ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިބޫގެ ކިބައިގައި ބައްޕަގެ ޝަހުސިއްޔަތު

މިއަދު ހަވީރު ހުވާ ކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ).---ފޮޓޯ: މިހާރު

ރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އެންމެ ދުރު އެއް ހަނދާނަކީ ވެސް އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރުގައި ދިރިއުޅުއްވި ނޫރާނީގޭ އަދި ފަހުން ނަމަ ނޫރާނީއާގޭ ދޮށުން މީހުން ހުސްނުވާ ހަނދާނެވެ. ކޮންމެ އިރަކު ވެސް ގޭދޮށުގައި އެތައް ބަޔަކު އުޅެ އެވެ. ކޮންމެ އިރަކު ވެސް 50 އަށް ވުރެ ގިނަ މީހުންނަށް ގޭގައި ކާން ހަދަ އެވެ. ރާޒުވާ އާއި ވޮލީ ކުޅުން ފަދަ ކުޅިވަރު ހަރަކާތްތައް އޮވެ އެވެ. އެއީ އިބޫގެ ބައްޕަ މުހައްމަަދު ސޯލިހް (މުހައްމަދު) ގެ މެހުމާނުންނާއި މުވައްޒަފުންނެވެ. އިބޫގެ ބައްޕަ އަވަހާރަވީ މީގެ 36 އަހަރު ކުރިންނެވެ.

އުމުރުފުޅުން 54 އަހަރުގެ އިބޫ، ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރައްވައި މިއަދު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާއިރު، އެމަނިކުފާނު ގިނަ ބަޔަކަށް އެނގެނީ މެމްބަރެއްގެ ގޮތުގައި އެކަންޏެވެ. އެކަމަކު، ތާރީޚަށް ބަލާ ނަމަ އިބޫ އާއި އެމަނިކުފާނުގެ އާއިލާ އަކީ މުޅި ޅ. އަތޮޅާއި ހިންނަވަރުގެ އިތުރުން އުތުރުގެ ރަށްތަކަށް މަޝްހޫރު އަދި ކަމުވޮށިގެންވާ އާއިލާއެކެވެ. ރައްޔިތުންގެ މަޖިލީހުގައި ޅ. އަތޮޅު ތަމްސީލް ކުރެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވީ އިބޫގެ އާއިލާގެ ބޭފުޅުންނެވެ. އިބޫގެ ބައްޕަ އަދި 1960 އާއި 1970ގެ އަހަރުތަކުގައި މަޝްހޫރު ވިޔަފާރިވެރިޔާ ދުވަސްކޮޅަކަށް ޅ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ. އަތޮޅު ކޮމެޓީއަށް ބައްޕަގެ އިތުރުން އާއިލާގެ ބައެއް ބޭފުޅުން އަބަދުވެސް އިންތިޚާބުވެ އެވެ. ރަށުގެ އުތުރުކޮޅާއި ދެކުނު ކޮޅުގައި ވެސް އޮތީ އިބޫގެ އާއިލާގެ ނުފޫޒެވެ.

އިބޫގެ ބައްޕަ ހެއްދެވި ގެ: މި ގެއަށް ބޮޑެތި ބަދަލުތައް ގެންނަވާކަށް އިބޫ ބޭނުންފުޅެއް ނުވޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބައްޕަގެ ނަމުގައި ހަތް ވަރަކަށް ފަޅުރަށާއި އަށެއްކަ ދޯނި ގެންގުޅުނެވެ. އޭގެ ތެރޭގައި މަސްދޯނިފަހަރާއި މާލެއަށް ދަތުރުކުރާ ބޮޑެތި ދޯނިފަހަރު ވެސް ހިމެނެ އެވެ. އެ ދުވަސްވަރުގެ އާބާދީ ކުޑަކަމުން، މުޅި ރަށުގެ އެންމެން ކަހަލަ ގޮތަކަށް އުޅެނީ އިބޫގެ އާއިލާގެ މުވައްޒަފެއްގެ ގޮތުގަ އެވެ. އިބޫގެ ބައްޕަ އަވަހާރަވުމާ ހަމައަށް ވެސް އެ ގެއިން މީހުން ހުސްނުވުމުގެ އެއް ސަބަބަކީ އެއީ އެވެ. ބައްޕަގެ މެހުމާންދާރީ އަދާކުރުން ރަނގަޅު ވުމާއި މުވައްޒަފުންނަށް ކަމޭހިތުމެވެ. ރަށުގެ އެތައް ބައެއްގެ ކެއުން އިބޫގެ ގެއަށް ބަރޯސާ ވެފައި އޮތީ އެހެންވެ އެވެ.

