ދައުލަތުގެ އެކި އެކި މަގާމުތަކުގައި ތިބި މީހުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޝަނެއް މިއަދު އުފައްދަވައިފި އެވެ.
"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސް އުފެއްދެވި އެ ކޮމިޝަންގެ މަސައްކަތަކަށް ވާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމަ އަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. އެ ފަދަ މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް އޮންނާނެ ކަަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސަަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަނުގެ ރައީސަކީ ގދ. ފަރެސް މާތޮޑާ، މާތޮޑާ އަވަށް، ގުލްފާމުގޭ އަހުމަދު އަސްއަދެވެ.
ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވަނީ:
އާސް އަބުދުﷲ، ގާޑެން ގްރޯ، ޏ.ފުވައްމުލައް، ދަނޑިމަގު
ނަދީމް އިބުރާހީމް، ދަފްތަރު ނަމްބަރު: 6006
އައިޝަތު ހަނާ ވަހީދު، މ. ހާޑް ރޮކް
ފާތިމަތު ސަރީރާ އަލީ ޝަރީފު، ދަފްތަރު ނަމްބަރު: ދރ. 1320
އެ ކޮމިޝަނު ދެމި އޮންނާނީ މަސައްކަތް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެނެވެ.
ރާއްޖޭގައި ހިނގާފައި މީހުން މެރުމާއި މީހުން ގެއްލުވައިލުމުގެ ހާދިސާތައް ތަހުގީގުކުރަން ވެސް މިހާރު ވަނީ ކޮމިޝަނެެއް އުފައްދައިފަ އެވެ. މިހާތަނަށް ރައީސް އުފެއްދެވި ކޮމިޝަންތަކަކީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތަކާ ގުޅުން ހުރި ކޮމިޝަންތަކެވެ. ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދަކީ ކޮރަޕްޝަނުގެ ސަބަބުން ގެއްލިފައިވާ ދައުލަތުގެ ފައިސާ ހޯދައި އިއާދަ ކުރުމެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފަށްޓަވާނެ ކަމަށް ކުރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.