ރިސޯޓުތަކުގެ ބޭނުމަށް ރަށްރަށުން ރުއް ނަގައިގެން ނުވާނެ: ނަޝީދު

ރިސޯޓުތައް ފެހި ކުރުމުގެ ނަމުގައި، ކައިރި ރަށްރަށުން ރުށްގަސް ގެނެސްގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


މައި ކޮލެޖްގެ ކެމްޕަސްތައް ފެހި ކުރުމަށް ރޭ ފެށި "ލެޓްސް ގްރީން އިޓް" ޕްރޮގްރާމް ލޯންޗް ކޮށްދިނުމަށް ފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި ރުކުގެ އަގު ޒަވަން ނުކުރާ ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްތަކުން ރުށް ނަގާ މައްސަލަ އަށް އަލި އަޅުއްވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރަކަށް އައިސް ރިސޯޓުތައް ފެހި ކުރަން ކުރާ މަސައްކަތުގެ ސަބަބުން ބައެއް ރަށްރަށް ހަނަފަސް ސަހަރާތަކަށް ވެފައިވާ ކަމަށެވެ. އެ ގޮތުން އެއާޕޯޓްތައް ހެދުމަށް ރުއް ކެނޑުމާއި، ރިސޯޓްތައް ތަރައްގީ ކުރުމަށް ރަށްރަށުން ރުއް ނެގުން ހުއްޓާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގައި އެންމެ ގިނަ ގަހަކީ ރުއް. ނަމަވެސް ރައްޖޭގައި ރުއް ހުރި މިންވަރު މިއަދު އަޅުގަނޑުމެންނަށް ޔަގީން ކަމާ އެކު ބުނާކަށް ނޭނގޭ. ރަށްރަށަށް ގޮސް، ކައުންސިލަރުން ކައިރީ މި ރަށުގައި ހުންނަނީ ކިތައް ރުއްތޯ އެހުމުން ބުނެދޭކަށް ނޭނގެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ބޮޑު ނޫ ކަނޑާއި، ރުއްތަކުން ލިބޭ ފެހިކަމަކީ ރާއްޖެ މައިގަނޑު ގޮތެއްގައި ބަޔާންކޮށްދޭ ދެ ކަންތައް ކަމަށާއި ރާއްޖޭގެ ރުއްގަހާއި މާމެލާމެއްޔާއި ގަސްގަހާގެއްސަކީ ޒަމާނުން ފެށިގެން ދިވެހިން އެއް ޖީލުން އަނެއް ޖީލަށް އެ ތަކެތި ބަލަހައްޓަމުން، ރަށްދު ކޮށްދެމުން އައިސްފައިވާ މުޅި ދިވެހިރާއްޖޭގެ ފިތުރަތުގެ ދިރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މާލެ މިއަދު ވަނީ ފެހިކަން ކެނޑި ކޮންކްރީޓް ޖަންގައްޔަކަށް ބަދަލުވެފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ލޯމާފާނުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ރަސްރަސްކަލުން އެ މީހުންނަކީ ކޮން ބައެއްކަން ކިޔައިދިނުމަށް ބައެއް ފަހަރު ބުނެ އުޅޭ ތިމަންނައަކީ 12 ލައްކަ ރުކުގެ ވެރިޔާއޭ،" ނަޝީދު ވިދާޅުވީ އެވެ.