"ބައްޕަ އުޅުއްވިއިރު ގޭގައި ކޮންމެ އިރަކު ތިން ބުރަށް ކާން ހަދާނެ. އެހާ ވަރަށް މީހުން އަންނާނެ ގެ އަށް ކާން. ބައްޕަގެ އެ އާދަ އަޅުގަނޑުގެ ގައިގައި ވެސް އެބަހުރި. އަޅުގަނޑު ރަށަށް ގޮސް އުޅޭއިރު ވެސް އަބަދުވެސް 30-50 މީހުންނަށް ކާން ހަނދާނެ،" އިބޫ ވިދާޅުވި އެވެ.

ބައްޕަގެ ދުވަސްވަރު ރަށުގެ އެތައް ބައެއްގެ ކެއުން ހަމަޖެހިފައި އޮންނަނީ އިބޫގެ މާމަގެގެ ނޫރާނީ ހުޅަނގުގޭގަ އެވެ. އިބޫ އާއި އާއިލާގެ ބޭފުޅުންގެ ކެއުން އޮންނަނީ ނޫރާނީއާގޭގަ އެވެ.

އިބޫގެ އާއިލާގެ ބައެއް ބޭފުޅުން ކެއުމަށް އިންސާފު ކުރައްވަނީ: ބައްޕަ އެކޭ އެއްގޮތަށް އިބޫ ވެސް ރަށަށް ވަޑައިގެންފި ނަމަ، ގެ އަށް އޮންނަނީ ބޮޑު އީދެެއް އައިސްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހިންނަވަރުގައި މީގެ 50 އަހަރު ކުރިއަށް ބަލާއިރު، އެންމެ މުއްސަނދި އަދި ރަށުގެ އަސްރާފުންގެ ގޮތުގައި ތިއްބެވީ އިބޫގެ ބައްޕަގެ އިތުރުން ބައްޕަ އާއި ދެބެއިންގެދެދަރި ބޭފުޅުން ކަމަށްވާ މުހައްމަދު އިބްރާހީމާއި މުހައްމަދު މޫސާ ނުވަތަ އިބޫގެ ބަހުން ނަމަ "ތިން މުހައްމަދެ"ވެ. އެހެންވެ، އިބޫގެ އާއިލާގެ މުއްސަނދިކަން ހިންނަވަރުގެ އިތުރުން ޅ. އަތޮޅާއި އުތުރުގެ ބައެއް ރަށްރަށަށް ވެސް އޮތީ ފޯރައިފަ އެވެ. ނަވާރަސަތޭކަ ހަތްދިހަ ވަނަ އަހަރާ ހަމައަށް އަތޮޅު ކޮމެޓީ އަށް މުޅިން ވެސް އިންތިޚާބު ވަނީ އެ އެ ތިން މުހައްމަދެވެ.

"މަސް އަބަދުވެސް ގޭދޮށުގައި ހުންނަ ހަނދާންވޭ. މަސް ކެނޑުން އަނެއް ދުވަހު ހޭލާއިރު ވެސް ކުރިއަށް ދާނެ. އަޅުގަނޑުގެ މާމަ (އިބޫގެ ބައްޕަގެ މަންމަ) މި ހުރިހާ ކަމެއްގައި އިސްކޮށް ހުންނަވާނީ،" އިބޫ ވިދާޅުވި އެވެ.

