ގައުމުތަކުގެ ސަފީރުން ރައީސާ ބައްދަލުު ކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެން މިހާރު ތިއްބެވި އެކި ގައުމުތަކުގެ ސަފީރުންނާއި އިސް ބައެއް އެހެން ބޭފުޅުންނާ އެ މަނިކުފާނު މިއަދު ބައްދަލު ކުރައްވައިފި އެވެ.


އެ ބޭބޭފުޅުންނާ އެކު ރައީސް އޮފީހުގައި މިއަދު ހެނދުނު ވަކި ވަކިން ބޭއްވެވި ބައްދަލުވުންތަކުގައި ދިވެހި ރާއްޖެ އާއި އެ ގައުމުތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި އެވެ.

ރައީސްއާ މިއަދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސައިން، ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރަތުންގަ، އެމެރިކާ އިން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް، މޮރޮކޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް މައުނިއާ ބައުސެޓާ އަދި ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުހައްމަދު އަފީފް ހިމެނިވަޑައިގަންނަވަ އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ބާއްވަން ޖެހޭ ތާރީހަށް ވުރެ މިހާރު ވެސް ފަސްވެގެން ގޮސްފައިވާ 19 ވަނަ ސާކް ސަމިޓްގެ މައްސަލަ ހިމެނެ އެވެ. އެ ސަމިޓް ބާއްވަން މަގު ފަހިކުރަން މަސައްކަތް ކޮށްދެއްވުމަށް ސެކްރެޓަރީ ޖެނެރަލް ރައީސް އަރިހު އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ އެހެން ގައުމުތަކާ ވާހަކަ ދައްކައިގެން، ސަމިޓް ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އެމެރިކާ ސަފީރު އެލައިނާ މިއަދުގެ ބައްދަލުުވުމުގައި އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް 46 ގައުމެއްގެ މަންދޫބުން ވަޑައިގެންނެވި އެވެ. ބޭރު ގައުމަކުން އެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެ އިސް ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެވެ.