބަންދު ކުރުމުގެ ހުކުމެއް އިއްވައި އަޅުގަނޑުގެ ސިޔާސީ އަދި ޒާތީ ހަޔާތް ނެތިކޮށްލީ އެވެ،" ބަޔާނުގައިވެ އެވެ.
ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އަދީބު މެދުވެރިވެގެން ބައެއް ވިޔަފާރިވެރިންނާއި އެކި ތަންތަނުން ނަގާ "ފައިސާ އަޅުގަނޑު އަތަށް ބަރާބަރަށް ލިބޭ ކަމަށް" އެ ބައްދަލުވުމުގައި ރައީސް އޭނާގެ އަރިހު ވިދާޅުވި އެވެ.
އެގޮތުން ފައިސާ ދެއްވާ ރާއްޖޭގެ ހަތަރު ވިޔަފާރިވެރިއެއްގެ ނަން ވެސް ރައީސް ވިދާޅުވި ކަމަށް، ނާޒިމްގެ ބަޔާނުގައި، އެ ބޭފުޅުންގެ ނަމާ އެކުވެ އެވެ.
"އެ ބޭފުޅުން އެކި އަދަދުތަކުން [އެއް ލައްކަ ނުވަތަ ދެ ލައްކަ ޑޮލަރު] ޕްލެޖު ކުރެއްވުމުން އެ ފައިސާ ކަލެކްޓްކުރަން ފޮނުއްވަނީ އަދީބު ކަމަށާއި އެކަން އަދީބުއާ ހަވާލުުކުރައްވާފައިވާ ކަމަށާއި އެ ފައިސާ ބަރާބަރަށް ހަމައަށް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ،" ރައީސް ޔާމީން ވިދާޅުވި ކަމަށް، ނާޒިމްގެ ބަޔާނުގައިވެ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ މި ބަޔާނާ އެކު "އަޅުގަނޑުގެ ހަމަހިމޭންކަމަށް ނިމުން ގެންނަމެ"ވެ. އެކަމަކު ދެން އޭނާ ދައްކަވާނީ ކޮން ވާހަކައެއް ކަމެއް ނުވަތަ ނެރުއްވާނީ ކޮން ކަމަކާ ބެހޭ ބަޔާނެއް ކަމެއް ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުނައިދު
22 October 2018
ސާބަހޭ ނާޒިމް.ހުރިހާ ކަމެއްފަޅާއަރުވާލާ.ސިއްރު ކުރާނެކަމެއްނެތް.އެނގިހުރި މައުލޫމާތެއް ކަމާބެހޭ މުވައްސަސާތަކާ ހިއްސާކޮށްލަދެއްވާ.ނާޒިމް އަށް ވަރަށްމުހިންމު މައުލޫމާތު އިނގޭނެކަމަށް ލަފާކުރެވޭ.
ބޮސް
22 October 2018
މިހާރުތަ ހަމަލާ ދޭންވީ
މޯލްޑިވިއަން
22 October 2018
އަޅުގަނޑުމެންގެ އާރައީސަށް ގޮވާލަން ... ނާޒިމްމެން މިހާރު ވާހަކަ އެދައްކަނީ ކަންތަތަކުން ބަރީއަވާށެވެ. އާރާއި ބާރު އޮތް ދުވަސްތަކުގައި ނާޒިމްމެން ކޮށްފައިހުރި ވައްކަންތަކުގެ ވާހަކަ ރައްޔިތުންނާއި ހަމައަށް ތިލަކޮށްދެނީ އެމްޑީޕީ އިންނެވެ. ވީމާ މިއަދު އެމީޙުން ޔާމިނަށް ދެކޮޅުގެ ބަސް ބުނަމުން ދިޔަޔަސް އިއްތިހާދުގެ ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭށެވެ. އަދި ޖާބިރަށް ވެސް ފުރުސަތު ނުދެއްޗެވެ. އެއީ ދައުލަތަށް ދައްކަން ޖެހޭފައިސާ ނުދައްކާމީހެކެވެ.