ރަށުގެ ގެސްޓް ހައުސް، ނޫރާނީއާގެ

އިބޫގެ ބައްޕަގެ ރަން ޒަމާނުގައި ހިންނަވަރަށް ވަޑައިގަންނަވާ ރާއްޖޭގެ ކަމުވޮށިގެންވާ ބޭފުޅުންގެ "ގެސްޓް ހައުސް" އަކީ ނޫރާނީއާގެ ނުވަތަ އިބޫގެ ބައްޕަގެ ގެ އެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގެ ކޮންމެ ވަޒީރަކު ހިންނަވަރަށް ވަޑައިގަތަސް ހުންނަވަނީ، އިބޫގެ ބައްޕަގެ މެހުމާންދާރީގައި، އެ ގޭގަ އެވެ. އޭގެ ތެރޭގައި މަޝްހޫރު އިލްމުވެރިން އަދި އަދީބުން ކަމަށްވާ އިބްރާހިމް ޝިހާބާއި މުހައްމަދު ޖަމީލު ފަދަ ބޭފުޅުން ހިމެނެ އެވެ. އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދެވެ.

މީގެ އިތުރުން، ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދާއި އިބޫގެ ބައްޕަ އަކީ މަޖީދިއްޔާ ސްކޫލްގައި އެއްކޮށް ކިޔަވައި ވިދާޅުވި ދެ ބޭފުޅުން ކަަމަށް ވުމުން، ހިންނަވަރުގައި ހަމީދުގެ ގެ އަކީ ވެސް އިބޫގެ ބައްޕަގެ ގެ އެވެ. ޅ. އަތޮޅުގެ އަތޮޅުވެރިއަކަށް ހަމީދު ހުންނެވިއިރު، ކޮންމެ ރެއަކު އަވަހާރަފުޅުލެއްޕެވީ އެގޭގަ އެވެ. ހަމީދުގެ ދަރިކަލުން ހަމްދޫން ހަމީދު ކުޑައިރު ހިންނަވަރުގައި ދިރިއުޅުއްވީ ވެސް އެ ގޭގަ އެވެ.

"އަޅުގަނޑު ހަނދާން ހުރޭ އެ ބޭފުޅުން [ޝިހާބާއި ޖަމީލް] ގޭގައި ތިބޭ ހަނދާން،" އިބޫ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ކަމުވޮށިކަން ދެއްވި ބޭފުޅުންގެ ތެރޭގައި ވެސް އިބޫގެ ބައްޕަ

މައުމޫން 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގެން ކަލޭފާނުގެ ލަގަބު ދެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އިބޫގެ ބައްޕަ މުހައްމަދެވެ. އެ ދުވަސްވަރު، ރަށްރަށަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާ ފިރިހެން ބޭފުޅުންނަށް ކަލޭފާނު އަދި އަންހެން ބޭފުޅުންނަަށް ކަނބުލޭފާނުގެ ލަގަބު ދެއްވީ މައުމޫނެވެ.

އިބޫގެ ބައްޕަ ވަނީ އުތުރުގެ އެކި އަތޮޅުތަކުން ނިކަމެތި އާއިލާތައް ހިންނަވަރަށް ގެންނަވައި އެ ގޭގައި ބައިތިއްބައިގެން ބަލަހައްޓަވައިފަ އެވެ. ވަރަށް ރަނގަޅަށް ތަރުބިއްޔަތު ކޮށްދެއްވައިފަ އެވެ. އެފަދަ ކިތަންމެ އާއިލާއެއް ހިންނަވަރުގައި މިހާރު ވެސް އުޅެ އެވެ.

"ބައްޕަގެ އޯގާތެރިކަން އަޅުގަނޑުމެންނަށް ވެސް ވަނީ ވާރުތަކޮށްފައި. އެކަން އަޅުގަނޑުމެންނަށް ވެސް މި ދައްކައި ދެވެނީ،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ، ބައްޕަ އަކީ ވިޔަފާރީގެ ތެރޭގައި އުޅުއްވި ބޭފުޅަކަށް ވާއިރު، ބައްޕަގެ މަންމަގެ ފަޅި ބެހިފައި ވަނީ ސިޔާސީ ކަންކަމަށެވެ. އަދި އިބޫގެ މަންމަގެ އާއިލާގ ބޭފުޅުން ވެސް ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމާއި ކަތީބު ކަމާއި އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ.

