ރާއްޖެޓީވީ ހުއްޓުވާލަން ބްރޯޑް ކޮމްއިން ޑިފެންސް މިނިސްޓްރީގައި އެދުނު

ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓު ހުކުމާ އެކު ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ރާއްޖެ ޓީވީ ހުއްޓުވާލަން ބްރޯޑްކާސްޓިން ކޮމިޝަނުން، ޑިފެންސް މިނިސްޓްރީ އަށް ރަސްމީ ސިޓީއެއް ފޮނުވިކަން ހާމަވެއްޖެ އެވެ.


އޭރު ކޮމިޝަންގެ މެމްބަރު އަދި މިހާރު ބްރޯޑް ކޮމްގެ ނައިބު ރައީސަކަށް ހުންނެވި، ޕީޕީއެމްގެ އެކްޓިވިސްޓް އިސްމާއިލް ސޮފްވާން ސޮއިކުރައްވައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ފޮނުއްވި ސިޓީއެއް އާންމުވެފައި ވާއިރު އޭގައި ވަނީ "ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުން ދާ" ވާހަކަ އާއި "ގައުމީ ދިފާއީ ބާރުތަކުގެ އަގު ވެއްޓޭ ގޮތަށް" މެދުނުކެނޑި ބްރޯޑްކާސްޓް ކުރަމުންދާ ވާހަކަ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ކަމަށް ވެސް އޭގައި ބަޔާންކޮށްފައިވެ އެވެ.

"ވީމާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ތިޔަ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ތެރެއިން މިކަން ހުއްޓުވަން އެދި ދެންނެވީމެވެ،" ސިޓީގައި އެދިފައިވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ސިޓީ ފޮނުވަން ނިންމި ބްރޯޑް ކޮމްގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ދެން ރިޔާސަތު ބެލެހެއްޓެވި އޭރުގެ ނައިބު ރައީސް މުހައްމަދު އަސްލަމް ބައްދަލުވުމުން ނުކުމެވަޑައިގަތީ ޑިފެންސް މިނިސްޓްރީއަށް އެ ސިޓީ ފޮނުއްވަން ދެކޮޅު ހައްދަވައިފަ އެވެ.

ފެބްރުއަރީ 7 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ބޭއްވި އެ ބައްދަލުވުމުގައި ދެން ތިއްބެވި ފަސް މެމްބަރުންނާ އެކު ރިޔާސަތު ބެލެހެއްޓެވީ ސޮފްވާން ކަމަށް، އެނގިފައިވެ އެވެ. އަދި ޑިފެންސް މިނިސްޓްރީއަށް ހަމަ އެރޭ، ޖެމްސް މެދުވެރިކޮށް، ސިޓީ ފޮނުވި އެވެ.

އެކަމަކު އެ ސިޓީގައި އެދިފައިވާ ގޮތަށް ރާއްޖެ ޓީވީއާ ދެކޮޅަށް ޑިފެންސް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ބްރޯޑް ކޮމްގެ ރިޔާސަތު ބެލެހެއްޓެވުމުގެ ބާރު ހޯއްދެވުމުގެ ގޮތުން ޝަހީބުގެ އޮފީސް ކޮޓަރީގައި އޭނާ "ރަހީނުކޮށް" ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށް ޝަހީބު ޕޮލިހަށް މައްސަލައެއް ހުށަހަޅުއްވާފައިވެ އެވެ. ކޮޓަރިން ނުކުމެވަޑައިގެންނެވިޔަ ނުދީ ހިފެހެއްޓެވުމަށް ފަހު ތިން ކަމަކަށް ޝަހީބަށް މަޖުބޫކުރެއްވި ކަމަށްވެ އެވެ. އެއީ ހަފުތާއެއްގެ މުއްދަތަށް ޗުއްޓީއަކަށް ދިއުން، ރިޔާސަތު ބެލެހެއްޓެވުން ސޮފްވާންއާ ހަވާލުކުރެއްވުން ނުވަތަ މަގާމުން އިސްތިއުފާ ދެއްވުމެވެ.

އެކަމަކު އެއިން އެއްވެސް ކަމަކަށް ޝަހީބު އެއްބަސްވެވަޑައިނުގަތުމުން، އެންމެ ފަހުން ސޮފްވާން އެ ކޮޓަރިން ނުކުންނެވީ އެވެ.

ޝަހީބު ވަނީ ފުލުހުންނަށް ރަސްމީކޮށް އެ މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެކަމަކު ފުލުހުން އެ މައްސަލަ ބަލާފައެއް ނުވެ އެވެ.

ސޮފްވާން އަކީ ބްރޯޑް ކޮމްގެ މެމްބަރެއް ނަމަވެސް ގިނަ ވަގުތު މުލިއާގޭގައި ހޭދަކުރެއްވި ބޭފުޅެކެވެ.

ރާއްޖެ ޓީވީއާ ދެކޮޅަށް ބްރޯޑް ކޮމް އިން ވަރަށް ބޮޑެތި ޖޫރިމަނާތައް ކޮށްފައިވެ އެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ކުރިން އެ ޓީވީ ޗެނެލް ހުއްޓުވާލެވޭނެ ގޮތެއް އޮތްތޯ، ސޮފްވާން އާއި އެ ކޮމިޝަންގައި ދެން ހިމެނޭ ޕީޕީއެމްގެ އެކްޓިވިސްޓް މެމްބަރުން ވަރަށް ބޮޑަށް ބެއްލެވި ކަމަށްވެ އެވެ.