އިމްރާންގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ

ޓެރަރިޒަމްގެ ކުށުގައި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަން ތާވަލުކޮށްފި އެވެ.


އިމްރާންގެ މައްޗަށް ޖަލު ހުކުމް އިއްވީ މެއި 1، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އޭރު އެ ކޯޓުން އޮތީ ނިންމައިފަ އެވެ.

އެކަމަކު، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވުމާ އެކު، ހުކުމް ރިވިއުކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަނެ، އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ، ދެން އަންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރި އެވެ. އެހެންވެ، ބެލެވޭ ގޮތުގައި މިއަދު އޮތީ ހުކުމް އިއްވުމެވެ.

އިސްތިއުނާފް އަޑުއެހުމުގައި އިމްރާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އިމްރާންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލް ކުރުމަށް 12 ނުކުތާއެއް ފާހަގަ ކުރައްވައިފަ އެވެ.

އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި ނޫރު ފާހަގަ ކުރެއްވީ އިމްރާންގެ މައްޗަށް ދައުވާ އުފުލައި، ހުކުމް އިއްވީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކުށަކާ ގުޅިގެން ކަމެވެ. އެހެންވެ، ދައުވާ އުފުލީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުން ރޭއްވެވުމުގައި އެންމެ އިސްކޮށް އުޅުއްވި އިމްރާނަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގަ އެވެ. އަދި އެ ހުކުމަށް 2016 ގައި ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.