ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަން މަޖުބޫރު ކުރާ އިސްލާހު މަޖިލީހުން ފާސްކޮށްފި

ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ކޮންމެ ބިދޭސީ މުވައްޒަފަކު ވެސް ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭނެ. މުސާރަ ބޭންކް އެކައުންޓަށް ޖަމާނުކޮށްފި ނަމަ، ވަޒީފާ ދޭ ފަރާތް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ. ކޮންމެ ބިދޭސީއެއް އަތުން ނަގާނީ ރާއްޖޭން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސްގެ ގޮތުގައި ތިން ޕަސެންޓް.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ޕީޕީއެމްގެ މެމްބަރަކު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ހުށަހެޅުއްވި މި އިސްލާހު ފާސްވީ އިސްލާހު ދިރާސާކުރި ކޮމެޓީ އާއި މަޖިލީހުގެ ތަޅުމުގައި ގެނައި ބައެއް އިސްލާހުތަކާ އެކު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 25 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި އިސްލާހުގައި ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަކަށް ކަމަށެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި ބަނދަރުކޮށްފައިވާ ދޯންޏަކަށް ދެ ބިދޭސީން މުދާ ބަރުކުރަނީ: ބިދޭސީ މަސައްކަތު މީހުން ގެންނަ ގިނަ އެޖެންސީތައް ހަރަކާތްތެރި ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލުނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު މި އިސްލާހުން ވަނީ ލިބިދީފަ އެވެ.

ބިދޭސީން އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ ގޮތުގައި ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ފައިސާ ނެގޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ. ރެމިޓެންސް ޓެކްސް ނަގާނީ މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ) އިންނެވެ.

ރެމިޓެންސް ޓެކްސް ބިދޭސީން އަތުން ނަގައި، އެ ޓެކްސް ދައުލަތަށް ދެއްކުމަކީ ރާއްޖޭގައި ހިންގާ ބޭންކްތަކާއި ބޭންކް ނޫން މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސިފައެއްގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އިސްލާހުގައިވެ އެވެ. އަދި މިއާ ހިލާފުވާ ފަރާތްތައް ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އަމަލު ކުރެވޭނެ އެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވައްޑެ ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންނަށް މުސާރަ އާއި އިނާޔަތް ދިނުމުގައި އަމަލުކުރާ އުސޫލު މިހާރަށް ވުރެ ހަރުދަނާ ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. މަޖިލިސް މެމްބަރުން އިތުރު ނުވާ ގޮތް ހަދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ނިންމާފައި. - ފޮޓޯ: މަޖިލިސް

މިދިޔަ އަހަރުގެ ނިޔަލަށް ބިދޭސީންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން 363 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި ގަވައިދާ ހިލާފަށް ގާތްގަނޑަކަށް 20،000 ބިދޭސީން އުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ޕޭމަންޓް ސިސްޓަމްތަކާ ބެހޭ ބިލު 47 މެމްބަރުންގެ ވޯޓާއެކު މަޖިލީހުން ފާސް ނުކުރަން ވަނީ ނިންމައިފަ އެވެ. އެއީ މި ބިލު ދިރާސާކުރި އިގްތިސާދީ ކޮމެޓީން ވެސް ނިންމި ގޮތެވެ.

މި ބިލަކީ ރާއްޖޭގައި ހިންގާ ޕޭމަންޓް ސިސްޓަމްތަކާއި ސެކިއުރިޓީސް ސިސްޓަމްތަކާއި ކްލިޔަރިން ހައުސްތަކާއި ޕޭމަންޓް ސްކީމްތަކަށް ފައިނޭންސް ދޫކުރުމާ ބެހޭ އުސޫލްތަކާއި ސިސްޓަމްތައް ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރުމާއި ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ސިސްޓަމްތައް ހިންގުމަށްޓަކައި އަމަލު ކުރަންޖެހޭ އުސޫލްތައް ގާއިމް ކުރަން ހުށަހެޅި ބިލެކެވެ.