ބައްޕަ އަވަހާރަވުމަށް ފަހު، މުޅި އާއިލާ ބެލެހެއްޓެވުން އިބޫއަށް

ބައްޕަ އަވަހާރަވެ، އިބޫ ސްކޫލް ނިމެންދެން އާއިލާގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ބޮޑުބޭބެ އިބްރާހިމް ސޯލިހް (އިބްރާހިމްބެ) އެވެ. އެކަމަކު އޭގެ ފަހުން އިބޫގެ ޒިންމާގެ ތެރެއަށް އެކަން ވަނެވެ. އާއިލާގައި ލޯފަން ތިން ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންގެ ވެސް ހުރިހާ ކަމެއް ބަލަހައްޓަވަނީ އިބޫ އެވެ. އާއިލާގައި މިވަގުތު 12 ބޭފުޅުން ތިއްބެވިއިރު، ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ އިބޫ އެވެ. އެހެންވެ، އެމަނިކުފާނާ މަޝްވަރާ ނުކުރައްވައި އާއިލާގެ އެއްވެސް ކަމެއް ނުނިންމަވަ އެވެ.

"ބައްޕަ ނެތް ތަނުގައި ދޮންބެ (އިބޫ) އަކީ ހަމަ ބައްޕަ. ދޮންބެއަށް ނޭނގި އެއްވެސް ކަމެއް މި އާއިލާގައި ނުކުރާނެ. ބައްޕަ ނެތް ކަމަށް އަޅުގަނޑުމެންނަށް ދުވަހަކު ވެސް ނުދައްކާ،" އިބޫގެ އާއިލާގެ ލޯފަން އަދި ގުރުއާން ހިތުދަސް ބޭފުޅުންގެ ތެރެއިން ކޮއްކޯފުޅު މޫސާ މުހައްމަދު ސޯލިހް (މޫސަބެ) ވިދާޅުވި އެވެ.

ބައްޕަގެ ގެ ބެއްސެވުމުގައި ވެސް ދެއްކެވީ ނަމޫނާ

އިބޫގެ އުމުރުފުޅުން 16 އަހަރުގައި ބައްޕަ އަވަހާރަވުމުން، އާއިލާގެ ދޮށީ ފިރިހެން ބޭފުޅާގެ ހައިސިއްޔަތުން ހުރިހާ ކަމަކާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރިމަތިވެވަޑައިގެންނެވި އެއް ކަމަކީ މުދާ ބެހުމުގެ ކަންތަކެވެ. އިބޫ ދަންނަ މީހުން ބުނާ ނަމަ، އެކަމުގައި އެމަނިކުފާނު ވަނީ އާއިލާގެ އެންމެންނަށް ނަމޫނާ ދައްކަވައިފަ އެވެ. ހަމަހަމަކަން ދައްކަވައިފަ އެވެ. އެ ވާހަކަ އެހާ ތަފްސީލްކޮށް ވިދާޅުވާކަށް އިބޫ ބޭނުންފުޅެއް ނުވި އެވެ.

އިބޫގެ ބައްޕަގެ މުދާތައް، ދަރިންގެ ބަދަލުގައި ބެއްސެވީ ބައްޕަގެ އެއްބަނޑު އެއްބަފާ ބޭފުޅުންނަށެވެ. ފައިސާ އާއި މުދަލާއި ގެ ވެސް ބެއްސެވީ ބައްޕަގެ އެއްބަނޑު އެއްބަފާ ބޭފުޅުންނަށް ހަމަހަމަ އަށެވެ. އެއީ ސީދާ އިބޫގެ ހުށަހެޅުއްވުން ކަމަށް ވެ އެވެ. އިބޫގެ އެއްބަނޑު އެއްބަފާ ބޭފުޅުންނަށް ކަނޑައެޅީ ބައްޕަގެ ގެއިން ވެސް އެއް ބަ އެވެ. އެއީ ބޮޑުބޭއަކާއި ބޮޑު ދައިތައަކަށް ލިބޭ މިންވަރެވެ. ބައްޕަ އަށް ލިބިވަޑައިގަތީ ނޫރާނީ ދެކުނުގެ އާއި ނޫރާނީއާގެ އެވެ.

