ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: ޔާމީން

ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.


ނޮވެމްބަރު 17، 2018 ގައި ވެރިކަން ބަދަލުވުމަށް ފަހު، ފުރަތަމަ ފަހަރަށް މިރޭ ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ސަަބަބެއް ނެތަސް އެމަނިކުފާނު ހައްޔަރު ކުރެވިދާނެ ކަމަށެވެ.

" އެއްވެސް ސަބަބެއް ނޯންނާނެ އިނގޭތޯ. އެއްވެސް ސަބަބެއް ނޯންނާނެ. ދެން މި އެކްޓިވިސްޓުންނަށް ގޮވިދާނެ ބޭރު ގައުމުތަކުގެ މީހުން ވެސް ދިވެހި ރާއްޖެއަށް އައީމަ ހައްޔަރު ކުރަން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތީ އެކަހަލަ މިނިވަންކަމެއް ކަމަށާއި އެހެން ނަމަވެސް ކަންތައްތައް ކުރަނީ އިންސާފުންތޯ ކަންތައްތައް ކުރާ މީހުން ބަލަންވާނެ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުގައި ކުށެއް ނެތް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ވެސް މިރޭ ވިދާޅުވި އެވެ. މިހާރު ސަރުކާރުން ކުރަމުން އަންނަ ކަހަލަ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ނުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން، މިރޭގެ ބައްދަލުވުމުގައި ނިލަންދޫ ދާއިރާގެ މެމްބަރު ޚަލީލްއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޔާމީނުގެ ސަރުކާރުގައި އެންމެ ފުރަތަމަ ވެސް މީހުންތަކެއް ހައްުޔަރު ކުރީ މޭޑޭގެ މުޒާހަރާއާ ގުޅިގެން 2015 ވަނަ އަހަރު ކމަށް ވެސް މިރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު އެމަނިކުފާނު ކުރިން ދައްކަވާފައިވާ ބައެއް ވާހަަތައް މިރޭ ވެސް ތަކުރާރު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އޮއްވައި، އެ މައްސަލަ ތަހުގީގު ކުރުމެއް ނެތި، ވޯޓު ކަރުދާސްތައް ނައްތައިލުމުން އެކަމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވޯޓު ކަރުދާސްތައް ރައްކާކޮށްފައި ހުރި ގުދަން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާ އިރު، އެ މައްސަލަ ހުށަހަޅާފައި އޮއްްވައި އަވަސް އަރުވާލައިގެން ކަރުދާސްތައް ނައްތައިލުމުން އެ ކަމުގެ މަގްސަދާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ. އިންތިޚާބުގެ ވޯޓު ކަރުދާހުގެ ސައްހަ ކަން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެކަމަށް އިޖާބައެއް ނުދެއްވުމުން ޕްރޮސެކިއުޓާ ޖެނެރަލްއާ ބައްދަލުކުރެއްވުމަށް ހުށަހެޅުއްވުމުން އެކަމަށް ވެސް އިޖާބަ ނުދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.އެވެ.