ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ސަލާމްކުރައްވަނީ: ދެ ބޭފުޅުންގެ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފައި.-- ފޮޓޯ: ނޫނުޑެއިލީ
17 އޯގަސްޓް 2016 - 12:02
މިއަދު ކުރާ އެއްވެސް ކަމަކުން އަންނަން އޮތް ޖީލުތަކުގެ ހައްގަށް އުނިކަން ލިބިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ވެސް ރައީސްކަން ކުރައްވާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނަވައިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
މިއަދު އަޅުގަނޑުމެން ކުރާ ކޮންމެކަމެއްވެސް ކުރަންވާނީ އަންނަންއޮތް ޖީލުތަކުގެ ޙައްޤުތަކަށް އުނިކަން ނުލިބޭ ގޮތެއްގެ މަތިންނެވެ.
— Maumoon Abdul Gayoom (@maumoonagayoom) August 17, 2016
މައުމޫންގެ ޓުވީޓު
ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ބޭބެ، މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ.
އެކަން އެންމެ ބޮޑަށް ފެނުނީ މި ފަހުން މަޖިލީހުން ފާސްކުރި ބިލުތަކަކާ ގުޅިގެންނެވެ. އެ ގޮތުން، ޓޫރިޒަމް ބޭނުންތަކަށް އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ހުށަހެޅި ބިލާއި ހިޔާޅު ފާޅުކުރުން ހުއްޓުވަން ހުށަހެޅި ބިލާ މައުމޫން ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެ މަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން އެ ބިލުތަކާ ދެކޮޅަށް ވޯޓު ދެއްވުމުން އެ ބޭފުޅުންނާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ވެސް ރައީސް ޔާމީންގެ ފެކްޝަނުން ކޮންޓްރޯލް ކުރާ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މި ބައިބައިވުމުގެ ތެރޭން މައުމޫން ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލެއްވި އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ. ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ކައުންސިލާއި އެ ޕާޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ނުބާއްވަން މައުމޫން އަންގަވާފައިވާ އެންގެވުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
17 August 2016
މިހާރުގެ ސަރުކާރުގައި ތިއްބެވި ގިނަ ބޮޑުންނަކީ މަނިކުފާނު ނަންގަވާދެއްވި ފިލާވަޅު ދަސްކުރައްވައިގެން ތިއްބެވި ބޭފުޅުން ! ތަފާތަކީ "އަލަށް ނުކުންނަ ދަރިފަސްކޮޅު އަބަދުވެސް އުޅޭނީ ކުރީގައި ! އަހާލަން އޮތީ " ތިމާ ފޭހި އިލޮށިގަޑު ތިމާގެ ލޮލަށް " ހެރޭނެ ކަމަށް އަދިވެސް ޤަބޫލުފުޅު ނުކުރައްވަނީތޯއެވެ ؟
ފިސާރި
17 August 2016
ބަލަ މައުމޫނެއްނޫންތޯ ނާސިރުގެ ހުތުރުސިފަތައް ކުރަހާ ހެއްދެވީ. ކީކޭތޯ ތިވިދާޅުވަނީ. އަމިއްލައަށް ކުރެއްވި ކަމެއްގެވާހަކަނޫންތޯ ތިވިދާޅުވަނީ. އެކަމުގެ އަސަރެއްނޫންތޯ މިފެންނަނީ. އެކަމުގެ ފިތުނައެއްނޫންތޯ އުފެދިގެން އައިސް ފެންނަން މިފެށީ. ގައުމާމެދު މިހާރުތޯ ވިސްނެވެނީ. ޖީލު ހަލާކުވާކަށް ނެތް. ހަލާކުގެތެރޭގަ މިއޮތީ. ތިއުޅުއްވަނީކީވެސް މާރަނގަޅަކަށްނޫން.
ޕައްލަންބެ
17 August 2016
އާދޭސް ކޮއްފަ ބުނަން ޔާމީނު ތިހެން ނަހަދާ ...
މެންޓަލިސްޓް
17 August 2016
މަނިކުފާނު ޔޫކޭއަށް ގޮސްފަ އަންނި އާއި އެކު ސެލްފީ އެއް ނާގާފަ ޓްވީޓް ކޮއްލަބަލަ. އޭރުން އަޅުގަނޑުމެން ވަރައް އުފާވާނެ...
