ހަތަރު ލީޑަރުން އެެއްގަލަކަށް އެރުވީ އަޅުގަނޑު: ނާޒިމް

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމަށް ގެނައުމަށްޓަކައި ހަތަރު ލީޑަރު އެއްގަލަކަށް އެރުވީ އޭނާ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި 25 އަހަރަށް ލާން ހުކުމް ކޮށްފައިވީ ނަމަވެސް، އެ މައްސަލަ އެ ކޯޓުން މުރާޖައާ ކޮށް ނިމެންދެން ހުކުމުން މިނިވަން ވެފައިވާ ނާޒިމް ރާއްޖެ ވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިދިިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން ފެށުމުގެ ބިންގާ އަޅުއްވައި ދެއްވީ ވެސް އޭނާ ކަމަށެވެ.

ނާޒިމް ވިދާޅުވިގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެއްގަލަކަށް އެރުއްވި މަޝްވަރާތަކުގެ ފެށުމަކީ މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް އާއި އިބޫ ވަކިން ބޭއްވެވި ބައްދަލުވުމެކެވެ. އެ ބައްދަލުވުން އޮތީ ނާޒިމްގެ ހާޒިރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް މިއަދު ރާއްޖެ ވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ދެން މި މަސައްކަތުގެ ބިންގާ އެޅުނީ އަސްލު އަޅުގަނޑު ސިންގަޕޫރަށް ފޮނުވި ހިސާބުން. އަޅުގަނޑު ފާރިސް މައުމޫނާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުވާނެ ގޮތް، އަޅުގަނޑުގެ ހާޒިރުގައި އަޅުގަނޑު ބޭހަށް ސިންގަޕޫރުގައި ހުރި އިރު އަޅުގަނޑު ހަމަޖައްސައި ދިނިން. އެއީ މި ކޯލިޝަންގެ ބިންގާ އެޅިގެން ދިޔަ ހިސާބަކީ،" ހަތަރު ލީޑަރުން ގުޅިވަޑައިގެން ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މަސައްކަތް ފެއްޓެވި ސަބަބު ހާމަކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުން، ނާޒިމް ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވައިފަ އެވެ.

ނާޒިމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން "ވައްޓައިލަން" އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ވެސް އޭނާ ކަމަށެވެ.

ނާޒިމަކީ، ސިޔާސީ ގޮތުން ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ ދެބޭފުޅުން އިސްކޮށް ތިއްބަވައިގެން ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް ކުރިން އުފެއްދެވި އެވެ. އެކަމަކު، ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވީ އެވެ.

ނާޒިމް މިއަދު ރާއްޖެ ވަޑައިގެން، އޭނާގެ މަންމަގެ ގައިގައި ބައްދާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޔާމީނު ވިދާޅުވި ޔާމީނަކަށް މީހުންނެއް ނޭނގުނޭ. އަޅުގަނޑުގެ ސުވާލަކީ މީހުންނަށް ޔާމީނު ނޭނގުނީތޯ، ޔާމީނަށް މީހުން ނޭނގުނީތޯ؟ ހަމަ ގައިމުވެސް ޔާމީނަކަށް އަޅުގަނޑެއް ނޭނގުނު. އެއީ ޔާމީނު ވެރިކަމަށް ގެނައި ގޮތަށް ޔާމީނު ވެރިކަމުން ވައްޓައިލުމުގައި ވެސް އެންމެ ބޮޑު ހިއްސާއެއްް އަދާކުރި މީހަކީ އަޅުގަނޑު،" ނާޒިމް ވިދާޅުވި އެެެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލިވެވަޑައިގަތުމަށް ފަހު، ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ނުކުޅެދުންތެރިކަމަކީ އަދި ވިސްނިވަޑައިނުގެންނެވި ކަމަކީ މީހުން ދަސްނުވުން ކަމަށެވެ. ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މީހުންގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލު އައީ ކީއްވެކަން ވިސްނިވަޑައިނުގެންނެވި ކަމަށެވެ.

"ކޮން ކަހަލަ ނުފޫޒުން ކަމެއް ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުންދާ އަވަސް މިނުގައި ވިސްނުންތައް ބަދަލުވެގެން ދަނީ ކޮން ކަހަލަ ނުފޫޒެއްގައި ކަން އަޅުގަނޑަކަށް ދަހެއް ނުވި،" އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު ދެވަނަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވަމުން މިދިޔަ މަހުގެ 17 ގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ސިޔާސީ ދާއިރާގައި ދެން މަސައްކަތް ކުރައްވާނެ ގޮތަކާ މެދު ނޫސްވެެރިން ސުވާލު ދެންނެވުމުން ނާޒިމް ވިދާޅުވީ، ސިޔާސީ ގޮތުން އޭނާ ހުންނަވާނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްއާ އެކު ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމާ މެދު ގޮތެއް ނިންމަވާނީ ހުކުމް މުރާޖައާ ކުރުމުގެ ކަންކަން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިމުމުން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ސުޕްރީމް ކޯޓުން މައްސަލަ ރިވިއު ކުރުމުން ކުށް ސާބިތު ނުވާ ކަމަށް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

ނާޒިމް މިއަދު ރާއްޖެ ވަޑައިގަތުމުން، އަދާލަތު ޕާޓީގެ ރައީސް އިމްރާން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމް މިއަދު ރާއްޖެއަށް އެނބުރި ވަަޑައިގަތުމުން އޭނާ އަށް މަރުހަބާ ދަންނަވަން، ސިޔާސީ އިސް ބޭފުޅުންގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތް ހަމަ އެކަނި ބޭފުޅަކީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.