ފަޅުވެރިން
22 October 2018
މީނައަކީ އެހެން މީހަކަށް ޙަމަލައެއް ދެވޭކަހަލަ އުރައްޕެއް ހުރި މީހެއް ހެއި؟ ޚުދު ތިމާއަކީ ކޮރަޕްޝަން ސާބިތުވެގެން 25 އަހަރުގެ ޖަލު ޙުކުމެއް އައިސް، އެޙުކުމަށް ފިލައިގެން ހުރި މީހެކޭ! މިފަދަ މީހަކު އެހެން މީހުންނޭ ކިޔައިގެން ދައްކާނީ ކޮން ވާހަކައެއްހެއި؟؟
ށަން
22 October 2018
ޔާމީނު ގެ ވައްކަން ދިފާއުކުރަން އުޅުމަށް ވުރެ މާތާހިރުވާނެ ގުއިލާފަ ދަޑިންތެޅީޔާ ނާޒިމު އެ ބުނީ ކަންތަހިގާދިޔަގޮތް މީގެ ނާޒިމްގޯސްކުރާނެކަމެއްނެއްއ
ރައްޔިތުން
22 October 2018
ނާޒިމު އަކީ ތިކަމުގައި ހުކުމެއް އަންނާންޖެހޭ މީހެއްނޫން
ވާހަކަ
22 October 2018
ނާޒިމު ދެއްކިވާހަކަ މާގޯހެއްނޫން ވާހަކަ ދެއްކި މީހާއަކީ ޔާމީނާއެކު ޖަރީމާހިނގި އިސް އެކަކު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒުހިންގަމުންދިޔަ މިނޫނަސް އެތަކެއް ޖަރީމާތައް ޔާމީނާއެކު ހިނގަމުން ދިޔަ ޔާމީނު ހިންގި ޖަރީމާތައް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ނާޒިމު އަބަދުވެސް އޭނާ ބޭނުންވާހާ ކަމެއްކޮށްފަ އެމީހަކު ގުރުބާންކުރާމީހެއް އެކަން ވަރަށް ސާފު ވެރިކަން ހޯދަ ދިން ބޮޑުބޭބެގެ މިސާލުންވެސް
ޖައިސާމް
22 October 2018
ނާޒިމްއާ ޔާމިނަކީ އެއް ފޮށްޗަކުން ފަހާފައިވާ ހެދުންތަކެއް. ތާރީހު ދައްކަނީ ދެމީހުންނަނީވެސް ކޮރަޕްޝަނުގައި ދެބެއިންކަން. ތަފާތަކީ ރައީސްގެ މަގާމުގަ ހުރެގެން ޔާމިނަށް ލިބުނު ފުރުސަތު ނާޒިމަށްވުރެ ތަނަވަސްވުން.
ޢައްޑޫ މީހާ
22 October 2018
ނާޒިމް ދެންކޮން ވާހަކައެއް ތިހުރީ ޖަލުގަ
ބަޑިތަކުރު
22 October 2018
އޮޑިޓަރ ޖެނެރަލްއަށް ޖެހުނު ދަތުރާއި އެވާހަކަ ދެއްކި ޝެއިޚް އިމްރާނަށް ޖެއްސިހާލާއި، އެއްއަތުން ޖަހައި އަނެއްއަތް ކަނޑާލުންފަދަ ގޮތަކަށް ނާޒިމަށް އިއްވި ކުއްލި ހުކުމާއި ދެންވެސް ހިނގަމުންދިޔަ އެތައް ކަމަކުން ނާޒިމް މިއަދު އެވާހަކަތައް ބުނުމުގެ ކުރިންވެސް އަދީބާހަމައިން އެކަން ނުނިމޭކަން އެއީ އެންމެންނަށްވެސް އެނގޭ ބޮޑު ސިއްރެކެވެ. އެކަން ދިފާޢުކުރާ މީހުންނަކީ އެއިން ބައިއެޅުނު މީހުންކަން އެކިފަހަރުމަތިން ވެފައިހުރި އިއުތިރާފްތަކުން އެނގެއެވެ.
ޔަސް
22 October 2018
ސަޅާމަތް ވާން ދޮގު ނުހަދާ ސިއްރު ކުރުން މާ ގޯސް ހެޔޮވިސްނޭ މީހުން ކުއްވެރިން ކުރާ ތިކަހަޅަ ކަމެއް ނުބަޅާނެ