އެމްޑީއޭގެ މެމްބަރު އުމަރު ހުސައިން ޖޭޕީ އަށް

އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ޕާޓްނަރު އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިއަދު ސޮއި ކުރައްވައިފި އެވެ.


ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އުމަރު ހުސައިނަށް މަރުހަބާ ވިދާޅުވެފަ އެވެ. އުމަރު ހުސައިން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވި ފޯމް ހަވާލު ކުރައްވާފައި ވަނީ ވެސް ރިޔާޒުއާ އެވެ.

އުމަރު ހުސައިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން، އެ ޕާޓީގެ މެމްބަރުންގެ އަދަދު 19 އަށް އެރީ އެވެ. އެމްޑީއޭގައި މިހާރު ތިއްބެވީ އެންމެ ހަތަރު މެމްބަރުންނެވެ. އެއީ، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

ސިޔާމްގެ އަރިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމަރު ހުސައިން މަނަދޫ ދާއިރާގެ ގޮނޑި ހޯއްދެވީ ވެސް އެމްޑީއޭ ޓިކެޓުގައި ނުކުންނަވައިގެންނެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް، އަދި މައި ޖަގަހަ މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލު ނުވެވޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުން، ގިނަ މެމްބަރުން ވަނީ ޕާޓީ ބަދަލުކުރަން ފަށައިފަ އެވެ.

ޝާހަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން މިހާރު ތިއްބީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. ދެން ތިއްބެވި މެމްބަރުން މިހާރު ވަނީ ޖޭޕީއަށާއި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ތިއްބެވުމަށެވެ.