މިއަދުން ފެށިގެން، ވެރިކަން ކުރާ ކޯލިޝަންގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވަން ފައްޓަވައިފި އެވެ. އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މެމްބަރުކަމުން އިސްތިއުފާ ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުން އަހުމަދު މަހުލޫފާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.
އިސްތިއުފާ ދެއްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީއާ އެކު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ 2009 ވަނަ އަހަރުން ފެށިގެން ގަލޮޅު ދެކުނު ދާއިރާގެ މީހުން އޭނާއަށް ކުރި އިތުބާރާއި ދިން ތާއީދަށް ޝުކުރު ދަންނަވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރުކަމުން އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އާ ސަރުކާރުގެ ޔޫތު މިނިސްޓަރަކަށް އައްޔަން ކުރައްވާ ކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ.
އާ ރައީސްގެ ސަރުކާރުގެ ވަޒީރުކަން މާރިޔާއަށް ދެއްވާ ކަމުގެ އަޑު ވެސް ވަނީ ފެތުރިފަ އެވެ.
އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ކެބިނެޓަށް ވަޒީރުން އައްޔަންކުރަން ހަމަޖައްސާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި ސިޔާސީ ހަޔާތް ފެއްޓެވި މަހުލޫފް ވަނީ މިދިޔަ ހަފުތާގައި އެމްޑީޕީއަށް ވެސް ސޮއިކުރައްވައިފަ އެވެ.