އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އަށް ވަނީ ތަފާތު މައްސަލަތައް ކުރިމަތިވެފައި. --ފޮޓޯ:އީޕީއޭ
13 ނޮވެމްބަރ 2018 - 12:24
ނިއު ދިއްލީ (ނޮވެމްބަރު 13) - އެލްކަހޯލް ޓެސްޓުން ފެއިލްވި އެއާ އިންޑިއާގެ ސީނިއާ ޕައިލެޓަކު ތިން އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.
އިންޑިއާގެ ގައުމީ އެއާލައިނުގެ ޑިރެކްޓަ އޮފް އޮޕަރޭޝަންސްގެ މަގާމު ވެސް އަދާކުރާ ކެޕްޓަން އަރްވިންދު ކަތުޕަލިއާ އަކީ މިދިޔަ އާދިއްތަ ދުވަހު ދިއްލީން ލަންޑަނަށް ދަތުރުކުރަން އޮތް އެއާ އިންޑިއާގެ ބޯޓުގެ ޕައިލެޓެވެ. ނަމަވެސް އެލްކަހޯލް ޓެސްޓުން އޭނާ ފެއިލްވުމުން ވަނީ ބަދަލުގައި އެހެން ޕައިލެޓެއް ހަމަޖައްސައިފަ އެވެ.
އޭވިއޭޝަން އޮފިޝަލުން ބުނެފައި ވަނީ މިދިޔަ އަހަރު ވެސް އޭނާ ވަނީ ތިން މަހަށް ސަސްޕެންޑްކޮށްފައި ކަމަށެވެ.
ކެޕްޓަން ކަތުޕަލިއާ ބުނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި އޭނާ އަކީ އެއާލައިނުގެ އެތެރޭގައި ޖެހިގެން އުޅޭ މައްސަލައެއްގައި ޝިކާރައަކަށްވެފައިވާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ އިންޑިއާގެ ދެ ޕައިލެޓަކު ފަސް އަހަރަށް ސަސްޕެންޑް ކުރަން ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އިން ނިންމައިފަ އެވެ. އެއީ، ޖެޓް އެއާވޭސްގެ ދެ ޕައިލެޓުން ކޮކްޕިޓުގައި ތަޅައިގަތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިންތު
14 November 2018
އަޅުގަނޑަށް އެނގުނު ގޮތުގައި ބޯޓު ފުރުމުގެ ކުރިން ޕައިލެޓުންގެ ހަދާ އަލްކަހޯލް ޓެސްޓުން އެ ޕައިލެޓް ފޭއިލްވީ، މާނައަކީ އަލްކަހޯލްއަށް ޕޮޒިޓިވް ވީ އޭ، މިތަނުގަ އެމާނައަކީ، އެންމެންގެ ފުރާނަ އަތްމައްޗަށް ލައިގެން މަތިންދާ ބޯޓެއް ވައިގެތެރޭގައި އޮންނައިރު ވާނުވާ ނޭނގޭ ޒާތުގެ ކަމެއްކޮށްގެން ހުރި މީހަކު ސަސްޕެންޑެއްނޫން އެކަނި ކުރަންވީ، ވަޒީފާ ބަދަލުކުރަންވެސް ޖެހޭނެ.
އަމީ
13 November 2018
މީގަ ވާނުވާ އެނގުނު މީހަކު މިއަށް ކޮމެންޓެއް ކޮށްލަދީބަ އިނގޭ