"ބައްޕަ މަސައްކަތް ކުރެއްވީ ބައްޕަގެ އެއްބަނޑު އެއްބަފާ މީހުންނަށްޓަކައި. ވަރަށް ހަމަހަމަ އަށް އެ ކަންތައް ކޮށްފައި އޮންނާނީ. މައްސަލަ ނުޖެހޭ ގޮތަށް ކަން ކޮށްފައި އޮންނާނީ،" އިބޫ ވިދާޅުވި އެވެ.

އިބޫގެ ބައްޕަގެ މުދާ ބައްސަވަން އިބޫގެ ފަރާތްޕުޅުން ހިންނަވަރު ކޯޓަށް ވަޑައިގަތީ ކުރީގެ ރައީސް އަދި އެންމެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ނަޝީދެވެ.

ގުޅުން ބަދަހިވުމުގެ އަސްލަކީ ބައްޕަ

އިބޫ އާއި ކުރީގެ ރައީސް ނަޝީދާ އޮންނަ ގުޅުމާ ގުޅޭ ގޮތުން ވަރަށް ގިނަ މީހުން ވާހަކަ ދައްކަ އެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން އެ ގުޅުން މިހާ ހިސާބަށް ވަރުގަދަވީ، އިބޫ ވިދާޅުވި ގޮތުން ނަމަ، ބައްޕަގެ ސަބަބުންނެވެ. އިބޫއަށް ނަޝީދު އެއީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަތުމުގެ މާ ކުރިން ވެސް ނަޝީދުގެ ބައްޕާފުޅު ކެނެރީ އަބްދުއްސައްތާރާއި އިބޫގެ ބައްޕާފުޅާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތެވެ. އަދި އިބޫގެ އަނބިކަނބަލުންގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި އިބޫގެ ބައްޕާފުޅާ ދެމެދު ވެސް އެ ރަހުމަތްތެރިކަން އޮތީ މާ ކުރިން އުފެދިފަ އެވެ. އިބޫ ކިޔަވާ ވިދާޅުވުމަށްޓަކައި އުމުރުން 10 އަހަރުގައި މާލެ ގެންނަވައި ފުރަތަމަ ދުވަހު ހުންނެވީ ވެސް ސިއްކަމެންގެ ނުވަތަ މިހާރު އިބޫގެ އަނބިކަނބަލުންގެ ގޭގަ އެވެ.

"އަޅުގަނޑު އަންނި ނުދަންނަނީސް ވެސް އަޅުގަނޑުގެ ރަށަށް ދިޔަ ކަމަށް ވޭ. އެއީ އަޅުގަނޑު މާލެ ބަދަލުވުމުގެ ކުރިން. އެކަމަކު އޭރު އަޅުގަނޑު އަންނިއެއް ނުދަންނަން އެހާ ކުޑައިރު ވީމާ،" އިބޫ ވިދާޅުވި އެވެ.

އިބޫ، ކިޔަވާ ވިދާޅުވުމަށްޓަކައި 1975 ގައި މާލެ ވަޑައިގަތުމަށް ފަހު، އަހަރީ ޗުއްޓީއަށް ކޮންމެ އަހަރަކު ވެސް ހިންނަވަރަށް ވަޑައިގަންނަވަނީ ސްކޫލްގެ ރައްޓެހިންނާ އެކު އެވެ. އޭގެ ތެރޭގައި ނަޝީދާއި އަނބިކަނބަލުންގެ އާއިލާގެ ބޭފުޅުން ހިމެނެ އެވެ.

