ކުޅުދުއްފުށީ ރަންވޭ: މިހާރު "ދުވާ ޓުރެކަކަށް"!

ރިޔާސީ އިންތިޚާބާ ކައިރިކޮށް، ހަމައެކަނި ރަންވޭއަކާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ނުޖައްސާތީ އެތަން ކަސްރަތުކުރާ ޓްރެކެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފި އެވެ.


އެތެރޭގެ ދަތުރުފަތުރަށް ހަދާފައިވާ ރަންވޭ، ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އެރަށު ބައެއް މީހުން ބޭނުންކުރަނީ ހިނގާށާއި ދުވެހަދާށެވެ. ދެ ޖިންސުގެ އެކި އުމުރުގެ ގިނަ ބަޔަކު އެތަނަށް ކަސްރަތަށް ދާ ކަމަށް، ރަށު މީހުން ބުނެ އެވެ.

"އެތަނަކު ފްލައިޓެއް ނުޖައްސާ ވިއްޔަ. މިހާރު އެއީ ޕާކެއް. ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ކަހަލަ ކަންކަން ކުރޭ އެތާނގައި،" ކުޅުދުއްފުށީ މީހަކު ބުންޏެވެ.

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގައި ބަޔަކު ހިނގަނީ: އެތަނަށް ވަނުން އޮންނަނީ މަނާކޮށްފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަކީ 2013 ގެ ރިޔާސީ އިންތިހާބުގައި ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު އޭގެ ހަތަރު އަހަރު ފަހުން މަސައްކަތް ފަށައި، މި އަހަރުގެ އިންތިހާބުގެ ކުރިން ރަންވޭ ނިންމުމަށްފ ފަހު ޓެސްޓް ފްލައިޓް ޖެއްސީ ސެޕްޓެމްބަރު 19 ގަ އެވެ. އެއާޕޯޓް ހުޅުއްވައި ދެއްވީ އިންތިހާބުގެ އެއް ދުވަސް ކުރިން، ސެޕްޓެމްބަރު 21 ގަ އެވެ.

އެންމެ ފަހުން ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓެއް ޖެއްސީ ރިޔާސީ އިންތިހާބުގެ ވޯޓު ލުން އޮތް ސެޕްޓެމްބަރު 23 ގައި، ޕީޕީއެމްގެ ބައެއް މީހުން ގޮވައިގެންނެވެ. އޭގެ ފަހުން އަދި އެ އެއާޕޯޓް ބޭނުމެއް ނުކުރެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި އެއާ ޓްރެފިކް ޓަވަރެއް، ޓާމިނަލެއް، ސެކިއުރިޓީ ޕޯސްޓެއް އަދި އޮފީސް އިމާރާތެއް ވެސް ނެތެވެ. ލައިޓް ޖެހުމުގެ މަސައްކަތް ވެސް ނުނިމެ އެވެ. ބޯޓުތައް އޮޕަރޭޓްކުރި ދެތިން ދުވަހު ސެކިއުރިޓީ ޗެކިން ވެސް ބޭއްވީ ވަރަށް އާދައިގެ ގޮތަކަށެވެ.

ކުޅުދުއްފުށީ ރަށު ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ކަސްރަތުކުރަން ރަންވޭ ބޭނުންކުރަމުން އަންނަނީ އެތަނަށް ނާރަން އާއްމުކޮށް އަންގާފައި ވަނިކޮށް ކަމަށެވެ.

އެއާޕޯޓަށް ވަނުން މަނާ ސަރަހައްދު ވަކިކުރަން ފެންސް ޖެހުމުގެ މަސައްކަތް މިދިއަ ހުކުރު ދުވަހު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ބޭނުންކުރި ދެތިން ދުވަހު ދަތުރުވެރިންގެ އަތްދަބަސް ޗެކްކުރަނީ

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އާ ސަރުކާރުން ވެސް ކުރިއަށް ގެންދަން އަންނަ އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.