ރަށްރަށުން ގަސް ނެގުމަކީ ކުޑަކަމެއް ނޫން، މައްސަލަ ހައްލުކުރާނަން: މިނިސްޓަރު

ރަށްރަށުން ގަސް ނަގައި އެހެން ތަންތަނަށް ގެންދިއުމަކީ ކުޑަކަމެއް ނޫން ކަމަށާއި ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެން އެކަން ހައްލުކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.


"ތިމާވެށި މައްތިނި" ނަމުގައި ރަށްރަށުގެ ކައުންސިލަރުންނަށް ކުރި އަށް ގެންދާ ސިލްސިލާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިިނިސްޓަރު ވިދާޅުވީ ގަސްގަހަކީ ހިނގައިބިނގައިވެ ނޫޅެވުނަސް އެކަމުގެ ސަބަބުން މުޖުތަމައަށް ގިނަގުނަ ފައިދާ ލިބޭ އެއްޗެއް ކަމަށެވެ. އެހެންވެ ގަސްތަކަށް އިހުތިރާމްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު ހުރި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ މައްސަލަ ހައްލުނުކުރެވޭތީ 100 ދުވަހުގެ ޕްރޮގްރާމުގައި ހިމެނިގެން އެ މައްސަލަ ހައްލުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މި ދަނީ ކުރަމުން. ކައިރި މުސްތަގުބަލުގައި އެކަން ހައްލުކުރާނަން،" އއ. އަދ. އަދި ކ. އަތޮޅުގެ 60 ކައުންސިލަރުންނާއެކު ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ހުސައިން ވިދާޅުވި އެވެ.

"ތިމާވެށި މައްތިނި" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ކައުންސިލަރުންތަކެއް-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރަށްރަށުގައި ހުންނަ ގަސްތައް ނަގައި، ހަދަމުން އަންނަ ރިސޯޓުތަކަށާއި އެހެން ބޭނުންތަކަށް ގެންދިއުމުން މި ފަހުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. އެކަމާ ގުޅިގެން ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކުރާ އެކްޓިވިސްޓުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް އެންމެ ކައިރިން ބައްދަލުކުރަން ތިބި ބަޔަކީ ކައުންސިލަރުން ކަމަށެވެ. އެހެންވެ ރަށްރަށުގައި ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލުކުރަން ކައުންސިލްތަކާއި މުޅި ޖީލު މަސައްކަތް ކުރަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ، އަންނަން އޮތް ޖީލުތަކުގެ މީހުން އަހަރެމެން ބަދުނާމުކުރާނެ ކަމަށް ވިދާޅުވި އެވެ.

ތިމާވެށީގެ މައްސަލަތައް ހައްލުކުރެވޭނީ ކައުންސިލަރުންނަށް އެކަމުގެ ސައްހަ މައުލޫމާތު ދީގެން ކަމަށް ވެސް މިިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދީފި ނަމަ ޒިންމާދާރުކަމާ އެކު އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ގަވާއިދު ލާޒިމުކުރާ ގޮތުން ރަށަކުން ބޭރުކުރާ ކޮންމެ ރުކަކަށް ދެ ރުއް އަދި ކޮންމެ ގަހަކަށް ދެ ގަސް އެ ރަށެއްގައި އިންދައި ހައްދަން ޖެހޭނެ އެވެ. އަދި ފަހުން އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހެއް ބުނާ ގޮތުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއަކަށް ނަގާ ކޮންމެ ރުއްގަހަކަށް ހަ ރުއްގަސް އެ ރަށުގައި އިންދައި ހައްދަން ޝަރުތުކުރަން ޖެހެ އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ރީތިކަން މަޝްހޫރުކޮށްގެން އެ ވިއްކައިގެން އާމްދަނީ ހޯދާ ގައުމަކަށް ވާއިރު މިހާރު ކަންތައް ކުރާ ގޮތުން ޓޫރިސްޓުން ބޭނުންވާ ގޮތަށް ރާއްޖެ ނުބޭއްވޭނެ ކަމަށެވެ.

"ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރަށްރަށުގައި ހުރި ކުނި މެނޭޖުކުރެވޭތޯ މަސައްކަތް ކޮށްދެއްވަންޖެހޭ. އެ ކަން ކުރެވުނީމަ ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ކުރެވިފައި ހުރި އިންވެސްޓްމަންޓުތަކުގެ ފައިދާ އާއްމު ރައްޔިތު މީހާ އަށް ކުރަނީ. ތިޔަ ބޭފުޅުން [ކައުންސިލަރުން]ގެ މަސްއޫލިއްޔަތެއް ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ދެވެން ހުރި ހިދުމަތްތައް ދިނުން. އެކަން ތިޔަ ބޭފުޅުން ކޮށްދެއްވަންޖެހޭ،" ހުސެއިން ވިދާޅުވި އެވެ.

"އާދޭހާއެކު މި ދަންނަވާލަނީ ރާއްޖޭގެ ކުންޏަކީ މި ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ. އެ މައްސަލަ ހައްލުނުކޮށް މި ރާއްޖެ ޖަޒީރާ ގައުމެއްގެ ގޮތުގައި އަންނަނިވި ޖީލުތަކަށް ގެންދެވޭނެ ގޮތެއް ނޯންނާނެ. އެކަން ވަރަށް ޒިންމާދާރު ކަމެއްގެ ގޮތުގައި ތިޔަ ބޭފުޅުން ކޮށްދެއްވުން އެދެން،"

"ތިމާވެށި މައްތިނި" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން (މ)، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު އަދި އެންވަޔަރްމަންޓުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އީއައިއޭ ހަދައިގެން ރުކެއް ނަގަން ޖެހުނަސް އެ ރަށުގައި އެންމެ ފުރަތަމަ ގަހެއް އިންދަން ލަފާ ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

"ކޮންމެހެން ރުކެއް ގަހެއް ނަގަން ވެއްޖިއްޔާ އެކަން ކުރަންޖެހޭނެ. އެކަމަކު އެކަމަަށްޓަކައި އީޕީއޭ އިން އީއައިއޭ ހަދަންޖެހޭ ބައެއް ހާލަތްތަކުގައި. އެފަދަ ހާލަތްތަކުގައި ރުއް ނެގިއަސް ފުރަތަމަ ޕްރެފަރެންސް ދެއްވާށޭ ތި ރަށުގައި ރުއް އިންދަން. އެކަމަކު ގާނޫނާއި ގަވާއިދާ ހިލާފަށް އެކަން ކުރެވޭތީ މިކަމުގެ ޝަކުވާ ބޮޑުވެގެން އުޅެނީ. އެހެންވެ އެއްވެސް ބޭފުޅަކު އެކަން ނުކުރެއްވުމުން، އެކަމަށް ބާރު ނޭޅުއްވުމަށް އަދި ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށް ވަސިއްޔަތް ކުރަން،" ހުސައިން ވިދާޅުވި އެވެ.

ތިމާވެށި މައްތިނި އަކީ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަށް ފެށި ސިލްސިލާ ބައްދަލުވުމެކެވެ. ސަރުކާރުގެ ކެބިނެޓު ވަޒީރުންނަށް ވެސް އެކަމުގެ މައުލޫމާތުތައް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.