ވިސްނާ
17 August 2016
މައުމޫނު ގެ ޓްވީޓަކީ މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއް ކަމަށް ބެލެވެއެވެ. މިގައުމު ރިސޯސްތައް އަންނަންއޮތް ޖީލަށް ވާސިލު ކޮށްދޭނެ ޖެއެވެ. https://mihaaru.com/business/4631
ކާސް
17 August 2016
ޖީލުތަކުގެ ޙައްޤު ވިއްކަން މަސައްކަތް ކުރި މީހާ މައުމޫނަށް އޮޅިވަޑައިގަތީތަ؟ ނަޝީދުގެ ކޮޅަށް ދަނީތަ
ގތގ
17 August 2016
ޔާމީނު އެވިއްކަނީ ކާކުގެ ހައްގެއް؟ ނަޝީދު ގޯސްވެގެން ނޫންތަ ޔާމީނު ހޮވީ. ދެން ތިޔަ ކިއަނީ ކީކޭ؟ އަނގައޮތިއްޔާ ކޮންމެ މީހަކަށްވެސް ވާހަކަ ދެއްކިދާނެ.
އުމަރު
17 August 2016
މައުމޫނު ތިވަރުވެސް ކުރައްވާތީ ރައްޔިތުން ހިތްހަމަޖެހޭ، ހަމަ ޤައިމުވެސް މައުމޫނުގެ ދިގު 30 އަހަރުގައި މިޤައުމު އެއްކޮށްވެސް ވިއްކާލެވެންއޮތް، އަދި އެއިރަނީ މައުލޫމާތު ފެތުރުމާއި ހިޔާލް ފާޅުކުރެވެން އޮތް ޒަމާނެއްނޫން، އަދި ފަގީރު ޒަމާނެއް، އެކަމަކު ޓޫރިޒަމް ހިމާޔަތްކޮށް ރަންބިސް އަޅާ ކުކުޅަށް ހަދާފައި ދޫކޮށްލީ، އަދި މުޅި ރާއްޖެއަށް ތައުލީމް ފޯރުކޮށްދިން، ހުޅުމާލެ ތަރައްޤީކުރި، ދުނިޔޭގެ ހުރިހައި ޤައުމުތަކާ ގުޅުން އުފެއްދި، ވަރުގަދަ ސިވިލްސާވިސްއެއް އުފެއްދި، މިހެންގޮސް ބުނާނެ އެއްޗެއްނެއް
ސުންބުލި
17 August 2016
މިހާރު މައުމޫނު ވަރެއް ނެތްދޯ.
ވިސްނާލީމާ
17 August 2016
ކޮންމެވެސް އެއްޗެއް އެނގޭތީ 30 އަހަރު ދުވަސްވަންދެން ވެރިކަމުގާ ހުރެވޭނީ! -އިބްރާހީމް-
ސައީދޔު
17 August 2016
މިއަދު ދުނިޔޭގަ ތިބިބަޔަކު ހަމަހިތުހުރިއަގަކައް ރައްތަކާ ފަޅުތަކާ ތިލަތައްވިއްކީމާ ފަހުން އަންނައްއޮތްމީހުން ކުރާނެކަމެއް ހަދާނެގޮތެއް ލިބޭނެތަނެއް ނޯންނާނެ،.މައުމޫނު ރަގޅުކަމުންތިރައްތައް ސަލާމަތުން މިއަދާހަމޔައް ތިއޮތީ އެިރުވެސް ވިއްކުނީސް ނޫންތޯ މިކަންހުއްޓުވާ ގައުމުސަލާމަތްކުރޭ
ހިތާމަ
17 August 2016
އަހަރެމެންގެ ޤައުމުގެ ރީތިކަން ކަމުގައިވާ ފަރުތަކާއި ފަޅުތައް ވިއްކުމަކީ އެއްގޮތަކަށްވެސް އަހަރެން ތާއީދުކުރާކަމެއްނޫނެވެ. އެ ފަޅުތަކާއި ފަރުތައް ހިއްކުމުން ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ 95 ޕަސެންޓް ދިޔައީއެވެ. ގަދަ ނޫ ކަނޑެއްގައި އެ ފަރުތަކާއި ފަޅުތައް ނުވާނަމަ ދިވެހިރާއްޖެ ރީއްޗެއްނުވާނެއެވެ. ވީމާ މި ޤައުމަކީ މިއަދު ވެރިކަމުގައި ތިބި ބައެއްގެ ތަރިކަމުދަލެއްނޫނެވެ. އެއީ އެންމެހާ ދިވެހިންގެ އެއްޗެކެވެ. އެއީ އަންނަންއޮތް ދަރިންނާއި ދަރިންގެ ދަރިން ވެސް ޙައްޤުވާ އެއްޗެކެވެ. އަދި ވިއްކާލައިފިނަމަ ދެން މި ޤައުމުގައި ދިވެހިންނަށް އޮތީ ކޮންއެއްޗެއްހެއްޔެވެ. މުއްސަދި ކުންފުންޏަކަށް މިހާރު އަގުތައް ހުރިގޮތުން ރާއްޖޭގެ އަތޮޅެއްހާ ގިނަ ރަށް ނުވަތަ ފަރު ގަނެލެވިދާނެއެވެ. އެހެންވެއްޖެނަމަ އެ ގެއްލިގެންދިޔައީ ދިވެހިންގެ ބިމުން ބޮޑު ބައެކެވެ.