އަބަދު ގޭދޮށުގައި

އިބޫ ވިދާޅުވާ ގޮތުން ނަމަ، ރަށުގައި އުޅުއްވިއިރު ގޭދޮށުން ދުރަށް ވަޑައިގަންނަވާ ހަނދާނެއް ދުވަހަކު ވެސް ނުވެ އެވެ. ސްކޫލުން ގެ އަށް ގެއިން ސްކޫލަށް ނޫން ތަނަކަށް ވަޑައެއް ނުގަންނަވަ އެވެ. ރަށުތެރޭގައި ގިނަވެގެން ނޫޅުއްވަ އެވެ.

އިބޫގެ އާއިލާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ނަމަ، އިބޫގެ މަޑުމައިތިރިކަމާއި އަޚްލާގު ރަނގަޅު ކަމުގެ ސިފަ ލިބިވަޑައިގެންފައި ވަނީ އެހެންވެ އެވެ. އެހެން މީހުންނަށް އިހްތިރާމް ކުރުމުގައި ނަމޫނާ ދައްކަވަނީ ކުޑައިރު އެގޮތަށް އުޅުއްވުމުންނެވެ.

އިބޫގެ އާއިލާގެ ބޭފުޅަކު މަޖިލިހުގައި ނުހުންނަވާއިރެއް ނެތް

އިބޫ ވިދާޅުވާ ގޮތުން ނަމަ، 1950 އިން ފެށިގެން ވަރަށް މަދު އަހަރުތަކެއް ފިޔަވައި ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ ޅ. އަތޮޅުގެ ގޮނޑި ނުވަތަ މިހާރުގެ ގޮތުން ނަމަ ހިންނަވަރު ދާއިރާގެ ގޮނޑި ފުރުއްވަނީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި އިބްރާހިމް އަހުމަދާއި މުހައްމަދު އިބްރާހީމާއި އިބްރާހިމް ސޯލިހާއި މުހައްމަދު މޫސާ އާއި މުހައްމަދު މާހިރު އީސާ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މީގެ ތެރެއިން މާހިރާއި މުހައްމަދު މޫސާ ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލިހުގެ މެމްބަރުކަން ކުރައްވައިފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އިބޫ ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: މަޖިލިސް

އިބޫ، މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ 1994 ގައި ބޭއްވި އިންތިޚާބުގައި އެންމެ ޒުވާން ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއްގެ ގޮތުގަ އެވެ. އެ އަހަރު އެންމެ ޒުވާން ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ އަހުމަދު ތަސްމީން އަލީ އެވެ.

ބައްޕަގެ ހަނދާނަކަށްޓަކައި ގެ އަށް ވެސް ބޮޑު ބަދަލެއް ގެންނަން ބޭނުންފުޅެއް ނުވޭ

އިބޫގެ ބައްޕަ ދިރިއުޅުއްވި ގެ ނޫރާނީއާގެ އަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނެސް އެ ގޮތުގައި ބަހައްޓަން އެމަނިކުފާނު ބޭނުންފުޅުވެ އެވެ. ހަމައެކަނި ބައްޕަގެ ހަނދާނަކަށްޓަކަ އެވެ. ބައްޕަ ބޭނުންކުރެއްވި ބައެެއް ފަރުނީޗަރުތައް ހަމަ އެގޮތުގައި އަދިވެސް އެބަހުއްޓެވެ. ގެ އަށް ވެސް ބޮޑު ބަދަލެއް ނުގެންނަވަ އެވެ.

27 ކޮމެންޓް, 291 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 1%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަންކެޑެމާލަ ް

24 May 2023

އިބޫއަށް ތިލިޔުން ކިޔާފަ ދެވަނަދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއްނެތް

The name is already taken The name is available. Register?

