ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދާ ބައްދަލު ކުރައްވައިފި އެވެ.
ފާރިސް އާއި ޑރ. މަހާތިރު ބައްދަލު ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެ ދެ ބޭފުޅުން ބައްދަލު ކުރެއްވި މަގްސަދެއް އަދި ދެއްކެވި ވާހަކައެއް މިހާތަނަށް ހާމާ ކުރައްވައިފައެއް ނުވެ އެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ފާރިސްއާ ބައްދަލު ކުރައްވާފައި ވާތީ ޑރ. މަހާތިރަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ފާރިސް އަށް ލިބުމަކީ ފަހުރެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން އިދިކޮޅުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުން ފާރިސް އަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފަ އެވެ.
އެގޮތުން ފާރިސް އަށް ވަނީ ކްރިމިނަލް ކޯޓުން ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމުންނެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އޮކްޓޯބަރު މަހު ތެރޭގައި ހައި ކޯޓުން ވަނީ ފާރިސްގެ ހުކުމް ބާތިލްކޮށްފަ އެވެ.