މައުމޫންގެ "އަބުރު ކަތިލި" ރިޕޯޓެއް ޕީއެސްއެމް އިން ގެނެސްދިނުމަށް ފަހު ނަގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރައްދުވާ ގޮތަށް ދައުލަތުގެ މީޑިއާ އިން މިރޭ ގެނެސްދިން ރިޕޯޓަކާ ގުޅިގެން އާއްމުން ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމާ އެކު އެ ރިޕޯޓް ނަގައިފި އެވެ.


މިރޭ 8:00 ގެ ޚަބަރުގައި ގެނެސްދިން އެ ރިޕޯޓް ބިނާކޮށްފައި ވަނީ މައުމޫން ކުރެއްވި ޓުވީޓަކަށެވެ.

ސިޔާސީ ގޮތުން ކާމިޔާބު ހޯދަން ބިރު ފަހަނަ އަޅާ ދާންޖެހޭ ކަމަށް ވިދާޅުވެ މައުމޫން އިއްޔެ ކުރެއްވި އެ ޓުވީޓު ޕީއެސްއެމްގެ ރިޕޯޓްގައި މާނަކޮށްފައިވަނީ އިސްލާމް ދީނާ ހިލާފު ކަމަކަށް މައުމޫން ހިތްވަރު ދެއްވުން ކަމަށެވެ. މައުމޫން އެ އިޝާރާތް ކުރައްވަނީ، އެ ޚަބަރުގައި ބުނި ގޮތުގައި، އިދިކޮޅު އެމްޑީޕީން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބޭނުން ކުރި ޝިއާރެއް ކަމަށްވާ "ބިރަކާ ނުލާ މަޖާކުރުމަށެވެ". އެއީ ދީނާ ހިލާފު ވާހަކައެއް ކަމަށް ބުނެ، އެ ރިޕޯޓްގައި މައުމޫނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.

މީގެ އިތުރުން މައުމޫންގެ އުމުރުފުޅު ފާހަގަކޮށް، އެ އުމުރުގައި، ސިޔާސީ ގޮތުން އެ މަނިކުފާނުގެ އެންމެ ބޮޑު އެއް ވާދަވެރިޔާ ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދާފައިވެ އެވެ. އަދި މައުމޫން މަސައްކަތްޕުޅު ކުރައްވަނީ އެ މަނިކުފާނުގެ ދަރިކަލުން، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ސިޔާސީ ގޮތުން ކުރި ހޯއްދަވައި ދެއްވުމަށް ކަމަށް ވެސް "ބައެއް މީޑިއާ ރިޕޯޓުތަކާ" ހަވާލާ ދީ، ޕީއެސްއެމް އިން ބުނެފައިވެ އެވެ.

މައުމޫން ކުރެއްވި ޓުވީޓު.

މި ރިޕޯޓް ޕީއެސްއެމްގެ ވެބްސައިޓުގައި ވެސް ޝާއިއު ކުރި އެވެ. އެއާ އެކު، ސޯޝަލް މީޑިއާގައި އާއްމުންނާއި ނޫސްވެރިންގެ ވެސް ބޮޑެތި ފާޑުކިޔުންތަކެއް ޕީއެސްއެމް އަށް އަމާޒު ވި އެވެ. އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ މިއަދު ތަސްދީގުކޮށް، އަމަލު ކުރަން ފެށި ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ދަށުން އަބުރާ ބެހުން ކަމަށް ބަލާ ކަންތައްތަކެއް އެ ރިޕޯޓްގައި އެކުލެވިގެންވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރުމެވެ. އެހެންވެ، އެ ރިޕޯޓުން މައުމޫންގެ "އަބުރު ކަތިލެފައިވާ" ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުންޏެވެ.

އެ ރިޕޯޓްގައި މައުމޫންގެ އަބުރު ގެއްލުވާލާފައިވާ ކަމަށް ބުނެ އާއްމުން ކިޔަން ފެށި ފާޑުކިޔުންތައް އިތުރު ވާން ފެށުމުން ޕީއެސްއެމް އިން ވެބްސައިޓުން ރިޕޯޓް ނަގައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ބަހެއް އަދި ނުލިބެ އެވެ.

އެކަމަކު، ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނު މަޖިލީހުން ދިރާސާ ކުރިއިރު، ޕީއެސްއެމް އިން ވަނީ އެ ބިލަށް ތާއީދުކޮށްފަ އެވެ. އެ ބިލުގައި ކަންބޮޑުވާ މަދު ކަންތައްތަކެއް ހުއްޓަސް، ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި އެއީ ކޮންމެހެން އޮންނަންޖެހޭ ގާނޫނެއް ކަމަށް ބިލު ދިރާސާ ކުރި ކޮމިޓީގައި ޕީއެސްއެމްގެ ބޯޑު މެމްބަރުން ވިދާޅުވެފައިވެ އެވެ.

މައުމޫން ކުރެއްވި ޓުވީޓު އޮޅުން އަރާ ގޮތަށް ދައުލަތުގެ މީޑިއާ އިން ގެނެސްދީފައި މި ވަނީ މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނާ ދެމެދު ކޯޅުންގަނޑެއް އުފެދިފައި ވަނިކޮށެވެ. އެ ކޯޅުމާ އެކު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ.

އެކަން އެންމެ ބޮޑަށް ފެނުނީ މި ފަހުން މަޖިލީހުން ފާސްކުރި ބިލުތަކަކާ ގުޅިގެންނެވެ. އެ ގޮތުން، ޓޫރިޒަމް ބޭނުންތަކަށް އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ހުށަހެޅި ބިލާއި ހިޔާޅު ފާޅުކުރުން ހުއްޓުވަން ހުށަހެޅި ބިލާ މައުމޫން ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެ މަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން އެ ބިލުތަކާ ދެކޮޅަށް ވޯޓު ދެއްވުމުން އެ ބޭފުޅުންނާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ވެސް ރައީސް ޔާމީންގެ ފެކްޝަނުން ކޮންޓްރޯލް ކުރާ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ނިންމާފަ އެވެ.

މި ބައިބައިވުމުގެ ތެރޭން މައުމޫން ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލެއްވި އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.

އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ. ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ކައުންސިލާއި އެ ޕާޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ނުބާއްވަން މައުމޫން އަންގަވާފައިވާ އެންގެވުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.