ހީހީހަލާކު

17 November 2018

ދެން މާގިނަ ދުވަހެއްނުވެ އިބޫގެ ސަޕޯޓަރުން ކިޔަން ފަށާނެ އިބޫ ގޯސް ކުރަނީ އިބޫ ކައިރީގަ އުޅޭ މީހުންނޭ. ހަހަހަ

The name is already taken The name is available. Register?

ޙަސަންދީ

17 November 2018

ހެޔޮލަފާ ސޯލިހު ކޮންމެ އަޅަކައް ދެ ދުނިޔެވެސް އުޖާލާވާނެ އާރައީސައް ވ ބޮޑައް މަރުހަބާ އެދެނީ އަމިއްލަ ދިރި އުޅުއްވުމުގައިވެސް ދެއްކެވި ނަމޫނާ ވެރިކަމުގައިވެސް ދެއްކެވުން ....

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

17 November 2018

ބައްޕަ އުޅުއްވި ގޮތަށް ވެރިކަން ލިބުނީމަ ވެސް އުޅޭނެ ކަމަށް އުއްމީދު ކުރަން

The name is already taken The name is available. Register?

ހުދަންބަރު

17 November 2018

އިބޫ ޞާލިޙް އާ ފަޒުނާ އަކީ ވެސް އަޅުގަނޑު ދަންނަ ދެކަނބަލުން. ދެމީހުންނަކީ ވެސް ވަރަށް އަހްލާގު ރަނގަޅު މަޑުމައިތި މިޒާޖުގެ ދެމީހުން .. މި ގަދަ ކަނޑުގައި އިބޫގެ ވިސްނުންފުޅާ ކެއްތެރިކަމަށް ގަވްމުވަނީ ވަރަށް ބޮޑަށް ބޭނުންވެފައި .. މި ފަސް އަހަރަނީ ހެޔޮބަދަލަކަށް އެނމެ ޖާައިޒު 5 އަހަރު. އިންޝާﷲ ރައްކާތެރިކަމާއި ކާމިޔާބު މިންވަރު ކުރައްވާނެ.

The name is already taken The name is available. Register?

މަރޭމިތުރާ

17 November 2018

ނުރުހޭ ސިފައެއް ނުދެކެން މަށެއް އިބޫގެކިބައިން.... ނުރުހޭ ބަހެއް އިބޫއަށް މީހަކު ބުނިއަޑުވެސް ނަހައަން.

The name is already taken The name is available. Register?

އިބު

17 November 2018

ދެން އިވޭނެ... ދެން ފެންނާނެ... އެންމެނެއް ނުރުއްސޭނެ

The name is already taken The name is available. Register?

އަލީ ރާޖާ

17 November 2018

މީހެއް ރަނގަޅުކޮށް އަދި ގޯސްކޮށް ވެސް ވާހަކަ ފެތުރިދާނެ. މިހާރު ޔާމީނަށް ވުރެ ގޯސް މީހަކު ނެތް. ކުރި ކަމެއްގައި ރަނގަޅު ކަމެއް ވެސް ނެތް. ހަމަ އެގޮތަށް އިބޫ ކުރި ގޯސްކަމެއް މިހާރަކު ނެތް. މީދުނިޔެ. އާޚިރަތުގައި އެއްވެސް ކަމެއް ވަންހަނާ ނުވާނެ.

The name is already taken The name is available. Register?

ޒުއްބަ

17 November 2018

ކިހާވަރަކުން ދާނެބާ...

The name is already taken The name is available. Register?

އާސްކްމީ ޝަރީފް

17 November 2018

އަޅުގަޑުގެ ދުޢާއަކީ މާތްﷲ މަނިކުފާނަށް ހެއުވިސްނުން ދެއްވާ މިޤައުމުގައި އަދުލު އިންސާއް ގާއިމުކޮށް ދެއްވުން.

The name is already taken The name is available. Register?

ަވަންނާށި އަފީފު

17 November 2018

މަޑުމައިތިރި ރީތި އަޙްލާޤީ ސިފަތަކެއް ފެނޭ. ދެވަނަ ދައުރަކަސް އިބޫ ހޮވޭ ވަރުވާން ބޭނުންވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454