ސުޕްރީމް ކޯޓުގެ ނިންމުމަށް އީޔޫން މަރުހަބާ ކިޔައިފި

އިންތިޚާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަރުހަބާ ކިޔައިފި އެވެ.


މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބަލި ގަބޫލު ކުރެއްވުމަށް ފަހު، އިންތިޚާބު ބާތިލުކުރަން ރައީސްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން (އީސީ) ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭން އުޅުނު ކަމަށް ބުނެ އާއި ނަތީޖާ ވަކި ކޮޅަކަށް އަނބުރާލަން ކޮމިޝަނުން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.

އިއްޔެ ބޭއްވި ޝަރީއަތުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އީސީގެ މައްޗަށް އަމުރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެފައިވާ ކަމަށެވެ.

އީޔޫން ކުރި ޓްވީޓް

އީޔޫން ކުރި ޓްވީޓެއްގައި ބުނީ ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމްކޮށް ސުޕްރީމް ކޯޓުގެ ހުކުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެހެންކަމުން ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން އަމާންކަމާއެކު ދާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޓްވީޓްގައިގެ އެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އަދި ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބާރުތައް އަނބުރާ އިއާދަވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އީޔޫގެ ޓްވީޓްގައިވެ އެވެ.

ވެރިކަމުގެ ބާރުތައް ބަދަލުކުރަން ދެކޮޅު ހަދާ ނަމަ ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޯވްސްކީ ވަނީ ކުރިން ވިދާޅުވެފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމިން އަމަލު ކުރައްވަމުން ގެންދަވަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އީޔޫ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރާއި ޝަރުއީ ދާއިރާއިން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެ އެވެ.