ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލާ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސްރީ ލަންކާއަށް މާދަމާ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިބޫ އެނބުރި ވަޑައިގަންނަވާނީ ނަޝީދުގެ އަރިހުގައި ކަމަށެވެ.
"ރައީސް ސޯލިހު މާދަން ފުރާވަޑައިގަންނަވާނެ ސްރީ ލަންކާއަށް. ސްރީ ލަންކާއަށް ފުރާވަޑައިގެންފައި އެނބުރި ވަޑައިގަންނަވާނީ މާދަމާ ނޫން އަނެއް ދުވަހު ނޮވެމްބަރު، 1ގައި، ރައީސް ނަޝީދާ އެކީގައި،" މާރިޔާ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު، ތިން އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު އެ ހުކުމް ތަންޒީފުނުކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރެއް ނެރެފަ އެވެ. އެހެންކަމުން އެއްވެސް ހުރަހެއް ނެތި، އެމަނިކުފާނަށް ރާއްޖޭގައި ދެން އުޅުއްވޭނެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ޕީޖީގެ ފަރާތުން އެ ކޯޓަށް ހުށައެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމަނިކުފާނުގެ ހުކުމާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅު ނޭޅުމަށެވެ.
ނަޝީދަށް މަރުހަބާ ދަންނަވަން އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.