ހައްޖަށް ދާން ދެއްކި ފައިސާ އެބަހުރި: ކޯޕަރޭޝަން

ހައްޖަށް ދިއުމަށް، އެއްކޮށް ފައިސާ ދައްކާފައި ވަނީ 1،817 މީހުން ކަމަށާއި އެ މީހުން ހައްޖަށް ގެންދާނެ ފައިސާ ހައްޖު ކޯޕަރޭޝަންގައި އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.


އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް އެކުލަވާލި ޓްރާންސިޝަން ކޮމިޓީން މިއަދު ބުނީ 300 އެއްހާ މީހުން ހައްޖަށް ދާން ދެއްކި ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެހެން ކަންކަމަށް އެ ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުން ގެންދާނެ ފައިސާ އެ ކޯޕަރޭޝަންގައި ނެތް ކަމަށް އެ ކޮމެޓީގެ މެމްބަރުން މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެކަން ދޮގުކޮށް، ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ ހައްޖަށް ދާން އެ ކޯޕަރޭޝަނަށް ދައްކާ ފައިސާ ބަހައްޓަނީ ވަކި އެކައުންޓެއްގައި ކަމަށާއި މީހުން ހައްޖަށް ފޮނުވުން ނޫން ކަންކަމުގައި އެ ފައިސާ ބޭނުން ނުކުރާ ކަމަށެވެ.

"މިކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި އެއްވެސް ފަރާތަކުން އެ ފަރާތަކަށް ހައްޖަށް ވަޑައިނުގެންނެވޭނެ ކަމަށް ހީފުޅު ކުރައްވައި ކަންބޮޑުވެވަޑައި ނުގެންނެވުމަށް ދަންނަވަން،" ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ހައްޖަށް ގެންދިޔަ މީހުންގެ ތެރެއިން ފައިސާ ނުލިބި ވަނީ މަލީޝާ ޖަމާއަތުގެ މަކަރުގައި ޖެހުނު މީހުންގެ ތެރެއިން ސަރުކާރުން އަންގައިގެން ގެންދިޔަ މީހުންނަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އާއި ސަރުކާރުގެ ކުންފުނިތަކަކުން ފައިސާ ދައްކާ ގޮތަށް ހައްޖަށް ގެންދިޔަ ބަޔަކަށް އެ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާތައް އެކަނި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ފައިސާ ނުދައްކާ ވަނީ ކޮން ކުންފުނިތަކަކުން ކަމެއް އެ ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ އަގު ބޮޑުވެފައިވީ ނަމަވެސް އެ ކޯޕަރޭޝަނުން އަގު ބޮޑު ނުކުރާ ކަމަށާއި އަދި ހައްޖަށް މީހުން ގެންދަނީ އެކަން ކުރެވޭނެ އަގުގައި ނޫން ކަމަށް ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ގެންދާނެ ކަމަށް ބުނެ ބައެއް ޖަމާއަތްތަކުން އާންމުންނަށް މަކަރު ހެދުން ބޮޑުވެގެން އެކަން ހުއްޓުވުމާއި ހެޔޮ އަގުގައި އާންމުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަށެވެ. ރާއްޖެ އަށް ކަނޑައަޅާ ހައްޖު ކޯޓާގެ ބޮޑުބައެއް ދޭ، އެ ކުންފުންޏަށް މަހުން މަހަށް ފައިސާ ދައްކާ ހަމަކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެ އެވެ.